އޮންދިގޯ އިން ޖީއެސްޓީ އާއި ކޮތަޅު ފީއަށް 14 ދުވަސް ތެރޭ 8.5 މިލިއަން ދައްކަން ހުކުމްކޮށްފި
އޮންދިގޯ އިން ޖީއެސްޓީ އާއި ކޮތަޅު ފީއަށް 14 ދުވަސް ތެރޭ 8.5 މިލިއަން ދައްކަން ހުކުމްކޮށްފި

ރާއްޖެއަށް އެކި ބާވަތްތަކުގެ މުދާ އެތެރެކޮށް ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ އޮންދިގޯ ޕްރައިވެޓް ލިމިޓެޑުން ޖީއެސްޓީ އާއި ޕްލާސްޓިކް ކޮތަޅު ފީ އާއި އެ ފައިސާ ނުދެއްކުން އަރާފައިވާ ޖޫރިމަނާއާ އެކު 8.5 މިލިއަން ރުފިޔާ މޯލްޑިވްސް އިންލޭންޑް ރެެވެނިއު އޮތޯރިޓީ (މީރާއަށް) ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ސިވިލް ކޯޓުން އާދީއްތަ ދުވަހު ކުރި ހުކުމުގައިވާ ގޮތުން، 2020 ވަނަ އަހަރުގެ މެއި މަހުން ފެށިގެން 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހާ ހަމައަށް އޮންދިގޯއިން ޖީއެސްޓީގެ ގޮތުގައި ދައްކަންޖެހޭ 7.3 މިލިއަން ރުފިޔާ އެ ކުންފުނިން އޮތީ ނުދައްކަ އެވެ. އެހެންވެ، ޖޫރިމަނާގެ ގޮތުގައި އެ ކުންފުނިން 1.8 މިލިއަން ރުފިޔާ ދައްކަން ޖެހޭ އިރު ޕްލާސްޓިކް ކޮތަޅު ފީގެ ގޮތުގައި ދައްކަން ޖެހޭ 474ރ. ވެސް އޮންދިގޯއިން ނުދައްކާ ކަމަށް ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން އެ ފައިސާ ހޯދަން މީރާއިން ސިވިލް ކޯޓުގައި ދައުވާކުރުމުން އެ ދައުވާގެ ލިޔެކިޔުންތައް އޮންދިގޯއަށް ރައްދުކުރި ނަމަވެސް، އެކަމަށް ގާނޫނުގައި އޮންނަ މުހުލަތުގައި ޖަވާބުދާރީވެފައެއް ނުވެ އެވެ.

އެހެންވެ އޮންދިގޯގެ ޣައިރު ހާޒިރުގައި، ޝަރީއަތް ހިންގުމަކާ ނުލައި މައްސަލަ ނިންމައިދޭން މީރާއިން އެދުމުން އެގޮތަށް ވަނީ މައްސަލަ ކުރިއަސް ގެންގޮސްފަ އެެވެ. ފައިސާގެ އަދަދު ކަނޑައެޅިގެން ބަޔާންކޮށްފައިވާ ހާލަތުގައި ދައުވާ ލިބޭ ފަރާތުން ރައްދު ނުދޭ ނަމަ ޝަރީއަތް ހިންގުމަކާ ނުލައި ޣައިރު ހާޒިރުގައި ހުކުމް ކުރެވޭނެ ކަމަށް މަދަނީ އިޖުރާއަތުގެ ގާނޫނުގައި އޮވެ އެވެ.

އެހެންވެ، މީރާއިން ކުރި ދައުވާގައިވާ 8،511،029.30ރ. އަކީ އޮންދިގޯ އިން ދައްކަންޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ހުކުމް ކުރީ މި މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން 14 ދުވަސް ތެރޭ މި ފައިސާ މީރާއަށް ދެއްކުމަށެވެ.