11 ނޮވެމްބަރ 2025 - 12:27

ސިވިލް ސާވިސް މުވައްޒަފުންނަކީ ގައުމު ހިންގާ "ފައުޖު" ކަމަށާއި އެ މުވައްޒަފުންގެ ބުރަ މަސައްކަތް އަގުވަޒަން ކުރުމުގެ ގޮތުން މުސާރައަށް މި މަހު ގެނައި ބަދަލާ ގުޅިގެން ހުރި ބައެއް ކަންބޮޑުވުންތަކަށް ހައްލު ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ސޯޝަލް ސެންޓަރުގައި ހެނދުނު ބޭއްވި 57 ވަނަ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ ޖުމްހޫރީ ވެރިކަމެއްގައި ސަރުކާރަކުން ދޭ ހިދުމަތްތައް ފޯރުކޮށްދިނުމަށާއި ކަނޑައަޅާ ސިޔާސަތުތައް ތަންފީޒު ކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ "ފައުޖަކީ" ސިވިލް ސާވިސްގެ މުވައްޒަފުން ކަމަށެވެ. ދައުލަތަށް ހިދުމަތް ކުރުމުގެ ގައުމީ އިނާމު 97 ބޭފުޅަކަށް ދިން އެ ޖަލްސާގައި ރައީސް ވިދާޅުވީ އެ މުވައްޒަފުންގެ ބުރަ މަސައްކަތް އަބަދުވެސް އަގުވަޒަން ކުރަން ޖެހޭ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ ސިވިލް ސާވިސް އާއި ކައުންސިލްތަކުގެ މުވައްޒަފުންނާއި ޖުޑިޝަރީ ހިމެނޭހެން އެ ދާއިރާތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ މިހާރު ބޮޑުކޮށްފައިވާ ކަމަށާއި މި މަހުގެ މުސާރަ ލިބޭއިރު ކޮންމެ މުވައްޒަފަކަށް ވެސް ހެޔޮ ބަދަލެއް ފެންނާނެ ކަމަށެވެ.
"އެއްވެސް ހާލެއްގައި، އެއްވެސް އޮފީހެއްގެ މުވައްޒަފެއްގެ، އެއްވެސް ވަރެއްގެ ކަންބޮޑުވުމެއް މިކަމުގައި އުޅޭކަމުގައިވާ ނަމަ އެކަމެއް ކުރިއަށް އޮތް ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެ މުއައްސަސާއެއްގެ ކަމާ ބެހޭ ބޭފުޅުން ޕޭ ކޮމިޝަނާ އެކީ ކުރައްވާނެ،" ރައީސް ވިދާޅުވި އެވެ.
"[މުސާރައާ ގުޅޭ] އެއްވެސް ކަހަލަ ތަފާތު ކުރުމެއް ނުވަތަ އިޝޫއެއް އުޅޭ ނަމަ ހައްލުވާނެ."
ރައީސް ވިދާޅުވީ މުސާރަ އަށް ބަދަލު ގެނެސް ނެރެން ބޭނުންވާ ނަތީޖާއަކީ ހުރިހާ ސިވިލް ސާވިސް މުވައްޒަފުންނަށް ވެސް ލިބޭ އަސާސީ މުސާރަ ބޮޑުކޮށްދެވުން ކަމަށެވެ. އަދި މުސާރައާ އެކު ލިބޭ އެހެނިހެން އެލަވަންސްތައް ވެސް އެ އޮންނަ އުސޫލުން ދިނުން ކަމަށް ރައީސް ވިދާޅުވި އެވެ.
ދައުލަތުގެ ޕޭ ފްރޭމްވޯކުގެ ތެރެއިން މުސާރަ އަށް ބަދަލު ގެންނަން ޖެހޭ ސިވިލް ސާވިސްގެ ބާކީ ތިބި މުވައްޒަފުންނަށް މުސާރަ ބޮޑުކޮށްދިނުމަށް، ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނާފައި ވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ ހުރިހާ ސިވިލް ސާވަންޓުންނާއި ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންނާއި ޝަރުއީ ދާއިރާ ހިމެނޭހެން 20،000 އަށް ވުރެ ގިނަ މުވައްޒަފުންގެ މުސާރަ އަށް މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ވަނީ ބަދަލު ގެނެސް، މުސާރަ ބޮޑުކޮށް ދީފަ އެވެ.
މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް އަޑުއަހައި، މުސާރައަށް ބަދަލު ގެނައި އުސޫލަށް ރިއާޔަތްކޮށް، ޕޭ ކޮމިޝަނުން އެ ކަންބޮޑުވުންތަކަށް ޖަވާބު ދޭނެ ކަމަށް ރައީސް މީގެ ކުރިން ވެސް ވަނީ ވިދާޅުވެފަ އެވެ.