11 ނޮވެމްބަރ 2025 - 11:03

ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު 97 ބޭފުޅަކަށް އަދި މަތީ ދަރަޖަ 33 ބޭފުޅަކަށް މިއަދު އަރުވައިފި އެވެ.
ދައުލަތަށް ހިދުމަތްކުރުމުގެ އިނާމާއި މަތީ ދަރަޖަ ހޯދި ބޭފުޅުންނަށް އިނާމު އެރުވީ ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި 57 ވަނަ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ރައީސް އޮފީހުން ބުނީ ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު މިއަދު ލިބުނު 97 ބޭފުޅުންނަކީ 35 އަހަރާއި 39 އަހަރާ ދެމެދުގެ މުއްދަތަށް ދައުލަތަށް ހިދުމަތް ކުރެއްވި ބޭފުޅުން ކަމަށެވެ. އަދި 40 އަހަރަށް ވުރެ ގިނަ ދުވަހު ދައުލަތަށް ހިދުމަތް ކުރެއްވި 94 ބޭފުޅަކަށް މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި އިނާމު އަރުވާފައިވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
ދައުލަތަށް ހިދުމަތްކުރުމުގެ އިނާމުގެ ގޮތުގައި ރައީސް ދެއްވީ ޝަރަފުގެ ބެޖަކާއި ޝަރަފުގެ އައްޑަނައަކާއި ހަނދާނީ ލިޔުމެކެވެ.
ދައުލަތަށް ހިދުމަތްކުރުމުގެ އިނާމަކީ ދައުލަތަށް 35 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން ފާހަގަކުރެވޭ ބޭފުޅުންނަށް ދޭ އިނާމެކެވެ. އެއީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިހުލާސްތެރިކަމާ އެކު ކުރައްވައިފައިވާ ހިދުމަތްތަކަށާއި އެ ބޭފުޅަކު ވަޒީފާ އަދާކުރި މުއައްސަސާގެ ކުރިއެރުމަށް ކޮށްފައިވާ ހިދުމަތުގެ އަގު ވަޒަންކުރަން ދޭ އިނާމެކެވެ.
މިއީ ދައުލަތުގެ ކޮންމެ މަގާމެއްގައި ހުންނަވައިގެން ވަޒީފާ އަދާކުރެއްވި ނަމަވެސް، އިނާމު ދިނުމަށް ކަނޑައަޅައިފައިވާ ޝަރުތު ހަމަވާ ނަމަ ދޭ އިނާމެކެވެ.
ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު ދޭން ފެށީ 2021 ވަނަ އަހަރު އެވެ.
މަތީ ދަރަޖަ އަރުވަނީ ރާއްޖެއަށް ރީތި ނަން ހޯދައިދީގެންނާއި މަސައްކަތްތެރިކަމާއި އިލްމީ ގޮތުން އެކި ކާމިޔާބުތައް ހޯދާފައިވާ ބޭފުޅުންނަށެވެ.
ރައީސް އޮފީހުން ބުނީ މަތީ ދަރަޖައިގެ އިނާމަށް 90 ބޭފުޅަކު މި ފަހަރު ފޯމު ހުށަހެޅި ކަމަށާއި އޭގެ ތެރެއިން އެ އިނާމު ދިނުމަށް ޝަރުތު ހަމަވީ 33 ބޭފުޅަކަށް ކަމަށެވެ.
އެއީ، ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 10 ގެ ސަނަދެއް ހާސިލްކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލްކުރެއްވި 8 ބޭފުޅަކަށާއި ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ނުވަތަ ލެވަލް 8 ގެ ނުވަތަ ލެވަލް 9 ގެ ސަނަދެއް ހާސިލް ކުރުމުގައި އެންމެ މަތީ ވަނަ ހޯދައިގެން 23 ބޭފުޅަކެވެ. އަދި ބައިނަލްއަގުވާމީ މުބާރާތްތަކުން ނުވަތަ ބައިނަލްއަގުވާމީ އެ ނޫން ވެސް މިންކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯދައިގެން އިނާމު ހާސިލްކުރެއްވި ދެ ބޭފުޅެކެވެ.
މަތީ ދަރަޖައިގެ އިނާމުގެ ގޮތުގައި ރައީސް ދެއްވީ ޝަރަފުގެ ބެޖަކާއި ހަނދާނީ ލިޔުމެކެވެ.