ފޮރިން ސެކްރެޓަރީއަކަށް އަލުން އިނާޔާ އައްޔަންކޮށްފި
ފޮރިން ސެކްރެޓަރީއަކަށް އަލުން އިނާޔާ އައްޔަންކޮށްފި

ފޮރިން ސެކްރެޓަރީއަކަށް، އެ މަގާމުގައި ކުރިން ހުންނެވި ފާތުމަތު އިނާޔާ އަލުން އައްޔަންކުރައްވައިފި އެވެ.

ހާރިޖީ ދާއިރާއާ 1996 ވަނަ އަހަރު ގުޅިވަޑައިގެންނެވި އިނާޔާ، ފޮރިން ސެކްރެޓަރީއަކަށް ފުރަތަމަ އައްޔަން ކުރެއްވީ ޑިސެމްބަރު، 2023 ގަ އެވެ. ނަމަވެސް، އޭގެ ދޮޅު އަހަރެއްހާ ދުވަސް ފަހުން، މިދިޔަ މެއި މަހު ކުއްލި ގޮތަކަށް އެ މަގާމުން އޭނާ ވަކިކުރެއްވި އެވެ.

ފޮރިން ސެކްރެޓަރީގެ މަގާމުން ވަކިކުރެއްވުމުން އިނާޔާ ހުންނެވީ ސެކްރެޓަރީއަކަށެވެ.

އެނގިފައިވާ ގޮތުގައި ފޮރިން ސެކްރެޓަރީއަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަންގާރަ ދުވަހު އިނާޔާ ހަމަޖެއްސެވުމާ ހަމައަށް، އެ މަގާމަށް އެހެން ބޭފުޅަކު އައްޔަންކޮށްފައެއްނުވެ އެވެ. އެހެންވެ، ފޮރިން ސާވިސްގެ އެންމެ އިސް މަގާމު ހަ މަސް ދުވަސް ވަންދެން އޮތީ ހުސްކޮށެވެ.

ފޮރިން ސާވިސް ގާނޫނު ބުނާ ގޮތުން ފޮރިން ސެކްރެޓަރީގެ މަގާމުގެ މުއްދަތަކީ ތިން އަހަރު ދުވަހެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އިނާޔާ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި އެވެ. އަދި ފޮރިން މިނިސްޓްރީއާ އަލުން ވަޑައިގަތުމުގެ ކުރިން އޭނާ މަސައްކަތް ކުރެއްވީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގަ އެވެ.

އިނާޔާ ވަނީ އޮސްޓްރޭލިއާގެ ސިޑްނީ ޔުނިވާސިޓީން އިންޓަނޭޝަނަލް ރިލޭޝަންސް އެންޑް އެފެއާޒް އިން މާސްޓާސް ޑިގްރީ ހާސިލްކުރައްވައިފަ އެވެ.