ކޮޕް ސަމިޓަށް ދައުވަތު ނުދިނުމުން ތާލިބާން ސަރުކާރުން ޝަކުވާކޮށްފި
ކޮޕް ސަމިޓަށް ދައުވަތު ނުދިނުމުން ތާލިބާން ސަރުކާރުން ޝަކުވާކޮށްފި

އަފްޣާނިސްތާނަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑުވާނެ އެއް ގައުމުގެ ގޮތުގައި އދ. އިން ފާހަގަކޮށްފައި ވިޔަސް، އެ ޖަމިއްޔާއިން ބާއްވާ މޫސުމާ ބެހޭ 30 ވަނަ ސަމިޓަށް އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރަށް ދައުވަތު ދީފައި ނެތުމުން އެކަމުގެ ޝަކުވާކޮށްފި އެވެ.

މިއަދު ބްރެޒިލްގައި ފަށާ، 30 ވަނަ، ޔޫއެން ކްލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް30) އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބަޔަކު ބައިވެރި އެވެ.

އަފްޣާނިސްތާނުގެ ނެޝަނަލް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އެންއީޕީއޭ) އިން ބުނީ އަފްޣާނިސްތާނަކީ މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ފޯރާނެ އެއް ގައުމު ކަމަށް ވިޔަސް، ކޮޕް30 އަށް ރަސްމީކޮށް ދައުވަތު ނުދިނުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

ތާލިބާން ސަރުކާރު ބަލައިގަންނަނީ ރަޝިޔާއިން ކަމަށް ވާއިރު، މިދިޔަ އަހަރު އަޒަރްބައިޖާންގައި ބޭއްވި ކޮޕް29 ސަމިޓަށް ތާލިބާނުންގެ ވަފުދެއް ފޮނުވި އެވެ. އެކަމަކު ސަމިޓްގެ މަޝްވަރާތަކުގައި ސީދާ ގޮތުން ބައިވެރިވުމުގެ ބަދަލުގައި ދިޔައީ "މެހެމާނެއް" ގެ ގޮތުގަ އެވެ.

އަފްޣާނިސްތާނުގެ ވެރިކަމަށް 2021 ވަނަ އަހަރު އަލުން އައި ތާލިބާނުން ބުނަނީ ޑިޕްލޮމެޓިކް ގޮތުން އެކަހެރި ވުމަކީ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ބައިނަލްއަގުވާމީ މަޝްވަރާތަކުގައި އެ ގައުމަށް ބައިވެރިނުވެވޭނެ ސަބަބަކަށް ވެގެން ނުވާނެ ކަމަށެވެ.

"މި ކޮންފަރެންސްގައި އަފްޣާނިސްތާނުގެ ރައްޔިތުން ބައިވެރިވުމަށް ހުރަސް އެޅުމަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް، ބައިނަލްއަގުވާމީ އެއްބާރުލުމާއި، އެއްބައިވަންތަކަން އިސްކުރުމުގެ އުސޫލާ ހިލާފު ކަމެއް،" އެންއީޕީއޭ އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ސައިންސްވެރިން ބުނާ ގޮތުގައި އަފްޣާނިސްތާނަކީ ދުނިޔެއިން ބޭރުކުރާ ގްރީންހައުސް ގޭހުގެ އެންމެ 0.06 ޕަސެންޓް ހިއްސާކުރާ ގައުމަކަށް ވިޔަސް، ގްރީހައުސް ގޭހުގެ ސަބަބުން މޫސުމަށް ކުރާ އަސަރުތަކުގެ ގެއްލުން އެންމެ ބޮޑުވާނެ އެއް ގައުމަކީ އަފްޣާނިސްތާނަށް ވާނެ އެވެ.

އދ. އިން ބުނާ ގޮތުގައި އަފްޣާނިސްތާނުގެ އާބާދީގެ 89 ޕަސެންޓް މީހުން ދިރިއުޅުމަށް ކުރާ މައިގަނޑު މަސައްކަތަކީ ދަނޑުވެރިކަމެވެ.

"2020 ވަނަ އަހަރާއި 2025 ވަނަ އަހަރާ ދެމެދު އަފްޣާނިސްތާނަށް ހޫނު މޫސުމުގެ އަސަރު ތަކުރާރުކޮށް ކޮށްފައި ވާއިރު އެކަމުގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި ވަޅުތަކުގެ ފެންގަނޑުގެ 30 މީޓަރަށް ތިރިވެފައިވެ އެވެ.

ކޮޕް30 ފެށުމުގެ ކުރިން އދ އިން ބުނީ 2025 ވަނަ އަހަރަކީ މިހާތަނަށް ރެކޯޑް ކުރެވުނު އެންމެ ހޫނު އެއް އަހަރަށް ވާނެ ކަމަށެވެ. -- އޭއެފްޕީ