10 ނޮވެމްބަރ 2025 - 09:23

އެންމެ ޒަމާނީ ފެންވަރަށް ތަރައްގީކޮށް ރޭ އަލުން ހުޅުވި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ބީއެމްއެލްގެ ފަރާތުން ޑޮލަރު ނެގޭނެ އޭޓީއެމަކާއި އެ ބޭންކުގެ ޑޮލަރު ކައުންޓަރެއް ގާއިމްކޮށްފި އެވެ.

އެ ދެ ހިދުމަތް އިފުތިތާހު ކޮށްދެއްވީ އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދު ކޮށްގެން އަލުން ހެދި އެ އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ރޭ ބޭއްވި ކުލަގަދަ ހަފުލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަކީ ލިބިވަޑައިގަންނަވާ އުފަލެއް ކަމަށެވެ.
"ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގައި ޑޮލަރު ކައުންޓަރާ އެކު، ޑޮލަރު އޭޓީއެމް ވެސް ގާއިމުކުރެވުމުން ހާމަވެގެންދަނީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެ ތާކުން ވެސް ބޭންކުގެ ހިދުމަތްތަކަށް ފަސޭހައިން ވާސިލު ވެވޭނެ ވަސީލަތްތައް ގާއިމުކުރުމަށް ދޭ އަހުމިއްޔަތުކަން،" އޭނާ ވިދާޅުވި އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާގެ ކޮޗިން އާއި ޓްރިވެންޑްރަމަށް ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ދަތުރުކުރެ އެވެ. އެހެންވެ، ބީއެމްއެލުން ބުނީ، އެ އެއާޕޯޓުގައި ޑޮލަރު ކައުންޓަރެއް ހުޅުވުމަކީ ލިބުނު ބޮޑު ފަސޭހައަކަށް ވާނެ ކަމަށެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާ އެކު، 20 އަތޮޅުގައި 42 ބްރާންޗާއި 202 ސެލްފް ސާވިސް ބޭންކިން ސެންޓަރާއި 262 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ބީއެމްއެލުން އަންނަނީ ދެމުންނެވެ. އަދި އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަަމަށް އެ ބޭންކުން ބުންޏެވެ.