ގައުމީ ޓީމުގެ ޒިންމާދޫކޮށް ފުޓްސަލް މުބާރާތެއް ކުޅެން ދިޔަ ފަތޯ ޓީމުން ބޭރުކޮށްފި
ގައުމީ ޓީމުގެ ޒިންމާދޫކޮށް ފުޓްސަލް މުބާރާތެއް ކުޅެން ދިޔަ ފަތޯ ޓީމުން ބޭރުކޮށްފި

ގައުމީ ސްކޮޑްގައި ހިމާނާފައިވަނިކޮށް ފުޓްސަލް ކުޅެން ދިއުމުން އަހްމަދު އައިހަމް (ފަތޯ) ގައުމީ ޓީމުން ބޭރުކޮށްފި އެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ފިލިޕީންސާ ދެކޮޅަށް ރާއްޖޭން ކުޅޭ މެޗަށް، ގައުމީ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) އެކުލަވާލި ސްކޮޑުން މާޒިޔާގެ މިޑްފީލްޑަރު އައިހަމް އަށް ފުރުސަތު ދިނެވެ.

މިއަދު ސްކޮޑު އިއުލާންކޮށް ޓީމުގެ ޕްރެކްޓިސް ވެސް މިއަދު ހަވީރު ފެށި އެވެ.

ގައުމީ ޓީމުން އައިހަމް އަށް ޖާގަ ދޭން ފެށީ ގައުމީ ޓީމުގެ ސެންޓަ މިޑްފީލްޑަރު މާޒިޔާގެ އިބްރާހިމް އައިސަމް (ޓޯނީ) އަށް އަނިޔާވުމުން އެ މަގާމު ފޫބެއްދުމަށެވެ.

އައިހަމް، ޓީމުން ބޭރު ކުރިކަން އެފްއޭއެމުން ވަނީ މީޑީއާ އަށް ހާމަކޮށްފަ އެވެ.

އެފްއޭއެމުން ބުނީ ޓީމުގެ ޕްރެކްޓިހަށް ހާޒިރުނުވެ، އައިހް ފުޓްސަލް މުބާރާތެއްގައި ބައިވެރިވެފައިވާ ކަމަށެވެ. އަދި އެފަދަ އެއްވެސް ކަމެއް ދުރާލައި އޭނާ އަންގާފައި ވެސް ނުވާ ކަމަށް އެ އެސޯސިއޭޝަނުން މިރޭ ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

އޭނާގެ ބަދަލުގައި އެހެން ކުޅުންތެރިޔަކު ޓީމުގައި ހިމަނާފައެއް ނުވެ އެވެ.