މެޖިސްޓްރޭޓުން ފަސް އަހަރު ތެރޭގައި ޑިގްރީ ހާސިލްކުރަން ލާޒިމްވާ އިސްލާހު ފާސްކޮށްފި
މެޖިސްޓްރޭޓުން ފަސް އަހަރު ތެރޭގައި ޑިގްރީ ހާސިލްކުރަން ލާޒިމްވާ އިސްލާހު ފާސްކޮށްފި

މެޖިސްޓްރޭޓް ކޯޓްތަކުގެ ފަނޑިޔާރުން ވެސް ގާނޫނީ ދާއިރާއިން އެންމެ ދަށްވެގެން ފުރަތަމަ ޑިގްރީ ހާސިލްކުރަންޖެހޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ފަނޑިޔާރުންގެ ގާނޫނު މިހާރު އޮންނަ ގޮތުން މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުންގެ ތައުލީމީ ޝަރުތަކީ ޑިޕްލޮމާ އެވެ. ނަމަވެސް އެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ސައުދުﷲ ހިލްމީ ހުށަހެޅުއްވި އެ ބިލްގައިވާ ގޮތުން އެ މަގާމުގެ ވެސް ތައުލީމީ ޝަރުތަކީ ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ޑިގްރީއެއް ހާސިލް ކުރުމެވެ. އަދި އެ ޝަރުތު ހަމަނުވާ މެޖިސްޓްރޭޓުން ފަސް އަހަރު ތެރޭގައި ޑިގްރީ ހާސިލްކުރަން ޖެހޭނެ ކަމަށް ބިލްގައިވެ އެވެ.

މީގެ އިތުރުން އެ ބިލް ގާނޫނަކަށްވުމުން ޑިގްރީ ނެތް ފަނޑިޔާރުން އެއް އަަހަރު ދުވަހުގެ ތެރޭގައި ޑިގްރީ ޕްރޮގްރާމެއްގައި ލާޒިމުވާނެ ކަމަށް ބިލްގައިވެ އެވެ. އަދި ޑިގްރީ ހާސިލުކުރުމުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކަން ބެލުމަށްފަހު ޝަރުތު ހަމަވާ ކަމަށް ނިންމަން އެ ބިލް ލާޒިމްކުރެ އެވެ.

ނަމަވެސް އެ މުއްދަތުގައި މަގުބޫލު އުޒުރެއް ނެތި، ޑިގްރީ ހާސިލް ނުކުރާ ފަނޑިޔާރުންނަކީ ފަނޑިޔާރު ކަމަށް ޝަރުތު ހަމަނުވާ ބައެއް ކަމަށް ކަނޑައަޅައި، އެފަދަ ފަނޑިޔާރުން މަގާމުން ވަކި ކުރަންވާނެ ކަމަށް އެ ބިލްގައިވެ އެވެ.

މީގެ އިތުރުން އުމުރުން 55 އަހަރުނުވި ނަމަވެސް އަމިއްލައަށް އެދިގެން ފަނޑިޔާރުން ރިޓަޔާވެވޭ ގޮތަށް ވެސް އެ އިސްލާހުގައި ހިމަނާފައިވެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލް ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިިގެންނެވި 64 މެންބަރުންގެ އިއްތިފާގުންނެވެ.