10 ނޮވެމްބަރ 2025 - 20:06

ޑްރަގާ ދެކޮޅަށް ފުވައްމުލަކުގައި ފެށި އޮޕަރޭޝަން މުޅި ދެކުނަށް ފުޅާކޮށް، އެ ސަރަހައްދުން 12 ނެޓްވޯކެއް ދެނެގަނެފައިވާ ކަމަށް، ސައުތު ޕޮލިސް ކޮމާންޑަރު، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ޝަމީމު މިއަދު ވިދާޅުވެއްޖެ އެވެ.
ދެކުނުގެ ފުލުހުން ކުރާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ދިނުމަށް އޮންލައިންކޮށް ބޭއްވި ޕްރެސްގައި ޝަމީމް ވިދާޅުވީ "ވެށި ރައްކަލް"ގެ ނަމުގައި ޖެނުއަރީ 14، 2024 ގައި ފެށި އޮޕަރޭޝަން ގއ، ގދ، އަދި އައްޑު އަތޮޅަށް ވެސް ފުޅާކޮށްފައިވާ ކަމަށެވެ.
އެ ސަރަހައްދުން ޑްރަގުގެ 12 ނެޓްވޯކެއް ދެނެގަނެވިފައިވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.
ފުވައްމުލަކުގައި ފެށި އޮޕަރޭޝަންގައި 58 މީހަކު ހައްޔަރުކޮށް، އެ މީހުންގެ މައްޗަށް 75 މައްސަލައެއް ތަހުގީގުކުރި އެވެ. އޭގެ ތެރެއިން 65 މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާ ކޮށްދޭން އެދި ޕީޖީ އޮފީހަށް ވަނީ ފޮނުވައިފަ އެވެ. އޭގެ ތެރޭގައި، އެ ނެޓްވޯކުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރާ ފުވައްމުލަކު ދޫޑިގަން، ކަރަންކާވިލާ އަހުމަދު ނިއުޝާދު، 34، އަދި ދޫޑިގަން، ޒަމާނީވިލާ، ހަސަން އާޒިމް، 29، ހިމެނެ އެވެ.
އެ މީހުން "ޑީލަރުންނަށް" މުސާރަ ދީގެން، މަސްތުވާތަކެތި ވިއްކައިގެން ފައިސާ ހޯދާފައިވާ ކަމަށާއި އަދި ކްރެޑިޓަށް ދޫކޮށްފައިވާ މަސްތުވާތަކެތީގެ ހިސާބުތައް ވަކި ތަރުތީބަކުން ބަލަހައްޓާފައިވާކަން ވެސް ތަހުގީގަށް އެނގޭ ކަމަށް ޕީޖީ އޮފީހުން މީގެ ކުރިން ބުންޏެވެ.
ފުވައްމުލަކު ސިޓީގެ ކޮމާންޑަރު، އިންސްޕެކްޓާ އޮފް ޕޮލިސް މޫސާ ލަތީފު ވިދާޅުވީ، އޮޕަރޭޝަން ރައްކަލްގެ ދެ ވަނަ ފިޔަވައްސާ ހަމައަށް ދިޔައިރު، މަގުމަތީގައި ޑްރަގް ވިއްކާކަމުގެ ޝަކުވާތައް ނުލިބޭ ކަމަށެވެ. އެ ފަދަ ކަންކަމާއި ކައުންސިލްގެ ނަމްބަރުތަކަށް ބަލާއިރު އޮޕަރޭޝަންގެ ނަތީޖާ ރަނގަޅުކަމަށް ބުނެވިދާނެ ކަމަށް މޫސަ ވިދާޅުވި އެވެ.
އެ ސަރަހައްދުގެ ޕޮލިސް ސްޓޭޝަންތަކަށް މި އަހަރު ވަނީ 5،000 އެއްހާ މައްސަލަ ރިޕޯޓުކޮށްފަ އެވެ. އޭގެ ތެރެއިން، ގިނަ މައްސަލަތަކެއްގެ ތަހުގީގު އަދި ވެސް ދަނީ ކުރިއަށެވެ.
ނޫސްވެރިއެއްގެ ސުވާލަކާ ގުޅިގެން ޝަމީމް ވިދާޅުވީ މައްސަލައެއް ހުށަހެޅުމުން އެކަން ބަލާނެ ކަމަށާއި ނަަމަވެސް ތަހުގީގަށް ރަށްރަށަށް ދަތުރުކުރުމުގައި ގޮންޖެހުންތައް ދިމާވާ ކަމަށެވެ.
އެ މުއްދަތުގައި އައްޑުއިން އެކަނި ވެސް 2،701 މައްސަލަ ރިޕޯޓުކޮށްފައިވެ އެވެ.
އައްޑޫ ސިޓީގެ ކޮމާންޑަރު، ސުޕްރިޓެންޑެންޓު އޮފް ޕޮލިސް މުހައްމަދު މަސްއޫދު ވިދާޅުވީ އައްޑޫއިން ގިނައިން ރިޕޯޓުކޮށްފައިވަނީ ވައްކަމުގެ މައްސަލަތައް ކަމަށެވެ. އެއީ، ގޭގެއިން ވައްކަން ކޮށްގެން ހުށަހަޅާފައިވާ ރިޕޯޓުތައް ކަމަށް އޭނާ ވިދާޅުވި އެވެ.
މަސްތުވާތަކެތީގެ މައްސަލަތަކުގައި ވެސް އުޅެނީ އެއް ބައެއް ކަމަށާއި އެ މީހުންނަށް ދައުވާކޮށް، އަލުން އަނބުރާ މުޖުތަމައުއަށް ނުކުމެ، އަލުން އެ ކުށްތަކަށް އަރައިގަންނަ ކަން މަސްއޫދު ފާހަގަކުރެއްވި އެވެ. އެހެންވެ، ގޯތި ގެދޮރުން ވައްކަންކުރުން ހުއްޓުވަން ވަރަށް ގިނަ ކަންކަން ކުރާ ކަމަށާއި އޭގެ ތެރޭގައި މީހުން ހޭލުންތެރިކުރުވަން މަސައްކަތްކުރުން ހިމެނޭ ކަމަށް މަސްއޫދު ވިދާޅުވި އެވެ.
"ވެށިރައްކަލްގެ ނަތީޖާ ފެންނާނެ،" އޭނާ ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ އެ ސަރަހައްދުގައި އަލަށް ވައްކަމަށް ވަންނަ މީހުން ވަރަށް މަދު ކަމަށެވެ. ނަމަވެސް، ތަކުރާރުކޮށް ކުށްކުރާ މީހުން އުޅޭތީ އެކަމަށް ވަރަށް ބޮޑަށް މަސައްކަތްކުރިއަސް އެކަށީގާންވާ ހައްލެއް ނުހޯދޭ ކަމަށް ވިދާޅުވި އެވެ.