ލީގު ވާދަވެރިނުވުމުގެ ޒިންމާ ބަޔާނުން ނަގަން ނުޖެހޭ: ލާމް
ލީގު ވާދަވެރިނުވުމުގެ ޒިންމާ ބަޔާނުން ނަގަން ނުޖެހޭ: ލާމް

މިއުނިކް (މާޗް 30) – ޖަރުމަން ލީގު ވާދަވެރިނުވުމުގެ ޒިންމާ ބަޔާން މިއުނިކުން ނަގަން ނުޖެހޭނެ ކަމަށް އެ ޓީމުގެ ކެޕްޓަން ފިލިޕް ލާމް ބުނެފި އެވެ.

މި ސީޒަނުގެ ލީގު ނިމެން ގާތްވެފައިވާއިރު ބަޔާން އެއް ވަނައިގައި އޮތީ 13 ޕޮއިންޓުގެ ލީޑެއްގަ އެވެ. ފަހަކަށް އައިސް ހުރިހާ ސީޒަނެއް ވެސް ބަޔާނުން ޑޮމިނޭޓްކުރަނީ ބޮޑު ލީޑަކާ އެކު އެވެ. މި ފަހަރު ދެ ވަނައިގައި އޮތީ އަލަށް ވާދަކުރާ އާރްބީ ލީޕްޒީގެވެ. ތިން ވަނައިގައި އޮތީ ބަޔާނަށް ފަހު ޖަރުމަނުގެ އެންމެ ވަރުގަދަ ޓީމު ކަމަށްވާ ބޮރޫޝިއާ ޑޯޓްމަންޑެވެ.

"ބޮރޫޝިއާ ޑޯޓްމަންޑަކީ ޖަރުމަން ލީގުގެ ރޭސް ވާދަވެރިކުރެވިދާނެ ފެންވަރުގެ ޓީމެއް. އަހަންނަށް ހީވާ ގޮތުގައި ބަޔާން މިއުނިކް ވަރުގަދަވުމުގެ ޒިންމާ ހަމައެކަނި ބަޔާން މިއުނިކުން ނަގަން ނުޖެހޭ. އެހެން ޓީމުތަކަށް ވެސް އެއްވަރެއްގައި ނުހިފެހެއްޓެނީ،" މި ސީޒަނަށް ފަހު ރިޓަޔާކުރަން ނިންމާފައިވާ ލާމް ބުންޏެވެ.

ލާމް ބުނީ ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ފިޔަވައި، ވަރުގަދަ ޓީމުތަކެއް ޖަރުމަން ލީގުގައި ނެތް ކަމަށް ގަބޫލުކުރާ ކަމަށެވެ.

ޖަރުމަން ލީގަކީ އެންމެ ގިނަ ބަޔަކު ކުޅިބަލަން ސްޓޭޑިއަމަށް ވަންނަ ލީގެވެ. އަދި ޖަރުމަން ލީގުގެ ކްލަބްތަކުން އަންނަނީ ޔޫރަޕުގައި ރަނގަޅަށް ވާދަކުރަމުންނެވެ. އެކަމަކު ލީގުގައި އެންމެ ޓީމެއް ނުވަތަ ދެ ޓީމަކުން އަބަދު ވާދަކުރާތީ ގައުމުން ބޭރުގައި އެ ލީގުގެ މަގުބޫލުކަން ކުޑަ އެވެ.