11 ނޮވެމްބަރ 2025 - 09:51

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ މެދުތެރޭގައި، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ރެޑް ފޯޓް ސަރަހައްދުގައި ރޭ ކާރެއް ގޮވައި އަށް މީހަކު މަރުވި ހާދިސާގެ ހަގީގަތް އަދި ނޭނގޭ ކަމަށާއި ފޮރެންސިކް ސާމްޕަލްތައް ހޯދައި ތަހުގީގު ކުރިއަށްދާ ކަމަށްވާ އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހު ވިދާޅުވެއްޖެ އެވެ.
މީހުން ގިނަ، އިންޑިއާގެ ލޭންޑްމާކެއް ކަމަށްވާ ރެޑް ފޯޓް ސަރަހައްދުގައި، ރޭ އިރާކޮޅު ހިނގި މި ހާދިސާގައި އަށް މީހަކު މަރުވި އިރު 19 މީހަކު ޒަހަމްވެފައިވެ އެވެ. މި ގޮވުމުގެ ސަބަބަކީ ކޮބައިކަމެއް އަދި ލަފާކުރެވޭ ގޮތެއް ވެސް ފުލުހުން ބުނެފައެއް ނުވެ އެވެ.
ރޭ ވަރަށް ދަންވި ފަހުން ނޫސްވެރިންނާ ބައްދަލުކުރައްވައި އަމިތު ޝާހު ވިދާޅުވީ ތަހުގީގު ކުރިއަށްދަނީ "ހުރިހާ ދިމާލަކަށް ނަޒަރު ބަހައްޓައިގެން" ކަމަށާއި ފޮރެންސިކް ތަހުލީލުތައް ނިމުމުން ނޫނީ މިއީ "ކިހިނެއް ހިނގި ހާދިސާއެއްކަން ބުނަން އަދި ވަރަށް އުނދަގޫ" ކަމަށެވެ.
ކާރު ގޮވައި، އެހެން ބައެއް ވެހިކަލްތައް ވެސް އަނދައިގެން ދިޔަ ނުރައްކާތެރި ހާދިސާ ހިނގި ސަރަހައްދު މިހާރު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. ގޮވި ވެހިކަލް ވެސް ނުފެންނަ ގޮތަށް ފޮރެންސިކް ޓީމުތަކުން ވަނީ ބަންދުކޮށްފަ އެވެ. ފޮރެންސިކް ޓީމްތަކުގެ އިތުރުން އެންޓި ޓެރަރިޒަމް އެޖެންސީތަކުން ވެސް ހެކި ހޯދުމުގެ މަސައްކަތް އެ ސަރަހައްދުގައި ގެންދަނީ ކުރަމުންނެވެ.
ސަތާރަ ވަނަ ގަރުނުގެ ބިނާއެއް ކަމަށްވާ ރެޑް ފޯޓަކީ އިންޑިއާގެ އެންމެ މަޝްހޫރު އެއް ލޭންޑްމާކެވެ. މިއީ އިންޑިއާގެ މިނިވަން ދުވަސް ފާހަގަކުރާ ރަސްމިއްޔާތުތަކުގައި އެ ގައުމުގެ ބޮޑުވަޒީރު ގައުމާ މުހާތަބުކުރުން ވެސް ބާއްވާ މައިދާނެވެ.
މަންޒަރު ދުށް މީހުން އޭއެފްޕީއަށް ކިޔައިދިން ގޮތުގައި ކާރު ގޮވީ ދުއްވަމުން ދަނިކޮށެވެ.
"މީހުންގެ ގައިގައި އަލިފާން ރޯވެ އަނދަމުން ދިޔައިރު އަހަރެމެން އެ މީހުން ސަލާމަތް ކުރެވޭތޯ ބެލިން ... ކާރުތަކާއި މީހުން ވެސް އަނދަމުން ދިޔަ ... މީހުން ތިބި ބައެއް ކާރުތައް ވެސް އަނދަމުން ދިޔަ،" މަންޒަރު ދުށް މީހަކު ބުންޏެވެ.
މި ހާދިސާއާ އެކު ދިއްލީ އާއި މުމްބާއީ އާއި އެހެން ބައެއް ހިސާބުތަކުގައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.