ބޮލީވުޑްގެ ލެޖެންޑް ދަރްމެންދުރަ މަރުވެއްޖެ
ބޮލީވުޑްގެ ލެޖެންޑް ދަރްމެންދުރަ މަރުވެއްޖެ

ބޮލީވުޑްގެ ލެޖެންޑް ދަރްމެންދުރަ މިއަދު މަރުވެއްޖެ އެވެ.

އުމުރުން 89 އަހަރުގައި ދަރްމެންދުރަ މަރުވިކަން "ފިލްމުފެއާ" އާއި "ހިންދުސްތާން ޓައިމްސް" އިން ދެންމެ ވަނީ ކަށަވަރުކޮށްދީފަ އެވެ.

ދަރްމެންދުރަގެ ހާލު ގޯސްވެގެން އިންޑިއާގެ މުމްބާއީގެ ބްރީޗް ކޭންޑީ ހޮސްޕިޓަލުގައި މި މަހު ކުރީކޮޅު ފަރުވާދިނުމަށް ފަހު ގެއަށް ދޫކޮށްލީ މިދިޔަ ހަފުތާގަ އެވެ. މާ ބޮޑަށް ހާލު ދެރަވެ، ވެންޓިލޭޓަރުގައި ބާއްވައިގެން ވެސް އޭނާއަށް ފަރުވާދިނެވެ.

މިދިޔަ މަހު ފަހުކޮޅު ވެސް އޭނާ ވަނީ ހޮސްޕިޓަލުގައި ބާއްވައިފަ އެވެ. އެ ފަހަރު އޭނާ ބޭއްވީ މެޑިކަލް ޗެކަޕްތަކެއް ހެދުމަށްޓަކާ ހޮސްޕިޓަލުގައި މަޑުކުރަން އަމިއްލައަށް އެދިގެންނެވެ.

"ޝޯލޭ" އާއި "ޗުޕް ޗުޕް ކޭ" އަދި "ރާމް ބަލްރާމް" ކަހަލަ މަޝްހޫރު ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ދަރްމެންދުރަ އެންމެފަހުން ފެނުނީ މިދިޔަ އަހަރު ގެނެސްދިން ފިލްމު "ތޭރީ ބާތޯ މެއިން އޭސާ އުލްޖާ ޖިޔާ" އިންނެވެ. އަދި އަންނަ މަހު ރިލީޒްކުރާ ބޮލީވުޑްގެ ހަނގުރާމަ މަތީ ފިލްމު "އިއްކިސް"ގެ ރޯލެއް ވެސް އޭނާ ވަނީ ކުޅެފަ އެވެ.

އޭނާގެ ދިގު ފިލްމީ ކެރިއަރުގައި 300 އަށް ވުރެ ގިނަ ފިލްމު ކުޅެފައިވެ އެވެ. އޭގެ ތެރޭގައި ލޯބީގެ ފިލްމުތަކާއި އެކްޝަން، ކޮމެޑީ އަދި ޑްރާމާ ފިލްމުތައް ވެސް ހިމެނެ އެވެ.

ދަރްމެންދުރަ މަރުވި އިރު، އޭނާގެ ދެ އަނބިންނާއި ހަ ކުދިން ތިބެ އެވެ.

ދަރްމެންދުރަގެ ހަގު އަތްނބަކީ ކުރީގެ މަޝްހޫރު އެކްޓްރެސް އަދި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ހެމާ މާލިނީ އެވެ. ހެމާއަށް ދަރްމެންދުރަގެ ދެ ކުދިން ތިބޭއިރު، ދޮށީ ދަރިފުޅު އީޝާ ޑިއޯލް ކުރިން ފިލްމު ކުޅުނެވެ.

ދަރްމެންދުރަގެ ދަރިން ކަމަށްވާ ސަނީ ޑިއޯލް އާއި ބޮބީ ޑިއޯލްއަކީ މިހާރު ބޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ ދެ އެކްޓަރުންނެވެ. ސަނީ އާއި ބޮބީއަކީ ދަރްމެންދުރަގެ ދޮށީ އަނބި ޕްރަކާޝް ކޯރަށް ލިބުނު ދަރިންނެވެ. އެ އަތްނބަށް ހަތަރު ކުދިން ތިބެ އެވެ.