12 ނޮވެމްބަރ 2025 - 06:04

ފަލަސްތީނުގެ ޣައްޒާގައި ހަމަލާ ބަދަލުކުރުން ހުއްޓާލަން ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ސަރަހައްދު ބަލަހައްޓަން ފޮނުވާ ބައިނަލްއަގުވާމީ ފައުޖުގައި ބައިވެރިވުމުގެ ވިސްނުމެއް އަދި ނެތް ކަމަށް ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އިން ބުނެފި އެވެ.
"ސުލްހަ ބަލަހައްޓާ ފައުޖުގެ މަސައްކަތާ ބެހޭ ސާފު އޮނިގަނޑެއް އަދި ފެންނާކަށް ނެތް. އެފަދަ ހާލަތެއްގައި، ވިސްނުން ހުރީ އެ ފައުޖުގައި ބައިވެރިނުވާން،" އަބޫދާބީގެ ސްޓްރެޓީޖިކް ޑިބޭޓް ފޯރަމްގައި ޔޫއޭއީގެ ރައީސްގެ އެޑްވައިޒަރު އަންވަރު ގަރްގާޝް ވިދާޅުވި އެވެ.
އެމެރިކާގެ ބެލުމުގެ ދަށުން އެކުލަވާލާ ބައިނަލްއަގުވާމީ ފައުޖުގައި ޔޫއޭއީގެ އިތުރުން މިސްރު، ގަތަރު އަދި ތުރުކީ ސިފައިން ހިމެނޭނެ ކަމަށް ވަނީ ބެލެވިފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ހަފުތާގައި ވިދާޅުވެފައި ވަނީ ދެ އަހަރަށް ފަހު ޣައްޒާގައި ހަމަލާތައް ހުއްޓާލާފައި ވާއިރު، އެއްބަސްވުން ތަންފީޒުކުރުމުގައި އެހީވުމާއި ކަންކަން ހަމަޔަކަށް އެޅުވުމުގައި މަސައްކަތްކުރާ ސިފައިންގެ ފައުޖު ވަރަށް އަވަހަށް ޣައްޒާއަށް ފޮނުވޭނެ ކަމަށް ލަފާކުރެއްވޭ ކަމަށެވެ.
ތެލުގެ މުއްސަނދިކަން ލިބިފައިވާ ޔޫއޭއީ އަކީ 2020 ވަނަ އަހަރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އަބްރަހަމް އެކޯޑްގައި ސޮއިކޮށް، އިޒްރޭލާ އެކު ރަސްމީ ގުޅުން ބާއްވާ މަދު އަރަބި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.
އެމެރިކާއިން މިހާރު ވަނީ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ބައިނަލްއަގުވާމީ ފައުޖެއް ފޮނުވުން ހިމެނޭ ގޮތަށް އެކި ކަންކަން ހިމަނާފައިވާ ގަރާރު އެމެރިކާއިން ސަލާމަތީ މަޖިލީހުގެ ބައެއް މެންބަރުންނާ ހިއްސާކޮށްފަ އެވެ. އެމެރިކާ ސަފީރު މައިކް ވޯލްޓްޒް ވަނީ ސަލާމަތީ މަޖިލީހުގެ އިންތިހާބީ 10 މެމްބަރުންގެ އިތުރުން ސަރަހައްދީ ބައިވެރިން ކަމަށްވާ މިސްރު، ގަތަރު، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ސައުދީ އަރަބިއްޔާ އަދި ތުރުކީއަށް މި ގަރާރުގެ ޑްރާފްޓް ހިއްސާކުރައްވައިފަ އެވެ.
އޮކްޓޫބަރު 7، 2023 ގައި އިޒްރޭލަށް ހަމާސްއިން ދިން ހަމަލާއާ އެކު އިޒްރޭލުން ޣައްޒާއަށް ދޭން ފެށި ހަމަލާތައް ހުއްޓާލަން ވީ އެއްބަސްވުމަށް އަމަލުކުރަން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު އެވެ. އެ އެއްބަސްވުމުގައި، ޣައްޒާގައި ބައިނަލްއަގުވާމީ ފައުޖެއް ބޭއްވުން ހިމެނޭއިރު މި ފައުޖަށް ސިފައިން ނަގާނީ މައިގަނޑު ގޮތެއްގައި، އަރަބި އަދި އިސްލާމީ ގައުމުތަކުންނެވެ. މިއީ އިޒްރޭލު ސިފައިން ޣައްޒާއިން ފައިބައިގެން ދިއުމުން ސަލާމަތީ ކަންކަމާ ހަވާލުވާނެ ފައުޖެވެ.