ސުވިމިން ޕޫލެއް ތަޅާލައި ކޮންނަނިކޮށް ފެނުނީ 800،000 ޑޮލަރުގެ ރަން
ސުވިމިން ޕޫލެއް ތަޅާލައި ކޮންނަނިކޮށް ފެނުނީ 800،000 ޑޮލަރުގެ ރަން

ފްރާންސްގެ މީހަކު އޭނާ ދިރިއުޅޭ ގޭގެ ގޯތިތެރޭގައި ހުރި ސުވިމިން ޕޫލެއް ތަޅާލައި ކޮންނަނިކޮށް 800،000 ޑޮލަރުގެ އަގުހުރި ރަން ފެނިއްޖެ އެވެ.

ފްރާންސްގެ ނޫސްތަކުން މި ހަފުތާގައި ރިޕޯޓްކުރި ގޮތުގައި، އެ އެއްޗެހި ފެނުނީ މިދިޔަ މެއި މަހު އެވެ. އަދި އޭނާ ވަނީ އެކަން ކަމާބެހޭ އިދާރާތަކަށް ރިޕޯޓް ވެސް ކޮށްފަ އެވެ.

އެއީ ގަދީމީ ސައިޓަކުން ފެނުނު ތަކެތި ކަމަށް ނުވާތީ، އެ އެއްޗެހި އޭނާގެ އަތުން ނަގާފައި ނުވާ ކަމަށް ފްރާންސްގެ އިދާރާތަކުން ބުންޏެވެ.

އެތަނުން ފެނުނީ ފަސް ގަނޑު ރަނާއި ރަނުގެ ފައިސާ ފޮތިތަކެކެވެ. އެ އެއްޗެހި ހުރީ ޕްލާސްޓިކް ކޮތަޅެއްގެ ތެރޭގަ އެވެ.

ފުލުހުންގެ ތަހުގީގުން އެނގުނު ގޮތުގައި، އެއީ ގަވާއިދާ އެއްގޮތަށް، މީގެ 15 ނުވަތަ 20 އަހަރު ކުރިން ގަނެފައި ހުރި ރަނެވެ. އެ ފަސް ގަނޑު ރަނުގެ ހުރި އެއަށް ހާއްސަ ނަންބަރުތައް ޓްރޭސްކޮށް، އެއީ ވަގަށް ނަގާފައިވާ ތަކެތި ނޫން ކަން ފުލުހުން ވަނީ ކަށަވަރުކޮށްފަ އެވެ.

ފްރާންސްގެ ގާނޫނުގައިވާ ގޮތުން، މިގޮތަށް ކޮންނަނިކޮށް ފެންނަ އަގުހުރި މުދަލުގެ ވެރިޔަކު ނުވާ ނަމަ، އެ އެއްޗެއް ލިބޭނީ އެ ހޯދި މީހަކަށެވެ.