އިންޑޮނީޝިއާގެ ގައުމީ ބަތަލުންގެ ލިސްޓަށް ކުރީގެ ރައީސް ސުހާޓޯ
އިންޑޮނީޝިއާގެ ގައުމީ ބަތަލުންގެ ލިސްޓަށް ކުރީގެ ރައީސް ސުހާޓޯ

އިންޑޮނީޝިއާގެ ކުރީގެ ރައީސް ސުހާޓޯ އެ ގައުމުގެ، ގައުމީ ބަތަލުންގެ ލިސްޓުގައި ހިމަނައި ރަސްމީކޮށް އިއުލާނުކޮށްފި އެވެ.

ޑިކްޓޭޓަރެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ، ކުރީގެ އަސްކަރީ ލީޑަރަށް މި ލަގަބު އަރުވަން ނިންމައި އިއުލާނުކުރީ، ހައްގުތަކަށް ވަކާލާތުކުރާ މީހުންނާއި އިލްމީ އެތައް ބަޔަކު އެކަމާ ދެކޮޅަށް އަޑު އުފުލަމުން ދަނިކޮށް، ގައުމީ ބަތަލުންގެ ދުވަހުގެ ހާއްސަ ރަސްމިއްޔާތުގަ އެވެ.

ސުހާޓޯގެ ދަރިކަނބަލަކާ ކައިވެނި ބައްލަވައިގެން އުޅުއްވާ މިހާރުގެ ރައީސް ޕްރަބޯވޯ ސުބިއާންޓޯ ވަނީ ސުހާޓޯގެ އިތުރުން އަލަށް ނުވަ ބޭފުޅަކު، ގައުމީ ބަތަލުންގެ ލިސްޓުގައި އަލަށް ހިމަނުއްވައި ރިޔާސީ ގަރާރެއް ނެރުއްވައިފަ އެވެ.

"ސެންޓްރަލް ޖާވާ ޕްރޮވިންސްގެ މަޝްހޫރު ޝަހުސިއްޔަތެއް އަދި މިނިވަންކަމުގެ ހަނގުރާމައިގެ ހީރޯއެއް ކަމަށްވާ ޖެނެރަލް ސުހާޓޯ އަކީ މިނިވަންކަން ލިބުނީންސުރެ ފާހަގަކޮށްލެވޭ ބޭފުޅެއް،" ސުހާޓޯގެ ދެ ބޭފުޅުންނާ އިނާމު ހަވާލު ކުރައްވަމުން ރައީސް ޕްރަބޯވޯ ވިދާޅުވި އެވެ.

ސުހާޓޯ 1998 ވަނަ އަހަރު ވެރިކަމުން ދުރުކުރީ އިންސާނީ ހައްގުތަކަށް އަރައިގަތުމާއި ކޮރަޕްޝަނުގެ ތުހުމަތު އަދި އިސް މީހުންގެ ދަރިންނާއި އާއިލާތަކަށް ކަންކަން ފަހިކޮށްދީ އެހެން މީހުން ނިކަމެތިކުރާ ކަމުގެ ޝަކުވާއާ އެކު ކުރި ވަރުގަދަ މުޒާހަރާތަކެއްގަ އެވެ.

އިންޑޮނީޝިއާ އަށް މިނިވަންކަން ލިބުނީ 1945 ވަނަ އަހަރު ނެދަލޭންޑްސް އާއި ޖަޕާނުގެ އަތްދަށުންނެވެ.

ދެކުނު އިރުމަތީ އޭޝިއާގެ، ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ އިންޑޮނީޝިއާގެ ތަރައްގީގައި މުހިންމު ދައުރެއް އަދާކޮށްފައިވާ އެ ގައުމުގެ މީހުންނަށް ކޮންމެ އަހަރަކު ވެސް ގައުމީ ބަތަލުންގެ ލަގަބު އަރުވަ އެވެ.

އިންޑޮނީޝިއާއަށް މިިނިވަންކަން ލިބުމަށް ފަހު ފުރަތަމަ ރައީސް އަދި މިނިވަންކަމަށް މަސައްކަތްކުރެއްވި ސުކާނޯގެ އަތުން ވެރިކަމުގެ ބާރުތައް ނެގުމަށް ފަހު ސުހާޓޯ ރަސްމީކޮށް ވެރިކަމާ ހަވާލުވެވަޑައިގަތީ 1967 ވަނަ އަހަރު އެވެ.

އިންޑޮނީޝިއާގެ އިގްތިސާދީ ކުރިއެރުމަށް 30 އަހަރު ވަންދެން ކާމިޔާބު މަސައްކަތްތަކެއް ސުހާޓޯ ކޮށްދެއްވި ނަމަވެސް 1997 އިން 1998 އަށް ތަޖުރިބާކުރަންޖެހުނު އޭޝިއާގެ މާލީ ކާރިސާގައި އެ ކުރިއެރުންތައް ވަރަށް ބޮޑަށް ގެއްލިގެން ދިޔަ އެވެ.

ސުހާޓޯ އަވަހާރަވީ ވެރިކަމުން ދުރުކުރިތާ 10 އަހަރު ފަހުން 2008 ވަނަ އަހަރު އެވެ.