10 ނޮވެމްބަރ 2025 - 18:28

ޓްރޭޑްމާކާއި އެއާ ގުޅޭ އެހެނިހެން ހައްގުތައް ހިމާުޔަތްކޮށް ރައްކާތެރިކުރުމަށް ސަރުކާރުން ހުށަހެޅި ޓްރޭޑްމާކް ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަކީ ވިޔަފާރީގެ ދާއިރާއަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ޒާހިރު ހުށަހެޅުއްވި އެ ބިލު ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެކަމާ މެދު ގޮތެއް ނިންމަން ނެގި ވޯޓުގައި ބައިވެރިވަޑައިގެންނެވި 63 މެންބަރުންގެ އިއްތިފާގުންނެވެ.
އެ ބިލު ފާސްކުރުމާ ގުޅިގެން ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ ޓްރޭޑްމާކާބެހޭ ބިލަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާއަށް ލިބުނު ތާރީީ ކާމިޔާބީއެެއް ކަމަށެވެ. އެ ބިލު ގާނޫނަކަށް ވުމުން ރާއްޖޭގެ އަދި ބޭރުގެ ޓްރޭޑްމާކްތައް ރާއްޖޭގައި ރަޖިސްޓްރީކޮށް ހިމާޔަތްކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ސައީދު ވިދާޅުވި ގޮތުގައި އެ ބިލު ގާނޫނަކަށް ވުމުން ފިކުރީ މުދަލުގެ ހައްގުތައް ހިމާޔަތްކުރުން ހަރުދަނާވެ، އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް އިތުރުވުމަށް މަގުފަހިވާނެ އެވެ.
"ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރެއްވި ޓްރޭޑްމާކާބެހޭ ބިލަކީ ދިވެހިރާއްޖޭގެ ވިޔަފާރީގެ ދާއިރާއަށް ލިބުނު ތާރީހީ ކާމިޔާބީއެއް! މި ގާނޫނުގެ ސަބަބުން ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގެ އަދި ބޭރުގެ ޓްރޭޑްމާކްތައް ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށް ހިމާޔަތްކުރެވި، ފިކުރީ މުދަލުގެ ހައްގުތައް ދިވެހިރާއްޖޭގައި ހިމާޔަތްކުރުން ހަރުދަނާވެ، އިންވެސްޓަރުންގެ ޝައުޤުވެރިކަން ދިވެހިރާއްޖެއަށް އިތުރުވުމަށް މަގުފަހިވެގެންދާނެ،" ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓްގައި ސައީދު ވިދާޅުވި އެވެ،
އޭނާ ވިދާޅުވި ގޮތުގައި ޓްރޭޑްމާކުގެ ގާނޫނުގެ ދަށުން، ޓްރޭޑްމާކުގެ ހައްގުގެ ވެރިފަރާތްތަކުގެ މުދަލަށް ނުވަތަ ފޯރުކޮށްދޭ ހިދުމަތެއްގައި ބޭނުންކުރާ ޓްރޭޑްމާކްގެ އެކްސްކްލޫސިވް ހައްގު ޔަގީންކޮށް، އުފެއްދުންތަކުގެ ސައްހަކަން ފަސޭހައިން ކަށަވަރުކުރެވޭނެ އެވެ.
"ކޮންސިއުމަރުންނަށް އޮޅުވާލެވޭ ގޮތަށް ރަޖިސްޓްރީކުރެވިފައިވާ ޓްރޭޑްމާކްތައް ބޭނުންކުރުން ހުއްޓުވައި، ކައުންޓަފީޓްކުރުން މި ގާނޫނުގެ ދަށުން ޖިނާއީ ކުށަކަށް ހަދާފައިވޭ،" ސައީދު ވިދާޅުވި އެވެ.
މިއަދު ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަންފީޒުކުރައްވައި، އެ ބިލު ގާނޫނަކަށް ވުމުން އެ ގާނޫނުގެ ދަށުން ޓްރޭޑްމާކުގެ އިތުރުން ސެޓިފިކޭޓް މާކާއި، ކަލެކްޓިވް މާކްވެސް ރަޖިސްޓްރީކުރެވޭނެއެވެ.
މިއީ ފިކުރީ މުދަލުގެ ރައްކާތެރިކަން ހަރުދަނާކޮށް އުފެއްދުންތެރިންނާއި ވިޔަފާރިވެރިންނާއި އިންވެސްޓަރުންގެ އިތުބާރު އޮތް މާހައުލެއް ގާއިމްކުރުމަށް ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރަށް ވާސިލްވުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށް ސައީދު ވިދާޅުވި އެވެ،