ދަރްމެންދުރަ މަރެއް ނުވޭ: އާއިލާ
ދަރްމެންދުރަ މަރެއް ނުވޭ: އާއިލާ

ސިއްހީ ހާލަތު ގޯސްވެގެން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ބޮލީވުޑްގެ ލެޖެންޑަރީ އެކްޓަރު ދަރްމެންދުރަ މަރުވި ކަމަށް ބުނެ ފަތުރާ ވާހަކަތައް އޭނާގެ އާއިލާއިން ރޭ ދޮގުކޮށްފި އެވެ.

އާއިލާގެ ފަރާތުން އޭނާގެ ދަރިފުޅު އަދި ބޮލީވުޑްގެ ތަރި ސަނީ ޑިއޯލް ނެރުނު ބަޔާނެއްގައި ވަނީ ދަރްމެންދަރު މަރުވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރާ ވާހަކަތައް ދޮގުކޮށްފަ އެވެ.

ސަނީގެ ބަޔާނުގައި ބުނީ ބައްޕަގެ ހާލު މިހާރު ރަނގަޅުވަމުން އަންނާތީ އޮބްޒަވޭޝަންގައި ބާއްވާފައިވާ ކަމަށެވެ. އަދި ދޮގު ވާހަކަތައް ނުފަތުރައި ބައްޕައަށް އަވަސް ޝިފާއެއް ލިބޭތޯ ދުއާކޮށްދިނުމަށް ވެސް އޭނާގެ ބަޔާނުގައި ވަނީ އެދިފަ އެވެ.

އުމުރުން 89 އަހަރުގެ ދަރްމެންދުރަގެ ހާލު ގޯސްވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރީ އިއްޔެ މެންދުރު ފަހު އެވެ. އަދި ވެންޓިލޭޓަރުގައި ބާއްވައިގެން ވެސް އޭނާއަށް އިއްޔެ ފަރުވާދިން ކަމަށް ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ދަރްމެންދުރަ އިއްޔެ އެޑްމިޓްކުރި އިރު، މިދިޔަ މަހު ފަހުކޮޅު ވެސް އޭނާ ވަނީ ހޮސްޕިޓަލުގައި ބާއްވައިފަ އެވެ. އެ ފަހަރު އޭނާ ބޭއްވީ މެޑިކަލް ޗެކަޕްތަކެއް ހެދުމަށްޓަކާ ހޮސްޕިޓަލުގައި މަޑުކުރަން އަމިއްލައަށް އެދިގެންނެވެ.

މި އަންނަ މަހު 8 ގައި ދަރްމެންދުރައަށް 90 އަހަރު ވާނެ އެވެ. އެ އުމުރުގައި ވެސް އޭނާ އަންނަނީ ދޭތެރެއަކުން ފިލްމެއް ކުޅެމުންނެވެ. އޭނާ އެންމެފަހުން ފެނުނީ މިދިޔަ އަހަރު ގެނެސްދިން ފިލްމު "ތޭރީ ބާތޯ މެއިން އޭސާ އުލްޖާ ޖިޔާ" އިންނެވެ. އަދި މި މަހު ރިލީޒްކުރާ ބޮލީވުޑްގެ ހަނގުރާމަ މަތީ ފިލްމު "އިއްކިސް"ގެ ރޯލެއް ވެސް އޭނާ ވަނީ ކުޅެފަ އެވެ.

ދަރްމެންދުރަ ކައިވެނިކޮށްގެން އުޅެނީ ކުރީގެ އެކްޓްރެސް އަދި މިހާރު ސިޔާސީ ދާއިރާގައި މަސައްކަތްކުރާ ހެމާ މާލިނީއާ އެވެ. ހެމާ ވެސް ވަނީ ދަރްމެންދުރަ މަރުވި ކަމަށް ބުނެ ފަތުރާ ވާހަކަތައް ދޮގުކޮށް އެކްސްގައި ޕޯސްޓެއް ކޮށްފަ އެވެ.

ދަރްމެންދުރަގެ ދެ ދަރިން ކަމަށްވާ ސަނީ ޑިއޯލް އާއި ބޮބީ ޑިއޯލްއަކީ މިހާރު ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު ތަރިންގެ ތެރޭގައި ހިމެނޭ ދެ އެކްޓަރުންނެވެ. އެ ދެ ތަރިން ވެސް މިހާރު އަންނަނީ ގިނަ ފިލްމުތަކެއްގައި މަސައްކަތް ކުރަމުންނެވެ.