އެއާޕޯޓުން ޑޮލަރު ފޭރުނު މައްސަލައިގައި އިތުރު ތިން މީހަކު ހައްޔަރުކޮށް، ބަޔަކު ފުރުން މަނާކޮށްފި
އެއާޕޯޓުން ޑޮލަރު ފޭރުނު މައްސަލައިގައި އިތުރު ތިން މީހަކު ހައްޔަރުކޮށް، ބަޔަކު ފުރުން މަނާކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޑޮލަރު ފޭރުނު މައްސަލައިގައި އިތުރު ބަޔަކު ހައްޔަރުކޮށް، ހަތަރު މީހަކު ފުރުން މަނާކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ ފަތިހު ހިންގި ފޭރުމުގެ އަމަލާ ގުޅިގެން އިތުރު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ؛

- އަބްދުލްއައްވަލް އިބްރާހިމް އަބޫބަކުރު، 27، ގއ. ވިލިނގިލި، ބިނާ

- އަހުމަދު މާހިދު، 44، ތ. ވިލުފުށި، އެހީވާގެ

- އަލީ އަފްޒަލް، 21، ސ. ހިތަދޫ، ވަށަގުލިމާގެ

އޭގެ ތެރެއިން އަބްދުލްއައްވަލް ހައްޔަރުކުރީ މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު އެވެ. މާހިދު ހައްޔަރުކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. އަދި އަފްޒަލް ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހު އެވެ.

އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން، ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ. އަފްޒަލްގެ ބަންދަށް ފުރަތަމަ ދިނީ ތިން ދުވަހެވެ. އެ މުއްދަތު ހަމަވުމުން ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ވެލާނާ އެއާޕޯޓުން ފުރާ ދިވެހިންނަށް ދޫކުރަން ގެންދިޔަ 130،000 ޑޮލަރު (ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ) ފޭރުނު މައްސަލައިގައި، އެ ހާދިސާ ހިނގި ދުވަހު ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. އެ މީހުންނަކީ؛

- މާޒިން މޫސާ، ލ. މާވަށް ރޭޝަމް

- އަހުމަދު ރައިހާން ނައީމް، މ. ކޯރަސް

- އިބްރާހިމް އަނޫފް، ކ. ގުރައިދޫ އަޅިވިލާގެ

- ހުސައިން ޝަހުދު، ކ. ގުރައިދޫ އަޅިވިލާގެ

މި މީހުންނާ އެކު، މި މައްސަލައިގެ ތުހުމަތަށް ފުލުހުންގެ ބަންދުގައި މި ވަގުތު ހަތް މީހުން އެބަތިއްބެވެ. އެ އެންމެން ވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ޑޮލަރު އަޅާފައި ހުރި ސޫޓް ކޭސް ފޭރުނީ، އެ ހިފައިގެން ޓާމިނަލަށް ވަންނަން އުޅުނު ދެ މުވައްޒަފަށް ބިރު ދެއްކުމަށް ފަހު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލައާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ފުރުން ވެސް މަނާކޮށްފައިވާ ކަމަށެވެ. ތަހުގީގުގެ ތެރެއިން ފަސް އުޅަނދެއް ބަލައިފާސްކޮށް، މާލެ އާއި އިތުރު ރަށްތައް ހިމެނޭހެން ޖުމްލަ 20 ތަނެއް ބަލާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.