އީގަލްސް އިން 16 އަހަރުން ދަށުގެ ޓީމެއް އެކުލަވާލަނީ
އީގަލްސް އިން 16 އަހަރުން ދަށުގެ ޓީމެއް އެކުލަވާލަނީ

ކްލަބް އީގަލްސްގެ 16 އަހަރުން ދަށުގެ ޓީމު އެކުލަވާލުމަށާއި ޖޫނިއާ ލެވެލްގެ ކުޅުންތެރިންނަށް ފުރުސަތުތަކެއް ހޯދައިދިނުމަށް، އެ ކްލަބުން 14 އަހަރާ 16 އަހަރާ ދެމެދުގެ ކުޅުންތެރިން ސްކައުޓްކުރުމުގެ ޕްރޮގްރާމެއް ހޮނިހިރު ދުވަހުގެރޭ ފަށަން ނިންމައިފި އެވެ.

ޓާފް ދަނޑުގައި ހޮނިހިރު ދުވަހުގެރޭ 7:00 އިން 8:30 އަށް ފުރަތަމަ ސެޝަން ބާއްވާއިރު، ބޭނުން ކޮންމެ ކުއްޖަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

އީގަލްސްގެ އޮފިޝަލަކު ބުނީ މިއީ ކޮންމެ ކްލަބެއްގައި 16 އަހަރުން ދަށުގެ ޓީމަކާއި 19 އަހަރުން ދަށުގެ ޓީމެއް އަދި އަންހެން ޓީމެއް އޮންނަން އެފްއޭއެމުން ކޮށްފައިވާ ޝަރުތު ފުރިހަމަކުރުމުގެ ގޮތުން ފަށާ ހަރަކާތެއް ކަމަށެވެ.

"ކުންފުނިތައް މެދުވެރިކޮށް އެފްއޭއެމުން ކްލަބްތަކަށް ފައިސާ ދޫކުރާ އެއްބަސްވުމުގެ ދަށުން އަންނަ އަހަރުން ފެށިގެން ކޮންމެ ކްލަބެއްގައި 16 އަހަރުން ދަށުގެ ޓީމާއި 19 އަހަރުން ދަށުގެ ޓީމު އަދި އަންހެން ޓީމެއް އޮންނަން މަޖުބޫރުވޭ. އެހެންވެ އަޅުގަނޑުމެން ކުރިއާލާ އެ މަސައްކަތް ފެށުމުގެ ގޮތުން އެންމެ ފުރަތަމަ 16 އަހަރުން ދަށުގެ ޓީމެއް އެކުވަލާނީ،" އޮފިޝަލް ބުންޏެވެ.

އޭނާ ބުނީ މި ޕްރޮގްރާމުގެ އަނެއް ބޭނުމަކީ އެ އުމުރުފުރާގެ ކުދިންނަށް އިންޓަ ސްކޫލް މުބާރާތް ނިމުމުން ކުޅޭނެ އިތުރު ފުުރުސަތެއް ނެތި ގެއްލޭތީ، އެ ކުޅުންތެރިން ފުޓްބޯޅައިގެ ތެރޭގައި ގެންއުޅުން ކަމަށެވެ. އެގޮތުން މަދުވެގެން ހަފުތާއަކު ތިން ރޭ ޕްރެކްޓިސްކޮށް މެޗުތައް ހަމަޖައްސުމުން ސީނިއާ ލެވެލާ ހަމަޔަށް ދިއުމާ ހަމަޔަށް ކުޅުންތެރިންނަށް ކުޅޭނެ ފުރުސަތު ލިބިގެންދާނެކަން އޭނާ ފާހަގަކުރި އެވެ.

އީގަލްސްގެ ހެޑްކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) ގެ ބެލުމުގެ ދަށުން ކުރިއަށްގެންދާ މި ސްކައުޓިން ސެޝަންތަކުން ފެންނަ ހުނަރުވެރި ކުޅުންތެރިންނަށް އެ ކްލަބުގެ ސީނިއާ ޓީމާ ހަމަޔަށް ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށް ކްލަބުން ބުނެ އެވެ.

މި ސެޝަން އެންމެ ރެޔަކަށް މިވަގުތު ޝެޑިއުލްކޮށްފައިވީ ނަމަވެސް އިތުރު ސެޝަންތައް ބާއްވާނެ ކަމަށް އެ ކްލަބުން ބުނެ އެވެ.

މިދިޔަ އަހަރުގެ ގައުމީ ޗެމްޕިއަން އީގަލްސްއަކީ ފުރަތަަމަ ޑިވިޝަނަށް ގިނަ އަދަދެއްގެ ކުޅުންތެރިން ނެރެދީފައިވާ ކްލަބެކެވެ. ފުރަތަމަ ޑިވިޝަނަށް ކުޅުންތެރިން ނެރެދޭ އެކަޑަމީއެއްގެ ގޮތުގައި މަޝްހޫރުވި އީގަލްސް އިން ތައާރަފްކުރި ކުޅުންތެރިންގެ ތެރޭގައި ގޯލްކީޕަރު އިމްރާން މުހައްމަދާއި ސޮބާހް މުހައްމަދު އިބްރާހީމާއި މުހައްމަދު ހުސެއިން (އޮއިއްޓޭ) އަދި އިބްރާހިމް އާމިލް ހިމެނެ އެވެ. މިހާރުގެ ކުޅުންތެރިންގެ ތެރެއިން އަހުމަދު އިމާޒް (އާއްކޮ) އާއި އަހުމަދު ރިޒްވާން (ރިޒޭ) އާއި ޔަސްފާދު ހަބީބް (މުލަކޭ) އަދި އިބްރާހިމް މުބީން (މުއްކި) އަކީ އެ ކްލަބުން އުފެއްދި ކުޅުންތެރިންނެވެ.