10 ނޮވެމްބަރ 2025 - 14:26

މި ސަރުކާރުން އިއުލާންކުރި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ލ. ގަމުގައި ގަސް އިންދުމަށް ހާއްސަ ދެ ނާސަރީ ހަދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފި އެވެ.
އެންވަޔަރްމެންޓް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ގަމުގައި ދެ ނާސަރީ ހެދުމަށް އެޗްޑީސީއާ އެކު އެމްއޯޔޫއެއްގައި މިހާރު ސޮއިކޮށްފައިވާ ކަމަށެވެ.
އެ ނާސަރީ ހަދަން ބޭނުންވާ ބިން ގަމު ކައުންސިލުން މިދިޔަ ފެބްރުއަރީ މަހު ވަނީ ހަމަޖައްސައިދީފަ އެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަހާ ދިމާކޮށް މިދިޔަ އަހަރުގެ ޖޫން މަހުގެ ފަސް ވަނަ ދުވަހު ފެށި އެ ޕްރޮގްރާމަކީ ރާއްޖޭގައި ނެތެމުންދާ ގަސްތައް އަލުން އާލާކޮށް، ގައުމުގެ ފެހިކަން އިތުރުކޮށް، ތިމާވެށި ދެމެހެއްޓުމަށް ރައީސް އިއުލާން ކުރެއްވި ޕްރޮގްރާމެކެވެ.
އެންވަޔަރްމަންޓް މިނިސްޓްރީން ބުނީ އެ ދެ ނާސަރީއަކީ، ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް އެކިކަންކޮޅުތަކުގައި ފުޅާކޮށް، ބާރު ސްޕީޑްގައި ކުރިއަށް ގެންދިއުމަށްޓަކައި ހަދާ ދެ ނާސަރީ ކަމަށެވެ. އެއީ 20,000 އަކަފޫޓުގެ ނާސަރީއަކާއި 100,000 އަކަފޫޓުގެ ނާސަރީއެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ޕްރޮގުރާމް ހިންގުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ މިނިސްޓަރު އަހްމަދު އަތީފް ވިދާޅުވީ ފުރަތަމަ ނާސަރީގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ނިންމައި، އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ދެވަނަ ނާސަރީ އަންނަ އަހަރުގެ ޖުލައި މަހުގެ ކުރިން އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަތީފް ވިދާޅުވީ އެ ދެ ނާސަރީ ބޭނުންކުރަން ފެށުމުން ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ބޮޑު އިންގިލާބެއް އަންނާނެ ކަމަށެވެ. އަދި މިވަގުތު އެ ޕްރޮގްރާމަށް ދިމާވާ ބޮޑު ގޮންޖެހުމަކީ ރާއްޖެއިން ގަސް ހޯދުން ކަމަށާއި ނަމަވެސް ނާސަރީތަކުގެ ސަބަބުން އެކަމަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓްރީން ބުނި ގޮތުގައި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 55,000 އަކަފޫޓުގެ ނާސަރީއެއް އެޅުމަށް ވެސް ޗައިނާއާއެކު ސޮއިކޮށް، އެ މަސައްކަތް ފެށުމަށް މިހާރު ވަނީ ތައްޔާރުވެފަ އެވެ. ހުޅުމާލޭގެ 2 ގައި ހަދާ އެތަނުގައި މީޓިން ރޫމަކާއި ލެބޯޓަރީއަކާއި އޮފީސް އަދި ލޭބާ އެކޮމޮޑޭޝަން ހުންނާނެ އެވެ.
އެ މިނިސްޓްރީގެ "ފަސް މިލިއަން ޑިޕާޓްމަންޓް"ގެ މުވައްޒަފުން މި އަހަރު ޗައިނާއަށް ޒިޔާރަތްކޮށްފައިވާ ކަމަށާއި އެ ދަތުރުގެ ބޭނުމަކީ ޗައިނާ ސަރުކާރުން ރާއްޖޭގައި އަޅާ ޒަމާނީ ނާސަރީގެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގައި ގަސް ހެއްދުމުގެ މަސައްކަތް ހަލުވިކޮށް، ފުޅާކުރަން ނާސަރީއެއް ތަރައްގީ ކުރުމުގެ މުހިންމު ކަމާއި ނާސަރީގެ ޑިޒައިނާއި އިންދާނެ ގަސްތަކުގެ އިތުރުން، ފަސް މިލިއަން ގަސް ޕްރޮގްރާމަށް ބޭނުންތެރި ގަސް ހައްދަން ކުރަންޖެހޭ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ވެސް އެ މިިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ހުޅުމާލޭގައި ހަދާ ނާސަރީއަކީ އާންމުންނަށް ފަސޭހައިން ބަލާލެވޭނެ ގޮތަށް، ހިތްގައިމު އަދި ޖާގައިގެ ގޮތުން ބޮޑު ނާސަރީއަކަށް ވާނެ ކަމަށެވެ. އަދި އެތަނަކީ މުސްތަގުބަލުގައި ސުކޫލް ކުދިންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގޭނެ ގޮތަށް ޑިޒައިން ކުރާ ތަނެއް ކަމަށް މިނިސްޓްރީން ބުންޏެވެ.