ފުވައްމުލަކުގެ ފެން ނުރައްކާ މިންވަރަކަށް ތަޣައްޔަރު، މައްސަލަ ހައްލުކުރަން ދެތިން ދުވަސް ވާނެ
ފުވައްމުލަކުގެ ފެން ނުރައްކާ މިންވަރަކަށް ތަޣައްޔަރު، މައްސަލަ ހައްލުކުރަން ދެތިން ދުވަސް ވާނެ

ފުވައްމުލަކުގެ ސަޕްލައި ފެން ވަނީ އިންސާނުން ބޭނުންކުރަން ރައްކާތެރި ނޫން މިންވަރަށް ތަޣައްޔަރުވެފައި ކަމަށާއި އެ މައްސަލަ ހައްލުކުރަން ދެތިން ދުވަސް ވާނެ ކަމަށް، ފުވައްމުލަކު ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

އާބާދީ 13،800 އަށް ވުރެ ބޮޑު ސިޓީގައި ފެނުގެ ނެޓްވޯކަށް ދިމާވި މައްސަލަ ހައްލުކުރަން އިއްޔެ މެންދުރު 1:00 ހާއިރު ވަނީ ފެން ކަނޑާލައިފަ އެވެ.

އެކަމާ ގުޅިގެން ފުވައްމުލަކުގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ފިކުރީ ވިދާޅުވީ، ސަޕްލައި ފެނަށް މައްސަލަ ދިމާވެގެން އުޅޭތާ އެތައް ދުވަހެއް ވެއްޖެ ކަމަށެވެ. ނަމަވެސް، ފެނަކައިން އިސްވެ އެކަން ހައްލުކުރަން މަސައްކަތެއް ކޮށްފައިނުވާ ކަމަށް ފިކުރީ ވިދާޅުވި އެވެ.

ފެނަކައިގެ ޕްލާންޓުން ފެން ލީކުވުމާއި އެއާ އެއްވަރަށް ފެން ނުއުފެއްދޭ މައްސަލަ ވެސް ވަނީ ބޮޑުވެފަ އެވެ. އެހެންވެ، ގޭގެއަށް ފެން ލިބުމުގައި ދަތިތައް ކުރިމަތިވެފައިވެ އެވެ.

މި ފަހުން އާއްމުންގެ ޝަކުވާތައް ބޮޑުވުމުން، އެ ކަންބޮޑުވުންތައް ހިއްސާކުރީ ކައުންސިލުންނެވެ. އޭގެ ފަހުން، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ އޮފިޝަލަކު މިދިޔަ ހަފުތާގައި ފުވައްމުލަކަށް ވަޑައިގެން، ފެނުގެ ސާމްޕަލް ނަގައި ހެދި ޓެސްޓުން ޔަގީންވީ، ފިކުރީ ވިދާޅުވި ގޮތުގައި، ފެނުގެ ރައްކާތެރިކަން ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމެވެ.

"އިސްސާނުން ބޭނުންކުރަން ރަނގަޅު ނުވާ ވަރަށް ދަށް ވެފައި ހުރީ ފެނުގެ ހާލަތު،" ފިކުރީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޔުޓިލިޓީގެ ލަފައާ އެކު ފެނުގެ ހާލަތު ރަނގަޅުކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެ މަސައްކަތުގައި ފެނުގެ ނެޓްވޯކަށް ހައި ޑޯޒް ކްލޮރިން އަޅާފައިވެ އެވެ.

އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އަދި އެމްއެންޑީއެފް ގުޅިގެން ފުވައްމުލަކަށް ފެން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި އައްޑުއިން ވެސް ރޭގައި ފެން ކޭސް ގެންގޮސް އަދި މާލެއިން ވެސް އިތުރު ކޭސްތައް ގެންދިއުމަށް ފަހު ގޭގެއަށް އެ ބެހުމަށް ތައްޔާރުވަމުން އަންނަ ކަމަށް ބުންޏެވެ.

އެ ރަށުގެ ފެނަކަ ބްރާންޗުން ރޭ ނެރުނު އެންގުމުގައި ވަނީ، ވޯޓާ ޕިއުރިފަޔާ ބޭނުންކޮށްގެން ބޯފެން ބޭނުންކުރާ ނަމަ، މައްސަލަ ހައްލުވަންދެން ވޯޓާ ޕިއުރިފަޔާ ވެސް ނުޖައްސަން އެދިފަ އެވެ.