11 ނޮވެމްބަރ 2025 - 12:21

ބޭންކް އޮފް މޯލްޑިވްސް އިން (ބީއެމްއެލް) އިން ރާއްޖޭގެ ޑިޖިޓަލް އިގްތިސާދު ކުރިއަރުވަން ކުރާ މަސައްކަތް މާސްޓަކާޑުން ފާހަގަކޮށް، އެ ބޭންކަށް އެވޯޑެއް ދީފި އެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި މާސްޓާކާޑުން ފާހަގަކުރީ ޑިޖިޓަލް ކަންޓްރީ ޕާޓްނަޝިޕްގެ ދަށުން ރާއްޖޭގެ އިގްތިސާދު ކުރިއަރުވައި އީޖާދީ ބަދަލެއް ގެނައުމަށް އެ ބޭންކުން ކެނޑިނޭޅި ކުރާ މަސައްކަތެވެ.
ސިންގަޕޫރުގައި ބޭއްވި "ޑިޖިޓަލް ފައިނޭންސް ލީޑަޝިޕް" އިވެންޓެއްގައި އެ އެވޯޑް ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާ ހަވާލުކޮށްދެއްވީ މާސްޓަކާޑްގެ ސްރީ ލަންކާ އަދި ރާއްޖޭގެ ކަންޓްރީ މެނޭޖަރު ސަންދުން ހަޕުގޮޑާ އެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި، ހޯމް މިނިސްޓްރީ އާއި މާސްޓަކާޑު އަދި ބީއެމްއެލް އިން ސޮއިކުރި "ޑިޖިޓަލް ކަންޓްރީ ޕާޓްނަޝިޕް" އަކީ ރާއްޖޭގައި ޑިޖިޓަލް ބަދަލުތައް ގެނައުމަށާއި، އީޖާދީ ކަންކަން ކުރިއެރުވުމަށް ބީއެމްއެލްއިން ވެފައިވާ ވައުދު ފުއްދުމަށް ކުރާ މަސައްކަތްތަކުގެ ރަމްޒެކެވެ.
ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ޒަމާނީކުރުމަށާއި ރައްކާތެރި އަދި ހަލުވި ޑިޖިޓަލް ހިދުމަތްތައް ފުޅާކުރަން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި، މުޖުތަމައުތަކަށް އިތުރު ފުރުސަތުތައް ހޯދައިދޭން، އެ ޕާޓްނަޝިޕްގެ ދަށުން ބީއެމްއެލް އާއި މާސްޓަކާޑް ގުޅިގެން އަންނަނީ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
މާސްޓަކާޑުގެ ޕްރިންސިޕަލް މެންބަރަކަށް ،2002 ވަނަ އަހަރު ވުމަށް ފަހު ރާއްޖޭގެ ފައިސާ ދެއްކުމުގެ ނިޒާމަށާއި މާލީ ދާއިރާއަށް ބޮޑެތި ބަދަލުތައް ގެންނަން އެ ބޭންކުން ވަނީ ގިނަ މަޝްރޫއުތަކެއްގައި މަސައްކަތްކޮށްފަ އެވެ.
އީޖާދީ "ސްމާޓް ސިޓީ" ހައްލުތަކުގެ ތެރެއިން، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގައި ފައިސާ ދެއްކޭނެ ހާއްސަ އިންތިޒާމެއް ހަމަޖެއްސުން އޭގެ ތެރޭގައި ހިމެނެ އެވެ.