10 ނޮވެމްބަރ 2025 - 23:23

ރާއްޖޭގެ 32 ރަށެއްގައި ކުޑަކުދިންގެ ޕާކު ހަދަން ސަރުކާރުން އެޗްޑީސީއާ މިއަދު ހަވާލުކޮށްފި އެވެ.
ލޯކަލް ގަވަމެންޓް މިނިސްޓްރީގައި ބޭއްވި ހަފުލާއެއްގައި އެ ޕާކުތައް ހެދުމުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ. ލޯކަލް ގަވަމެންޓް މިނިސްޓްރީން އެއްބަސްވުމުގައި ސޮއިކުރެއްވީ، ފައިނޭންސް އެގްޒެކެޓިވް މުހައްމަދު ސަރާހް އެވެ.
އެ އެއްބަސްވުމުގެ ދަށުން އެޗްޑީސީން ޕާކު ހަދައިދޭނެ އަތޮޅުތަކަކީ:
- ހއ. އަތޮޅު
- ހދ. އަތޮޅު
- ށ. އަތޮޅު
- ނ. އަތޮޅު
- ރ. އަތޮޅު
- ބ. އަތޮޅު
- ވ. އަތޮޅު
- ދ. އަތޮޅު
- ތ. އަތޮޅު
- ލ. އަތޮޅު
- ގއ. އަތޮޅު
- ގދ. އަތޮޅު
އެޗްޑީސީން ބުނި ގޮތުގައި އެ 12 އަތޮޅުގެ 32 ރަށެއްގައި ކުޑަކުދިންގެ ޕާކު ހަދާނެ އެވެ. އެކަމަށް އެ ކުންފުނިން 28 މިލިއަން ރުފިޔާ ހަރަދު ކުރާނެ ކަމަށް އެނގިފައި ވެ އެވެ.
އެ ރަށްތަކުގައި ޕާކު ހަދަން ބޭނުންވާ ސާމާނު ސަޕްލައިކޮށް، އިންސްޓޯލް ކުރުމުގެ މަސައްކަތް އެޗްޑީސީން ކޮށްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެޗްޑީސީގެ އަމާޒަކީ، ސަރުކާރުގެ މިފަދަ ޕްރޮޖެކްޓުތަކަށް އެއްބާރުލުން ދިނުމާ އެކު، ކުރިމަގުގައި ވެސް މުޖުތަމައުއަށް ފައިދާހުރި އަދި ދުޅަހެޔޮ މުޖްތަމައުއެއް ބިނާކުރުމަށް ގިނަ މަޝްރޫއުތައް ކުރިއަށް ގެންދިއުން ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.