10 ނޮވެމްބަރ 2025 - 11:18

ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް ކާޑުން އެ ބޭންކުގެ ކާޑު މެޝިން ބޭނުންކޮށްގެން ކުރާ ވިޔަފާރިތަކަށް މީގެ ފަހުން މާޗަންޓް ފީގެ ގޮތުގައި ނަގާނީ 1 ޕަސެންޓް ކަމަށް އެ ބޭންކުން ބުނެފި އެވެ.
ބީއެމްއެލް އިން ބުނީ މާޗަންޓް ޑިސްކައުންޓް ރޭޓް (އެމްޑީއާރް)، އެ ބޭންކުން 2000 ވަނަ އަހަރު ޑެބިޓް ކާޑު ތައާރަފްކުރީންސުރެ 2.5 ޕަސެންޓުގައި ދެމެހެއްޓުމަށް ފަހު 1 ޕަސެންޓަށް ހެދީ ބޭންކުގެ 43 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކަމަށެވެ.
އެމްޑީއާރު ނުވަތަ މާޗަންޓް ޑިސްކައުންޓް ރޭޓަކީ، ބީއެމްއެލްގެ ކާޑު މެޝިންތަކުގައި ކާޑު މެދުވެރިކޮށް ފައިސާ ބަލައިގަތުމަށްޓަކައި ބޭންކުން ވިޔަފާރިވެރިންގެ އަތުން ނަގާ ކޮމިޝަނެވެ. ކާޑުން ފައިސާ ބަލައިގަތުމަށް ބައެއް ވިޔަފާރިތަކުން ބޭނުން ނުވާ އެއް ސަބަބަކަށް ވެފައި އޮންނަނީ މި ފީ ބޮޑުވުމެވެ.
މި ފީ ކުޑަކުރުމުން، "ބީއެމްއެލްގެ ޕޭމަންޓް ހިދުމަތްތައް ބޭނުންކުރާ 7,000 އަށް ވުރެ ގިނަ ވިޔަފާރިވެރިންނަށް މިކަމުގެ ސީދާ ފައިދާކުރާނެ" ކަމަށް އެ ބޭންކުން ބުންޏެވެ.
"ބޭންކުގެ ކާމިޔާބީ އާއި ބޭންކުގެ ވިޔަފާރި ކަސްޓަމަރުންގެ ކާމިޔާބީއާ ބޮޑު ގުޅުމެއް އޮވޭ. އެހެންކަމުން އަހަރީ ދުވަހާ ދިމާކޮށް މުޅި ރާއްޖޭގެ ވިޔަފާރިތަކަށް ހަރަދުތައް ކުޑަކޮށް، ފައިނޭންސަށް ފަސޭހައިން ވާސިލުވުމަށް މަގުފަހިކޮށްދިނުމަށް މި އެޅުނު ފިޔަވަޅާ މެދު އަޅުގަނޑުމެން ވަރަށް ބޮޑަށް ފަހުރުވެރިވަން. މާޗަންޓް ފީ 1 ޕަސެންޓަށް ކުޑަކުރުމަކީ ބޮޑު ބަދަލެއް. މި ބަދަލުގެ ސަބަބުން އެތައް ހާސް ވިޔަފާރިއަކަށް ބޮޑު ފައިދާއެއް ކުރާނެކަމަށް އަޅުގަނޑުމެން ގަބޫލުކުރަން،" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާ ހަވާލާދީ އެ ބޭންކުން ބަޔާނެއްގައި ބުންޏެވެ.
އެމްޑީއާރު ކުޑަކުރުމުގެ އިތުރުން، ބީއެމްއެލް އިން ވަނީ ބޭންކުގެ ވިޔަފާރި ކަސްޓަމަރުންނަށް މާލީ ގޮތުން އިތުރު ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމަށް އާ އެޑްވާންސް މާޗަންޓް ސެޓްލްމަންޓް ފެސިލިޓީއެއް ވެސް މިއަދު ތައާރަފްކޮށްފަ އެވެ.
ރަހުނަކާ ނުލައި ދޫކުރާ މި އެޑްވާންސް ސެޓްލްމަންޓް ފެސިލިޓީގެ ދަށުން، ވިޔަފާރިތަކަށް އެ ވިޔަފާރިއަކުން ފާއިތުވި ހަ މަސް ދުވަހު ބީއެމްއެލް ކާޑު މެޝިނުން ވިޔަފާރިކޮށްފައިވާ މިންވަރަށް ބަލައި، ދެ މިލިއަން ރުފިޔާއާ ހަމައަށް އަވަސް ގޮތެއްގައި ފައިސާ ހަމަޖެހޭނެ އެވެ. މި ފައިސާ އަނބުރާ ދައްކަން ޖެހޭ މުއްދަތު ކަނޑައަޅާނީ އެ ވިޔަފާރިއަކަށް ކޮންމެ ދުވަހެއްގެ މައްޗަށް ލިބޭ އާމްދަނީއަށް ބަލައި ފަސޭހަ އުސޫލަކުން ކަނޑާލެވޭ ގޮތަށް ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ބޭންކުން ވަނީ ޑެބިޓް ކާޑުން ރާއްޖޭން ބޭރުގައި ފައިސާދެއްކުމަށް ކަނޑައަޅާފައިވާ ލިމިޓް ވެސް އިތުރުކޮށްފަ އެވެ. ކާޑު މެޝިނުން ކުރާ މުއާމަލާތްތަކަށް މަހަކު 1,000 ޑޮލަރަށް ލިމިޓް އިތުކުރަން ނިންމާފައި ވާއިރު މި ބަދަލަށް މި މަހުގެ 11 އިން ފެށިގެން އަމަލުކުރަން ފަށާނެ އެވެ. އަދި ބޭސްފަރުވާގެ ބޭނުމަށާއި ދަތުރުފަތުރުގެ ބޭނުމަށް ބޭރުގައި ހަރަދުކުރެވޭ މިންވަރު ވެސް ވަނީ މަހަކު 3,000 ޑޮލަރަށް އިތުރުކޮށްފަ އެވެ.
"ކަސްޓަމަރުންނަށް އިތުރު އެއްވެސް އެޕްލިކޭޝަނަކާ ނުލައި މި އާ ލިމިޓްތައް ވަގުތުން ބޭނުންކުރަން ފެށޭނެ" ކަމަށް ބޭންކުން ބުންޏެވެ.
އެ ބޭންކުން ބުނި ގޮތުގައި ބޭންކުގެ ހިދުމަތް ހޯދާ ފަރުދުންނާއި ވިޔަފާރިތަކަށް ވެސް އަމާޒުކޮށްފައިވާ މި ފިޔަވަޅުތަކުން ދައްކުވައިދެނީ، ގައުމީ ހިދުމަތުގައި 43 އަހަރު ހޭދަކޮށްފައިވާ ބީއެމްއެލް އަކީ ހުރިހާ ދާއިރާއެއްގެ ދިވެހިންނަށް ވެސް އެހީތެރިވެ، ރާއްޖޭގެ ވިޔަފާރިތައް ހަރުދަނާކުރުމަށް ބޮޑު އިސްކަމެއް ދޭ ތަނެއް ކަމެވެ.