11 ނޮވެމްބަރ 2025 - 11:18

އައްޑު ހިތަދޫގެ މިސްކިތަކަށާއި މާލޭގެ މިސްކިތަކަށް ގެއްލުން ދިން މައްސަލައެއް ތަހުގީގުކުރަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ސުލްތާން ހަސަން އިއްޒުއްދީން މިސްކިތް (ތައިބާ މިސްކިތް) ގެ ކުޑަދޮރެއްގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދިން މައްސަލައެއް ހެނދުނު 7:00 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގެ ތަހުގީގަށް ކުށުގެ ވެށިން ވަނީ މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ ގއ. ގެމަނަފުށި، އައްޑަނަ، މުހައްމަދު މުތީއު ހަސަން، 24، އެވެ.
އައްޑޫ ހިތަދޫގެ މިސްކިތުގައި ހުރި ބައެއް ތަކެއްޗަށް ގެއްލުން ދިން މައްސަލައެއް ވެސް އިއްޔެ ހަވީރު 5:40 ހާއިރު ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފަ އެވެ.
"މިޝްކާތު ފައުންޑޭޝަން" ނަމަކަށް ކިޔާ ޕޭޖަކުން ފޭސްބުކްގައި އާއްމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، މަސްޖިދުލް އުމަރުލް ފާރޫގުގެ އެތެރޭގައި ބަހައްޓާފައި ހުރި ބައެއް ގުރުއާން ހަތިމްތަކަކާއި ގޮނޑިތަކާއި ފެން ފުޅިތައް ވެސް ހުރީ މިސްކިތް ތެރެއަށް އުކާލައިފަ އެވެ.
އެ މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ އެ މައްސަލަ ބަލައި ތަހުގީގުކޮށް، ގާނޫނީ ގޮތުން ފިޔަވަޅު އަޅަން ކަމާ ބެހޭ އިދާރާތަކާ ގުޅިގެން މިނިސްޓްރީން މަސައްކަތް ފަށާފައިވާ ކަމަށެވެ.