ފަސް އަހަރަށް ޖަލަށްލި ސާކޯޒީ 20 ދުވަސް ފަހުން ދޫކޮށްލައިފި
ފަސް އަހަރަށް ޖަލަށްލި ސާކޯޒީ 20 ދުވަސް ފަހުން ދޫކޮށްލައިފި

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ލީބިއާގެ ކުރީގެ ލީޑަރު މުއައްމަރުލް ގައްޒާފީގެ އަތުން ފައިސާ ހޯދަން އުޅުނު މައްސަލައިގައި ފަސް އަހަރުގެ ޖަލު ހުކުމެއް އައި ފްރާންސްގެ ކުރީގެ ރައީސް ނިކޮލަސް ސާކޯޒީ ހުކުމް ތަންފީޒުކުރަން ފެށިތާ 20 ދުވަސް ފަހުން މިއަދު ޖަލުން މިނިވަންކޮށްފި އެވެ.

ފްރާންސްގައި 2007 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރާ ހަމައަށް ވެރިކަން ކުރެއްވި ކަނާތު ފިޔައިގެ ލީޑަރުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމްކުރީ ސެޕްޓެމްބަރު މަހު އެވެ. އަދި ހުކުމް ތަންފީޒުކުރަން ފެށީ މިދިޔަ މަހުގެ 21 ގަ އެވެ.

މިއީ ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ ގައުމެއްގެ ކުރީގެ ވެރިޔަކު ޖަލު ހުކުމެއް ތަންފީޒުކުރި ފުރަތަމަ ފަހަރެވެ.

އުމުރުން 70 އަހަރުގެ ސާކޯޒީ ޖަލުން މިނިވަންކުރަން ހުކުމްކުރީ ޖަލު ހުކުމް އިސްތިއުނާފަށް ހުށަހަޅާފައި އޮތުމުން ކޯޓުން އެކަމަށް ރިއާޔަތްކުރުމަށް ފަހުގަ އެވެ. އެކަމަކު އަދި އިސްތިއުނާފުގެ އަޑުއެހުންތައް ފަށާނެ ދުވަހެއް ނޭނގެ އެވެ.

ޖަލު ބަންދަކީ "ބިރުވެރި ހުވަފެނެއް" ގެ ގޮތުގައި ސާކޯޒީ ސިފަކުރައްވާފައި ވާއިރު އޭނާ ޖަލުން ދޫކޮށްލުމަށް އެދި ހުށަހެޅި މައްސަލައިގައި ޕްރޮސިކުޓަރުން ވެސް ވަނީ ސާކޯޒީ މިނިވަންކޮށްދިނުމަށް އެދިފަ އެވެ.

ސާކޯޒީ ޖަލު ހުކުމް ތަންފީޒުކުރަން ފެށި ދުވަހު ވެސް ވަކީލުން ވިދާޅުވީ އެ ނިންމުން އިސްތިއުނާފަށް ވަގުތުން ހުށަހަޅާފައި ވިޔަސް ތިން ހަފްތާ އާއި މަސް ދުވަހާ ދެމެދުގެ މުއްދަތެއް ޖަލުގައި ހޭދަކުރަންޖެހޭނެ ކަމަށެވެ.

ލަ ސެންޓޭގައި ހުންނަ ޕެރިސިއަން ޖަލަށް ސާކޯޒީ ވަޑައިގަތީ ފުލުހުންގެ ހިމާޔަތުގައި އަމިއްލައަށެވެ. އަރިހުގައި އަނބިކަނބަލުން ކާލާ ބްރޫނީ އާއި އާއިލާގެ އެހެން ބައެއް ބޭފުޅުން ވެސް ޖަލު ކައިރިއަށް ވަޑައިގަތެވެ.

ސާކޯޒީ ވަނީ އޭނާއަށް އިއްވި ހުކުމަކީ ބޭއިންސާފު ކަމަށް ވިދާޅުވެފަ އެވެ.

"މިއަދު ޖަލަށް މި ލަނީ މި ގައުމުގެ ކުރީގެ ރައީސެއް ނޫން. ކުށެއް ނެތް މީހެއް،" އެއްވެސް ކުށެއް ކޮށްފައިނުވާނެ ކަމަށް ވިދާޅުވެ، ހުކުމުގެ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓްގައި ސާކޯޒީ ލިޔުއްވާފައިވެ އެވެ. "ހަގީގަތް އަދި ހާމަވާނެ."