ބިލިއަން ޑޮލަރުގެ ދައުވާއެއް ކުރާނެ ކަމުގެ އިންޒާރާ އެކު ބީބީސީއަށް ޓްރަމްޕުގެ ސިޓީއެއް
ބިލިއަން ޑޮލަރުގެ ދައުވާއެއް ކުރާނެ ކަމުގެ އިންޒާރާ އެކު ބީބީސީއަށް ޓްރަމްޕުގެ ސިޓީއެއް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވާހަކަތަކެއް އެޑިޓްކޮށް މާނަ އޮޅޭ ގޮތަށް ޑޮކިއުމެންޓްރީއެއްގައި ހިމެނި މައްސަލައިގައި ދައުވާކުރައްވާނެ ކަމަށް އިންޒާރާ އެކު އޭނާ ބީބީސީއަށް ސިޓީއެއް ފޮނުއްވައިފި އެވެ.

ޓްރަމްޕަށް 2020 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ނާކާމިޔާބުުމުން ހަމަނުޖެހުންތަކަށް ހިތްވަރުދީ ވާހަކަ ދެއްކެވި ކަމަށް ބުނެ ބީބީސީން ދެއްކީ ޖެނުއަރީ 6، 2021 ގައި ޓްރަމްޕް ދެއްވި ތަގުރީރެކެވެ. ޓްރަމްޕުގެ ވާހަކަތައް އޮޅޭ ގޮތަށް އެޑިޓްކޮށްފައިވާ މައްސަލަ ހާމަވެ އަމާޒުވި ފާޑުކިޔުންތަކާ އެކު އިއްޔެ ވަނީ ޗީފް އެގްޒެކެޓިވް ޓިމް ޑޭވީގެ އިތުރުން ހެޑް އޮފް ނިއުސް ޑެބޯރާ ޓާނެސް ވެސް އިސްތިއުފާ ދެއްވައިފަ އެވެ.

މީގެ އިތުރުން ބީބީސީން ރަސްމީކޮށް މި މައްސަލައިގައި ޓްރަމްޕުގެ ކިބައިން ވަނީ މާފަށް އެދިފަ އެވެ.

ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުގެ ސިޓީއެއް ލިބިފައިވާކަން ބީބީސީގެ ތަރުޖަމާނު ވަނީ ބައެއް މީޑިއާތަކަށް ކަށަވަރުކޮށްދީފަ އެވެ. މައުލޫމާތު އެނގޭ ފަރާތަކުން އޭއެފްޕީއަށް ބުނެފައިވާ ގޮތުގައި ބީބީސީން އެއް ބިލިއަން ޑޮލަރު ބަދަލުގައި ދޭންޖެހޭނެ ކަމަށް ޓްރަމްޕުގެ ސިޓީގައި ބުނެފައިވެ އެވެ.

ޕަބްލިކް ފަންޑިންގައި ހިންގާ ބީބީސީ ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އެތަނުގެ ޗެއާމަން ސާމިރު ޝާހް ވިދާޅުވީ ޓްރަމްޕްގެ ސިޓީއަށް ޖަވާބު ދޭނެ ގޮތަކާ މެދު ވިސްނަމުން އަންނަ ކަމަށެވެ.

ބީބީސީއާ ދެކޮޅަށް ޓްރަމްޕް ގާނޫނީ ފިޔަވަޅު އަޅާނެތޯ ސުވާލު ކުރުމުން ޝާހު ވިދާޅުވީ "އަޅުގަނޑަށް އަދި އެކަމެއް ނޭނގެ" ކަމަށެވެ. އެކަމަކު ޓްރަމްޕަކީ ދައުވާކޮށްފާނެ ބޭފުޅެއް ކަމަށާއި އެހެންވެ ކޮންމެ ފަދަ ހާލަތަކަށް ވެސް ތައްޔާރަށް ތިބެންޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ޓްރަމްޕުގެ ވާހަކަތަކުން އެކި ތަނުން އެކި ތަންކޮޅު ނަގައި މާނަ އޮޅޭ ގޮތަށް ހިމަނައިގެން ޑޮކިއުމެންޓްރީއެއްގައި ދެއްކީ މިދިޔަ އަހަރު އެމެރިކާގެ ރިޔާސީ އިންތިހާބަށް ހަފްތާއަކަށް ވެފައި ވަނިކޮށް ބީބީސީގެ މަޝްހޫރު ޕެނޮރާމާ ޕްރޮގްރާމްގަ އެވެ.

ވީޑިއޯ އެޑިޓްކޮށްފައިވާ ގޮތުން، ކެޕިޓޮލް އިމާރާތަށް އެންމެން އެކުގައި ދިއުމަށާއި ޓްރަމްޕު ވެސް އެ މީހުންނާ އެކު ވަޑައިގަންނަވާނެ ކަމަށާއި ކުރިމަތިލުމަކަށް ވެސް ދާންޖެހޭނެ ކަމަށް ޓްރަމްޕު ވިދާޅުވާ ކަމަށް ދޭހަވެ އެވެ. ނުރުހުން ފާޅުކޮށް ކެޕިޓޮލްއަށް ވަންނާނީ ސުލްހަވެރިކަމާ އެކު ކަމަށް ޓްރަމްޕު ވިދާޅުވާ ބައި ވަނީ އުނިކޮށްފަ އެވެ.