10 ނޮވެމްބަރ 2025 - 16:54

އޭއެފްސީ 17 އަހަރުންދަށުގެ އޭޝިއަން ކަޕް ކޮލިފައިން އަށް ތައްޔާރުވުމުގެ ގޮތުން ޓްރޭނިން ކޭމްޕެއް ކުރިއަށްގެންދަން މިއަދު ރާއްޖެ އައި ފަލަސްތީނުގެ ޓީމުގެ މުޅި ޑެލިގޭޝަންގެ ހަރަދުތަކަށް 546،000 ހާ ރުފިޔާ ސަރުކާރުން ހަމަޖައްސައިފި އެވެ.

މިއަދުން ފެށިގެން މި މަހު 19 ވަނަ ދުވަހާ ހަމައަށް ފަލަސްތީނުގެ ޓީމުން ރާއްޖޭގައި ކޭމްޕް ކުރުމަށް ހިނގާ ހަރަދުތަކެއް ބަލަހައްޓާނީ ސަރުކާރުންނެވެ.

ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު "މިހާރު" އަށް ވިދާޅުވީ ފަލަސްތީނުގެ ޓީމު ރާއްޖޭގައި ހުރުމަށާއި ކެއުމަށް ގާތްގަނޑަކަށް 546،000ރ. ހަރަދު ކުރާނެ ކަމަށެވެ.
ޓީމު މާލާގައި ތިބޭނީ ބީހައިވް ހޮޓެލްގަ އެބެ. އެ ޓީމު މާލޭގައި ކުރަން ޖެހޭ ދަތުރުތައް ބަލަހައްޓާނީ ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ލޮޖިސްޓިކަލް ކަންތައްތައް ބަލަހައްޓާނީ އެފްއޭއެމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކޭމްޕްގައި ރާއްޖޭގެ 17 އަހަރުންދަށުގެ ގައުމީ ޓީމާ ދެކޮޅަށް ފަލަސްތީނުގެ ޓީމުން ދެ މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭގަ އެވެ. ދެވަނަ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭގަ އެވެ.
އެ ދެ މެޗަށް އާންމުންނަށް ހިލޭ ދަނޑަށް ވަދެވޭނެ ކަމަށް އެފްއޭއެމުން ބުންޏެވެ.
އެކަމަކު ފަލަސްތީނުގެ ޓީމަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ދެ ކެޓަގަރީއަކުން ސްވެނިއާ ޓިކެޓް ވިއްކަން އެފްއޭއެމުން ވަނީ ނިންމައިފަ އެވެ.
އެއީ ޕްލެޓިނަމް އާއި ގޯލްޑް ކެޓަގަރީގެ ޓިކެޓެވެ. ސްވެނިއާ ޕްލެޓިނަމް ކެޓަގަރީގެ ޓިކެޓެއްގެ އަގަކީ 1،000ރ. އެވެ. އެ ކެޓަގަރީގައި ކުޅިބަލާމީހުންނަށް ހާއްސަކޮށްފައި ވަނީ ރޮސްޓޮމް އާއި ވީއައިޕީ އެވެ. އެ ކެޓަގަރީގައި ވިއްކާނީ ޖުމުލަ 50 ޓިކެޓެވެ.
ގޯލްޑް ކެޓަގަރީގައި ޓިކެޓް ވިއްކާނީ ރޮސްޓްރަމް އޭރިއާގެ ދެ ފަޅިން އޮންނަ ގޮނޑިބަރިންނެވެ. އެ ކެޓަގަރީގެ ޓިކެޓްގެ އަގަކީ 500ރ. އެވެ. އެ ކެޓަގަރީން ވިއްކާނީ 200 ޓިކެޓެވެ.
އޭޝިއަން ކަޕް 17 އަހަރުން ދަށުގެ ކޮލިފައިންގައި ފަލަސްތީނު ހިމެނޭ ގުރޫޕް ޑީގެ މެޗުތައް ކުޅޭނީ އިންޑިއާގަ އެވެ. މިމަހު 22 އިން 30 އަށް ކުޅޭ ކޮލިފައިންގެ ގުރޫޕްގައި ހިމެނެނީ ފަލަސްތީނާއި އިންޑިއާގެ އިތުރުން އިރާނާއި ޗައިނީޒް ޓައިޕޭ އަދި ލުބުނާނެވެ.
ރާއްޖެ ކުޅޭ ކޮލިފައިން މެޗުތައް ކުރިއަށް ގެންދާނީ ތައިލެންޑްގަ އެވެ. ރާއްޖޭގެ ގުރުޕުގައި ތައިލެންޑްގެ އިތުރުން ދެން ހިމެނެނީ ތުރުކްމެނިސްތާނާއި ކުވޭތެވެ.