ސަރަހައްދުގެ ފުރަތަމަ ޑިޖިޓަލައިޒް އިމިގްރޭޝަންގެ ޝަރަފާ އެކު އިންގިލާބެއް
ސަރަހައްދުގެ ފުރަތަމަ ޑިޖިޓަލައިޒް އިމިގްރޭޝަންގެ ޝަރަފާ އެކު އިންގިލާބެއް

އިލެކްޓްރޯނިކް ވިސާ (އީ-ވިސާ) ތައާރަފުކުރުމާ އެކު މިއަދު ތައާރަފްކުރި ޑިޖިޓަލް އެހެން ހިދުމަތްތަކާ އެކު ރާއްޖޭގެ އިމިގްރޭޝަނަކީ މި ސަރަހައްދުގައި ފުރިހަމައަށް ޑިޖިޓަލައިޒްވި ފުރަތަމަ އިމިގްރޭޝަން ޑިޕާޓްމަންޓަށް ވެއްޖެ އެވެ.

ބާސެލޯ ނަސަންދުރާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ އީވިސާ ހިދުމަތް އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މިއަދު ތައާރަފްކުރި ޒަމާނީ ނިޒާމު ތައާރަފުކުރުމުގެ ކުރިން، ވިސާއަށް އެދި ހުށަހަޅަންޖެހެނީ ކަރުދާހުގައި ޕްރިންޓްކުރާ ފޯމުތައް މެދުވެރިކޮށެވެ. ފަހުން އެ ނިޒާމު އޮންލައިން ޕްލެޓްފޯމަކަށް ބަދަލުކުރި ނަމަވެސް، ވިސާ ޖެހުމަށްޓަކައި އެޕޮއިންޓްމަންޓް ހަދައި، އިމިގްރޭޝަނަށް ހާޒިރުވެ، ޕާސްޕޯޓު ހުށަހަޅަން ޖެހެ އެވެ. އެ ވިސާއާ ގުޅުންހުރި ހިދުމަތްތަކަށް އެދޭ ކުންފުނިތަކަށާއި ފަރުދުންނަށް ދަތިތަކާ ކުރިމަތިވަމުން ދިޔަ ކަމެކެވެ. ޚާއްސަކޮށް މާލެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް އެއީ ވަރަށް ދަތި ކަމަކަށް ވި އެވެ.

އެހެން ނަމަވެސް މިއަދު ތައާރަފްކުރި އީ-ވިސާ ނިޒާމަކީ ކޮންޓްރޯލާ އޮފް އިމިގްރޭޝަން އަހުމަދު ފަސީހު ވިދާޅުވި ގޮތުގައި ކުރިއަރާފައިވާ އެހެން ގައުމުތަކުގައި ވެސް ދޭ ފަދަ ފުލީ ޑިޖިޓަލް ހިދުމަތެކެވެ.

"ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައި ވެސް ވިސާއާ ގުޅޭ ހިދުމަތްތައް ލިބޭ ފެންވަރަށް، ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ރާއްޖޭގައި އެ ހިދުމަތް ފުޅާވެގެންދާނެ ކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން،" ފަސީހު ވިދާޅުވި އެވެ.

އީ-ވިސާ އާއި މޯލްޑިވްސް އިމިގްރޭޝަންގެ މޯބައިލް އެޕްލިކޭޝަނަކީ މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުން ފަރުމާކޮށް ތައްޔާރުކޮށްފައިވާ ވަރަށް ހާއްސަ ޑިޖިޓަލް ނިޒާމެކެވެ. އިމިގްރޭޝަނުން ބުނި ގޮތުގައި އެއީ އިމިގްރޭޝަންގެ ތާރީހުގައި ރަން އަކުރުން ލިޔެވިގެންދާނެ މުހިންމު ބަދަލެކެވެ.

ވިސާގެ ހިދުމަތް ހޯދަން މީގެކުރިން ވަކިވަކި ސިސްޓަމްތައް ބޭނުންކުރަންޖެހުމުގެ ސަބަބުން ހިދުމަތް ހޯދާ ފަރާތްތަކަށް ދިމާވަމުންދިޔަ ގޮންޖެހުންތަކަށް އާ ނިޒާމުގެ ތެރެއިން ހައްލު ލިބި، މިހާރު ލުއިފަސޭހަކަމާއެކު ވިސާއަށް އެދި ހުށަހެޅޭނެ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

އާ ނިޒާމުގެ ތެރެއިން ވިސާ ދޫކުރުމާއެކު އީ-ވިސާ އޮންލައިންކޮށް ޑައުންލޯޑްކުރުމުގެ ފުރުސަތު ވެސް ލިބޭނެ އިރު އީ-ވިސާގެ ސައްޙަކަން ކަށަވަރުކުރުމަށްޓަކައި ހާއްސަ ކިއު.އާރް ކޯޑެއް ލިބޭނެ އެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި އެ ހިދުމަތްތައް މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން އާންމުންނަށް ލިބެން ހުންނާނެ އެވެ.