10 ނޮވެމްބަރ 2025 - 06:20

ގެއްލުމުގައި ހިންގާ، ސްރީ ލަންކާގެ ގައުމީ އެއާލައިން، ސްރީލަންކަން ގަންނާނެ ބަޔަކު ނުވި ކަމަށާއި އެހެންވެ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ބެއިލްއައުޓް ޝަރުތުތަކާ އެއްގޮތަށް އެ އެއާލައިނަށް ބަދަލު ގެންނާނެ ކަމަށް ރައީސް އަނޫރާ ކުމާރަ ޑިސެނަޔަކަށް ވިދާޅުވެއްޖެ އެވެ.
މީގެ ކުރިން ވެސް ލަންކާގެ އެކި ސަރުކާރުތަކުން ވަނީ ދައުލަތުގެ ބަޖެޓަށް ބޮޑު ބުރަޔަކަށް ވެފައިވާ އެއާލައިން ވިއްކާލަން މަސައްކަތްކޮށްފަ އެވެ. ރައީސް ޑިސެނަޔަކަށް ބަޖެޓް ބަޔާނުގައި ވިދާޅުވީ ބޭރުގެ އިންވެސްޓަރުން ހޯދަން ކުރި މަސައްކަތް ވެސް ކާމިޔާބު ނުވި ކަމަށެވެ.
ބޭރުގެ 46 ބިލިއަން ޑޮލަރުގެ ދަރަނި ނުދެއްކި 2023 ވަނަ އަހަރު ބަނގުރޫޓުވި ސްރީ ލަންކާއަށް އައިއެމްއެފުން ދިން 2.9 ބިލިއަން ޑޮލަރުގެ ބެއިލްއައުޓް ލޯނުގެ ޝަރުތުތަކުގެ ތެރޭގައި ގައުމީ އެއާލައިންގެ ސަބަބުން ވަމުންދާ ގެއްލުމުން ސަލާމަތްވާން އެ އެއާލައިން ވިއްކާލުން ނުވަތަ ފައިދާވާ ގޮތަށް ބަދަލުކުރުން ހިމެނެ އެވެ.
މިދިޔަ މާޗް މަސް ނިމުނު އިރު އެ އެއާލައިންގެ ޖުމްލަ ގެއްލުން ދެ ބިލިއަން ޑޮލަރަށް ވަނީ އަރައިފަ އެވެ. އަދި ސަވަރިން ގެރެންޓީ ދީފައިވާ 175 މިލިއަން ޑޮލަރުގެ ބޮންޑެއް ރީޝެޑިއުލްކުރަން ޖެހިފައި ވެސް އެބަ އޮތެވެ.
ޑިސެނަޔަކަށް ވިދާޅުވީ މި މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ފުރިހަމަކުރާނެ ކަމަށެވެ.
"އަންނަ އަހަރުގެ ކުރީކޮޅު ސްރީލަންކަން އެއާލައިންސްގެ މެނޭޖްމަންޓް ވެސް އަލުން ތަރުތީބު ކުރާނަން،" 2022 ވަނަ އަހަރުގެ އިގްތިސާދީ ކާރިސާއިން އަރައިގަނެ 2026 ވަނަ އަހަރުގެ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވަމުން ޑިސެނަޔަކަ ވިދާޅުވި އެވެ.
އެ އެއާލައިން ސަލާމަތް ކުރުމަށް އިތުބާރު ހިފޭ ބިޒްނަސް ޕްލޭނެއް އެކުލަވާލުމަށް މެނޭޖްމަންޓަށް އަންގާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބަނގުރޫޓުވުމަށް ފަހު ލަންކާގެ އިގްތިސާދު މަޑުމަޑުން ހަމަޔަކަށް އެޅެމުން ދިޔަ ނަމަވެސް ވޯލްޑް ބޭންކުން ބުނެފައިވަނީ ކުރިއެރުން ލަސް ކަމަށެވެ.