ފުވައްމުލަކު ސަޕްލައިފެން ތަޣައްޔަރުވުމުން ފެން ކަނޑާލައި ސާފުކުރަނީ
ފުވައްމުލަކު ސަޕްލައިފެން ތަޣައްޔަރުވުމުން ފެން ކަނޑާލައި ސާފުކުރަނީ

ފުވައްމަލުގައި ފެނަކަ އިން ދޫކުރާ ސަޕްލައި ފެން ތަޣައްޔަރުވެ ބޭނުން ނުކުރެވޭ ވަރު ވުމުން މުޅި ރަށުން ފެން ކަނޑާލައި، ފެނުގެ ނެޓްވޯކް ސާފުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެ ރަށުގެ ފެނަކަ ބްރާންޗުން ނެރުނު އެންގުމެއްގައި ބުނީ ފެނުގެ ހިދުމަތް ވަގުތީ ގޮތުން ކަނޑާލީ އެ ނެޓްވޯކު ސާފުކުރުމަށް ހައި ޑޯޒެއްގެ ކްލޮރިން އެޅުމަށް ކަމަށެވެ. އެހެންވެ، މި ވަގުތު އެ ފެން ބޭނުންކުރުން ރައްކާތެރި ނުވާނެތީ، އެ ފެން ބޭނުން ނުކުރަން ވަނީ އަންގައިފަ އެވެ.

ފުވައްމުލަކުގެ ގިނަ ގޭގައި ބޯން ބޭނުންކުރަނީ، ސަޕްލައި ފެން ފިލްޓާ ކޮށްގެންނެވެ.

އެ އެންގުމުގައި، ފެނުގެ ހިދުމަތް މެދުކެނޑޭ ގަޑިތަކުގައި ވޯޓާ ޕިއުރިފަޔާ ވެސް ނިއްވާލަން ވަނީ އެދިފަ އެވެ.

ފުވައްމުލަކުން ވާހަކަދެއްކި މީހަކު "މިހާރު" އަށް ބުނީ ފެނުގެ މައްސަލަ ދިމާވެގެން އުޅޭތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އެ ފެނުގެ ރަހަ އާއި ކުލަ ވެސް ހުންނަނީ ބަދަލުވެފައި ކަމަށާއި އެކަމަކު މީހުން ދިޔައީ އެ ފެން ބޭނުންކުރަމުން ކަމަށް އޭނާ ބުންޏެވެ.

"ވަރަށް ދުވަސްވެއްޖެ ސަޕްލައި ފެނުގެ މެއިންޓެނަންސް އެކޭ ކިޔާފައި ރޭގަނޑު ފެން ކަނޑާތާ ވެސް،"

ފެނުގެ މައްސަލަ މާ ބޮޑަށް ގޯސްވެ، އެ ރަށުން ފެން ކަނޑާލީ މެންދުރު 1:00 ޖަހާއިރު އެވެ. އޭގެ ފަހުން އަދި އެ ރަށަކަށް ސަޕްލައި ފެނެއް ނުލިބެ އެވެ.

"އެބަހުރި ހަމައެކަނި ސަޕްލައި ފެނަށް ޑިޕެންޑު ވެގެން އުޅޭ ގެތައް. އެ މީހުންނަށް ވަރަށް އުނދަގޫވާނެ. ހާއްސަކޮށް، ފްލެޓުތަކުގައި އުޅޭ މީހުންނަށް ވަރަށް އުނދަގޫވާނެ." ރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.

އެނގިފައިވާ ގޮތުގައި ފުވައްމުލަކުން ފެން ކެނޑުމުން، މިރޭގެ ވަގުތެއްގައި 2،000 ކޭސް ފެން އެ ރަށަށް ފޮނުވުމަށް ސިފައިން އަންނަނީ ތައްޔާރުވަމުންނެވެ.

ފެނުގެ މައްސަލަ ދިމާވެ ފެން ކަނޑާލުމުން، ފުޅީގައި ބަންދުކުރި ފެން ހޯދަން ދިޔަ މީހުން ގިނަވެ ފިހާރަތަކަށް ވަނީ ބާރު ބޮޑުވެފަ އެވެ.