11 ނޮވެމްބަރ 2025 - 07:14

ނުބައިބައި ރޯލުތައް ކުޅެން މަޝްހޫރު ބޮލީވުޑްގެ އެކްޓަރު ޕްރޭމް ޗޯޕްރާގެ ހާލު ގޯސްވެގެން އެޑްމިޓުކޮށްގެން އޭނާއަށް ފަރުވާ ދެމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ހިންދުސްތާން ޓައިމްސްގައި ބުނީ އުމުރުން 92 އަހަރުގެ ޕްރޭމް ޗޯޕްރާ އިންޑިއާގެ މުމްބާއީގެ ލީލާވަތީ ހޮސްޕިޓަލުގައި އެޑްމިޓުކޮށް، އޭނާއަށް ފަރުވާ ދެމުން އަންނަ ކަމަށެވެ.
ޕްރޭމް ޗޯޕްރާ އެޑްމިޓްކުރީ ވައިރަލް އިންފެކްޝަނެއްގެ ސަބަބުން ކަމަށާއި ފަރުވާއަށް އޭނާ 3-4 ދުވަހަށް ހޮސްޕިޓަލުގައި ބާއްވަން ޑޮކްޓަރުން ނިންމާފައިވާ ކަމަށް ވެސް އެ ނޫހުގައި ބުންޏެވެ.
އޭނާއަކީ ހިތުގެ މައްސަލަ ހުންނާތީ އެކަމަށް ވެސް ދާއިމަށް ފަރުވާކުރަމުން އަންނަ މީހެކެވެ.
ޕްރޭމް ޗޯޕްރާއަކީ 1960 އާއި 1970ގެ އަހަރުތަކުގައި ބޮލީވުޑްގެ ފިލްމުތަކުގައި ވިލަންގެ ރޯލު ކުޅުމަށް ވަރަށް މަޝްހޫރު އެކްޓަރެކެވެ. އޭނާގެ ދިގު ފިލްމީ ކެރިއަރުގައި 380 އަށް ވުރެ ގިނަ ފިލްމު ކުޅެފައިވެ އެވެ.
ޕްރޭމް ޗޯޕްރާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، ބޮލީވުޑްގެ ލެޖެންޑަރީ އެކްޓަރު ދަރްމެންދުރަގެ ހާލު ގޯސްވެގެން އޭނާ ވެސް އޮތީ އިއްޔެ އިން ފެށިގެން އެޑްމިޓުކޮށްފަ އެވެ.
ދަރްމެންދުރަ މަރުވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިއްޔެ އަޑު ފެތުރި ނަމަވެސް، އޭނާގެ އާއިލާއިން ރޭ ވަނީ އެ ވާހަކަ ދޮގުކޮށްފަ އެވެ. އަދި ދަރްމެންދުރަގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށާއި އޭނާ މިހާރު އޮތީ އޮބްޒަވޭޝަންގައި ކަމަށް ވެސް އާއިލާއިން ބުންޏެވެ.