11 ނޮވެމްބަރ 2025 - 11:09

ސޮނީ ފިޝިން އިން ބާއްވާ "ކަނޑު ފޯރި" މަސް ރޭސް މިދިޔަ ހޮނިހިރު ދުވަހު ބާއްވައިފި އެވެ.

ހޮނިހިރު ދުވަހު ފަތިހު މި މުބާރަތް ފައްޓަވައިދެއްވީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސްގެ ޑީން, ޑރ. ރިޔާޒް ޖައުހަރީ އެވެ.

ހެނދުނު 6 އިން އިރުއޮއްސި 6 އާ ހަމައަށް ކުރިއަށް ގެންދިޔަ މި މުބާރާތުގެ ބައިވެރިންނަށް މަސްވެރިކަން ކުރުމުގެ ފުރުސަތު ދީފައި ވަނީ ކ. އަތޮޅުގައި އެކަންޏެވެ.

ޖުމްލަ 14 ޓީމަކުން ވާދަކުރި މި މުބާރާތް ކުރިއަށް ދިޔަ ވަގުތު، ބާނަމުން ދިޔަ މަހުގެ އަދަދާއި, މަހުގެ ވައްތަރުތަކާއި, މަހުގެ ބޮޑުމިނާއި މަސް ބޭނި ސަރަހައްދުގެ މައުލޫމާތު މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރުއައި) އާއި އެމްއެންޔޫއަށް ވަނީ ހިއްސާކޮށްފަ އެވެ. އެ މައުލޫމާތު ހިއްސާކޮށްފައި ވަނީ އެ ދެ މަރުކަޒުގެ މަސްވެރިކަމާ ގުޅުންހުރި ދިރާސާތަކަށް އެހީތެރިވުމަށެވެ.
މި މުބާރާތަކީ ފަރުތަކާ ގުޅުން ހުރި ޓޮޕްވޯޓާ ގޭމް ފިޝްގެ ގޮތުގައި މަޝްހޫރު މުޑަހަނދި ބޭނުމަށް ހާއްސަކޮށްފައިވާ މުބާރާތެކެވެ. މުޑަހަންޖަކީ ސްޕޯޓް ފިޝިން ޓޫރިޒަމްގައި މަޝްހޫރު އަދި މެރިން އިކޯސިސްޓަމް ބެލެންސް ކުރުމަށް ހާއްސަ މަހެކެވެ.
ސޮނީ ފިޝިން އިން ބުނި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ ސައިންސްގެ އެހީގައި ދޮށީގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތުގައި ކުރުމަށް މަސްވެރިންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމެވެ.
މި އަހަރުގެ "ކަނޑު ފޯރީ"ގެ އެންމެ މޮޅު ހަތަރު މަސްވެރިން ވަނީ ހޮވައިފަ އެވެ. އެގޮތުން، އެއް ވަނަ އައިލެންޑް ފިޝިންގެ މުންތާޒް ކާމިޔާބުކުރި އިރު, ދެ ވަނަ ހޯދީ އެ ޓީމުގެ ޔާމިން އެވެ. އަދި ތިން ވަނަ ނައިޓް އެޓް ސީ ސަންވީލް ހޯދި އިރު ހަތަރު ވަނަ ހޯދީ ކްލަބް އެޗްޑީސީގެ ސޮބާހު އެވެ. އެ މުބާރުގެ ޗެމްޕއަންކަން ހޯދީ އައިލެންޑް ފިޝިން ޓީމެވެ. އަދި ދެ ވަނަ ހޯދީ ޓީމް ނޯރާ އެވެ. އެ މުބާރާތުގެ ތިން ވަނަ ހޯދީ ޝިޔާޒް ސްޕޯޓްސް ފިޝިން އެވެ.
މި މުބާރާތުގެ އެންމެ މޮޅު އަންހެން މަސްވެރިޔަކަށް ޓީމް މަލަހިނީގެ ސުމައްޔާ ހޮވުނު އިރު އެންމެ މޮޅު ޖޫނިއާ މަސްވެރިއަކަށް ހޮވުނީ ޓީމް ބަނޫންގެ ކިޔާން އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކައްޕިއަކަށް ހޮވުނީ އައިލެންޑް ފިޝިންގެ ކައްޕި އެވެ.
"ކަނޑު ފޯރި" މަސް ރޭހުގައި މިއަހަރު ބައިވެރިވެރި 10 އަހަރާއި 17 އަހަރާ ދެމެދުގެ ޖޫނިއާ ދެ މަސްވެރިއެއް ފާހަގަކޮށް އެ ކުންފުނިން ވަނީ ހަނދާނީ ފިލައެއް ދީފަ އެވެ. އެއީ މުހައްމަދު ކެޔާން ހަލީލް އާއި ބަލްގިސް އާސިމް މުހައްމަދެވެ.
"ކަނޑުފޯރި" އަކީ ކުޅިވަރުގެ މަސްވެރިކަން ކުރަންވީ ރަނގަޅު ގޮތްތަކާއި ދޮށީގެ މަސައްވެރިކަން ކުރުމުގައި ގެންގުޅެންވީ އެންމެ ރަނގަޅު އުސޫލުތަކަށް އަހުލުވެރިކޮށް, އެކަންކަމަށް ހިތްވަރުދީ, ޒުވާނުންގެ މެދުގައި ދެމެހެއްޓެނިވި ގޮތުގައި މަސްވެރިކަން ކުރުމުގެ ރޫހު އާލާ ކުރުމުގެ ގޮތުން ސޮނީ ފިޝިންއިން ތައާރަފްކުރި ހާއްސަ ޕްލެޓްފޯމެކެވެ. ސޮނީ ފިޝިންގެ އަމާޒަކީ ރާއްޖޭގައި ދެމެހެއްޓެނިވި ގޮތުގައި ކުޅިވަރުގެ މަސްވެރިކަން ކުރެވޭނެ ސަގާފަތެއް ބިނާކުރުމެވެ.
ސޮނީ ސްޕޯޓްސްއިން "ކަނޑު ފޯރީ"ގެ ފުރަތަމަ މުބާރާތް ބޭއްވީ 2023 ވަނަ އަހަރު އެވެ. މިއީ މުބާރާތް ބޭއްވި ތިން ވަނަ އަހަރެވެ.