09 ނޮވެމްބަރ 2025 - 22:54

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީއާ އެކު، މި ލިބުނީ ރަނުގެ ވަރަށް ބޮޑު ފުރުސަތެއް ކަމަށާއި މިއީ ދިވެހި ވިޔަފާރިތައް ރާއްޖޭގެ އެންމެ އުތުރަށް ފުޅާކުރަންވީ ވަގުތު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ހަނިމާދޫ އެއާޕޯޓް ޒަމާނީކޮށް، އަލުން ހުޅުވުމަށް އެ އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މިއަދު މި ހުޅުވީ ހަމައެކަނި އެއާޕޯޓެއް ނޫން ކަމަށާއި ހދ. އަތޮޅާއި ބޮޑުތިލަދުންމަތީގެ ހުރިހާ އަތޮޅެއްގެ ހުރިހާ ރައްޔިތުންގެ ތަރައްގީގެ މައި ދޮރޯށި ކަމަށެވެ.

އެންމެ ފަހުގެ ރިޔާސީ އިންތިހާބަށް އެ މަނިކުފާނު ހުށަހެޅުއްވި ތަރައްގީގެ ޕްލޭނުގައި އުތުރާއި ދެކުނުގެ ހަތަރު އަތޮޅެއް ކަނޑައަޅައި، އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯންތަކެއްގެ ގޮތުގައި ތަރައްގީ ކުރަން ހިމަނާފައި ވާނެ ކަމަށާއި ރާއްޖޭގެ އުތުރުގައި އެ ސިޔާސަތު ހަގީގަތަށް ހެދުމަށްޓަކައި ހަނިމާދޫ އެއާޕޯޓަކީ އެންމެ މުހިންމު އެއް ވަސީލަތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މިއަދު މި ހާސިލްވެގެން ދަނީ ރާއްޖޭގެ ތަރައްގީގައި ހާއްސަކޮށް ރާއްޖޭގެ އެންމެ އުތުރުގެ ދެމެހެއްޓެނިވި ތަރައްގީގެ އެންމެ ބޮޑު އެއް ކާމިޔާބީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ހަނީމާދޫ އެއާޕޯޓު ތަރައްގީކޮށް އަލުން ހުޅުވުމަކީ އުތުރުގެ ޓޫރިޒަމާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ، އިޖުތިމާއީ ކުރިއެރުމާއި އަދި ތަރައްގީގެ ކުރިއެރުމަށް މަގުފަހިވާނެ މަސައްކަތެއް ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ އެހީގައި ރާއްޖޭގެ ތަރައްގީ އަށް މިވަރުގެ މުހިންމު ބިޔަ މަޝްރޫއެއް ހިންގުމަކީ ރާއްޖެ އާއި އިންޑިއާގެ ގާތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަކޮށްދޭން ކަމުގެ ރަމްޒެކެވެ. އަދި ރާއްޖެ އާއި އިންޑިއާގެ ހާރިޖީ ގުޅުމަށް މި އަހަރު 60 އަހަރު ފުރޭއިރު، ހަނީމާދޫ އެއާޕޯޓު ވަނީ އެ ގުޅުން ރަމްޒުކޮށްދޭން މުހިންމު ބިނާއަކަށެވެ.
"މި ރަށާއި މި އަތޮޅާއި ބޮޑު ތިލަދުންމަތީގެ ހުރިހާ ރައްޔިތުންނަށް މި ލިބިގެންދާ ފުރުސަތުގައި އަޅުގަނޑު އެދެނީ ވަރަށް ފުޅާމިނުގައި އަޅުގަނޑުމެން ބަލައިގަނެ، އޭގެ ބޭނުން ހިފަން ފަށަން،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ އުތުރުގައި ޓޫރިޒަމް ވިޔަފާރި އެންމެ އެކަށީގެންވާ މިންވަރަށް އަދި ނެތް ނަމަވެސް، ރިޔާސީ އިންތިހާބުގައި އެ މަނިކުފާނު ވައުދުވި ގޮތަށް އުތުރުގައި ޓޫރިޒަމް ފުޅާކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އުތުރުގައި ޓޫރިޒަމް ފުޅާކުރުމަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ހއ އާއި ހދ އަދި ށ. އަތޮޅުގައި ޓޫރިޒަމް ކުރިއެރުވުމަށް އެ އަތޮޅުގެ ފަޅުތައް އިންވެސްޓަރުންނަށް ކުއްޔަށް ދެވޭނެ ލުއިގޮތަށް ވެސް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އިންވެސްޓަރުންގެ ޝައުގުވެރިކަން މިހާރު ވަރަށް ބޮޑަށް ލިބެމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ޓޫރިޒަމަށް މީގެ 17 އަހަރު ކުރިން ދޫކުރި ހދ. ނާގޯށީގެ މަސައްކަތް ނިންމައި، އަންނަ އަހަރު ހުޅުވަން އެމްޓީޑީސީއާ މިހާރު ހަވާލުކޮށްފައިވާ ކަމަށް އިޝާރަތްކުރައްވައި ރައީސް ވިދާޅުވީ އެ ރިސޯޓު ހުޅުވުން ވަނީ އެ ސަރަހައްދުގައި ޓޫރިޒަމްގެ ވިޔަފާރި ފުޅާވުމުގެ ފެށުން ކަމަށެވެ.
"އަޅުގަނޑު އެދެން ހަމަ އެންމެ ފުޅާމިނުގައި ރާއްޖޭގެ ވިޔަފާރިވެރިން ހާއްސަކޮށް، ކުދި ބޮޑު އަދި މެދު ފަންތީގެ ހުރިހާ ވިޔަފާރިވެރިން މި ސަރަހައްދަށް ވަޑައިގަންނަވަން، މި ސަރަހައްދުގައި އިންވެސްޓްކުރަން،" ރައީސް ވިދާޅުވި އެވެ.
"މި ފުރުސަތުގެ ބޭނުން މިވަގުތު ހިތްޕަވަން، މިއީ ވަރަށް ބޮޑު ރަނުގެ ފުރުސަތެއް. މިއީ ވަރަށް ފުން، ފުޅާ ރަނުގެ ބޮޑު ފުރުސަތެއް. ހުރިހާ ދާއިރާއަކުން ވެސް."
ރައީސް ވިދާޅުވީ ސަރުކާރު އޮތީ ވިޔަފާރިވެރިންނާއި އިންވެސްޓަރުންނަށް ހުރިހާ ދާއިރާއަކުން ވެސް ބޭނުންވާ ކަންކަން މަގުފަހިކޮށްދިނުމަށް ތައްޔާރަށް ކަމަށެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމަށް ހަރަދުކޮށްފައިވެ އެވެ.
އެ މަޝްރޫއުގެ ދަށުން ހަނިމާދޫ އެއާޕޯޓުގައި 2.7 ކިލޯމީޓާރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ އާ ޓާމިނަލަކާއި އެއިރޯ ބްރިޖަކާއި ޑިއުޓީ ފްރީ އާއި ލައުންޖާއި އާ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި ކާގޯ އިމާރާތަކާއި ފިއުލް ފާމެއްގެ އިތުރުން ސީޕްލޭނަށް ހިދުމަތް ދެވޭނެ ޖެޓީ ވެސް ވަނީ ހަދައިފަ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާގެ ކަލްޕަތަރު ޕްރޮޖެކްޓްސްއާ އެ އެއާޕޯޓްގެ މަސައްކަތް ހަވާލުކުރީ ސެޕްޓެމްބަރު، 2022 ގަ އެވެ.