10 ނޮވެމްބަރ 2025 - 17:46

ހުސް ޕުލާސްޓިކު ފުޅި ގަންނަން ފަށައި, އޯޑީއެސް ޕްރައިވެޓް ލިމިޓެޑުން ރާއްޖޭގައި ފުރަތަމަ ފަހަރަށް "އެކްސްޓެންޑެޑް ޕްރޮޑިއުސާ ރެސްޕޮންސިބިލިޓީ" (އީޕީއާރު) ޕްރޮގުރާމެއް ފަށައިފި އެވެ.

މި ޕްރޮގުރާމުގެ ދަށުން އޯޑީއެސް އިން އަނބުރާ ގަންނާނީ އައްޑޫގައި ހުންނަ އެ ކުންފުނީގެ ވަން ޑިގްރީ ސައުތު އައްޑޫ ފެކްޓަރީ އިން އުފައްދާ "ވަން" ބްރޭންޑްގެ ޕެޓް ހުސް ފުޅިތަކެވެ. މި ފުޅިތައް ގަންނަން ހަމަޖެހިފައިވަނީ ފުޅިއަކަށް 33 ލާރީގެ މަގުން ނުވަތަ ފައިސާގެ ބަދަލުގައި ފަހުން ކުންފުނިން ތަކެތި ގަތުމަށް ގްރީން ޕޮއިންޓް ލިބޭގޮތަށެވެ. މި ގޮތުން އެ ކުންފުނިން ބަލައިގަންނާނީ ހުސް, ސާފު އަދި ހަލާކުނުވާ ފުޅި އެކަންޏެވެ. އަދި ފުޅީގެ ލޭބަލާއި މަތިގަނޑު އަދި ނެކް ރިންގް ވެސް ހުންނަން ޖެހޭނެ އެވެ. ފެން ނޫން އެހެން އެއްވެސް އެއްޗެއް އެޅުމަށް ބޭނުންކޮށްފައިވާ ފުޅި މި ޕްރޮގުރާމްގެ ދަށުން ބަލައެއް ނުގަންނާނެ އެވެ.
އޯޑީއެސްގެ އީޕީއާރު ޕްރޮގުރާމް ފަށައިގަންނަ އިރު ފުޅި ބަލައިގަންނާނީ ހަމައެކަނި ހިތަދޫގައި ހުންނަ ވަން ޑިގްރީ ސައުތު އައްޑޫ ފެކްޓަރީއިންނެވެ. ނަމަވެސް ޕްރޮގުރާމު ކުރިއަށްދާ ވަރަކުން ރާއްޖޭގެ އެހެން ރަށްތަކާއި ސިޓީތަކުން ވެސް ފުޅި ބަލައިގަންނަ ސެންޓަރުތައް ކަނޑައަޅާނެ އެވެ.
ވަން ޑިގްރީ ސައުތު އައްޑޫ ފެކްޓަރީ 2017 ވަނަ އަހަރު ހުޅުވިއިރު އެކުންފުނީގެ ވިޔަފާރި ފެށުނީ އެއްފަހަރަށްވުރެ ގިނައިން ބޭނުންކުރެވޭ 18.9 ލީޓަރުގެ ފެންފުޅިތަކުންނެވެ. މިއީ އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ޕުލާސްޓިކު ކުނި މަދުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އެގޮތުން މިއަދު އިފްތިތާހުކުރި އީޕީއާރު ޕްރޮގުރާމަކީ ވެސް ކުންފުނީގެ އިޖުތިމާއީ ވިސްނުމާއި ތިމާވެއްޓާއި ވަށާޖެހޭ އިގުތިޞާދީ ލަނޑުދަނޑިތަކާ އެއްގޮތްވާގޮތުގެ މަތިން ފެށިގެންދާ ޕްރޮގުރާމެކެވެ.
އޯޑީއެސްގެ އުންމީދަކީ މި ޕްރޮގުރާމްގެ ޒަރީއާއިން ތިމާވެއްޓަށް ޒިންމާވުމުގެ މިސާލު ނެގޭ ކުންފުންޏަކަށްވުމެވެ. އަދި ކުންފުނީގެ ހުރިހާ އުފެއްދުންތަކާއި ދޭ ޚިދުމަތްތަކުގެ ފެންވަރު ކުރިއަށްވުރެ ރަނގަޅުކޮށް, ތިމާވެއްޓާއި ރައްޓެހި, ދެމެހެއްޓެނިވި ގޮތެއްގައި ބެހެއްޓުމެވެ.
އޯޑީއެސް ޕްރައިވެޓް ލިމިޓެޑަކީ 100 ޕަސެންޓް ދިވެހި ކުންފުންޏެކެވެ. ވަން ޑިގްރީ ސައުތު އައްޑޫ ފެކްޓަރީ އިން އުފައްދާ 18.9 ލީޓަރު, 1.5 ލީޓަރު އަދި 500 މިލިލީޓަރު ފެން ބަންދުކުރަނީ ޔޫވީ އަދި އޯޒޯން ޓެކްނޮލޮޖީއިން ޓްރީޓް ކުރުމަށްފަހުއެވެ.
ނޯޓު: މިއީ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.