10 ނޮވެމްބަރ 2025 - 09:58

ދުނިޔޭގެ އެންމެ ބޮޑު ތިމާވެށީގެ ކޮންފަރެންސް "ކޮޕް" ސަމިޓަށް މި އަހަރު އެކި ގައުމުތަކުން ދާ ވަފުދުތަކުގެ މީހުން ތިބެން ދެ ކްރޫޒްލައިނާ ގެންގޮސްފި އެވެ.

މި އަހަރުގެ ކޮޕް ސަމިޓް ބާއްވަނީ ބްރެޒިލްގެ ވަރަށް ރިމޯޓް ސިޓީއެއް ކަމަށްވާ ބެލެމްގަ އެވެ. އެހެންވެ، ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވާ ކޮޕް ސަމިޓުގައި އެކޮމޮޑޭޝަންގެ ދަތިކަމުގެ މައްސަލަ މި އަހަރު ވަނީ ވަރަށް ބޮޑުވެފަ އެވެ. މި އަހަރުގެ ސަމިޓުގައި ވެސް 50،000 އެއްހާ މީހުން ބައިވެރިވެ އެވެ.
އޭއެފްޕީން ރިޕޯޓްކުރި ގޮތުގައި، އެކޮމޮޑޭޝަންގެ ދަތިކަން ހައްލުކުރުމުގެ ގޮތުން ބްރެޒިލްގެ ސަރުކާރުން މިހާރު ވަނީ ޔޫރަޕުން ދެ ކްރޫޒްލައިނާ ގެންގޮސް ބެލެމްގެ ޕޯޓުގައި ބަނދަރުކޮށްފަ އެވެ. އެއީ، އެމްއެސްސީ ސީވިއު އާއި ކޯސްޓާ ޑައިޑެމާ ކިިޔާ ދެ ކްރޫޒްލައިނާ އެވެ.
ބްރެޒިލްގެ ސަރުކާރުން ވަނީ އެ ކްރޫޒްލައިނާތައް ގެންދަން އެ ސިޓީގެ ޕޯޓަށް 45 މިލިއަން ޑޮލަރު ހަރަދުކޮށްގެން އަޕްގްރޭޑް ވެސް ކޮށްފަ އެވެ.
އެ ކްރޫޒްލައިނާތަކުގައި 6،000 އެނދު ހުންނާނެ ކަމަށް ބްރެޒިލްގެ ސަރުކާރުން ބުންޏެވެ.
ނަމަވެސް، ކޮންފަރެންސް ބާއްވާ ހޯލާއި ކްރޫޒްލައިނާތައް އޮތް ޕޯޓް ދުރުވުމުން ބައެއް މީހުން ވަނީ ޝަކުވާ ކޮށްފަ އެވެ. އެ ދެމެދުގައި 20 ކިލޯމީޓަރުގެ ދުރުމިން ހުންނައިރު، ބަހުގައި ދަތުރުކުރަން 45 މިނެޓު ވަރު ހޭދަވެ އެވެ.
ކޮޕް ސަމިޓު ފެށެން ކައިރި ވެސް ނުވަނީސް ބެލެމްގައި ހުރި މަދު ހޮޓަލަކާއި ހޯމް ސްޓޭތައް ވަނީ އެއްކޮށް ބުކް ކޮށްފަ އެވެ. އަދި އެކޮމޮޑޭޝަންތަކުގެ އަގު ދުވާލަކަށް 600 ޑޮލަރަށް ބޮޑުވި އެވެ. އެކޮމޮޑޭޝަންގެ ދަތިކަން ކުޑަކުރުމަށް އެ ސިޓީގެ ސްކޫލްތަކާއި ޔުނިވާސިޓީތަކުގައި މީހުންނަށް ތިބޭނެ އިންތިޒާމު ވެސް ބްރެޒިލްގެ ސަރުކާރުން ވަނީ ހަމަޖައްސައިފަ އެވެ.
މި ސަމިޓާ ދިމާކޮށް އެއްގަމު ދަތުރުފަތުރުގެ ކަންކަން ފަސޭހަކުރުމަށްޓަކާ އެ ސިޓީގެ މައި މަގުތަކާ ގުޅޭ ގޮތަށް ޕޯޓު ސަރަހައްދުން ފެށިގެން ވަނީ ބްރިޖެއް ވެސް އަޅައިފަ އެވެ. އެ މަސައްކަތްކުރީ އެތަނުގައި އޮންނަ އެމެޒޯން ރެއިންފޮރެސްޓަށް ގެއްލުންވާ ގޮތަށް ކަމަށް ވާތީ، ބްރެޒިލްގެ ސަރުކާރަށް ގިނަ ފާޑުކިޔުންތަކެއް ވެސް އަމާޒުވި އެވެ.
މިއަދު ފަށާ 30 ވަނަ ޔޫއެން ކްލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް30)ގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބަޔަކު ބައިވެރި އެވެ.