އަނިލް އަމްބާނީގެ 846 މިލިއަން ޑޮލަރުގެ މިލްކިއްޔާތު ހިފަހައްޓައިފި
އަނިލް އަމްބާނީގެ 846 މިލިއަން ޑޮލަރުގެ މިލްކިއްޔާތު ހިފަހައްޓައިފި

އިންޑިއާގެ މަހުޖަނު އަނިލް އަމްބާނީ، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ލޯނު އެއްބަސްވުމާ ހިލާފުވެ ނަހަމަ ގޮތުގައި އެ ފައިސާ ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، އޭނާއާ ގުޅުން އޮންނަ ވިޔަފާރިތަކުގެ 846 މިލިއަން ޑޮލަރުގެ މިލްކިއްޔާތު ތަހުގީގީ އިދާރާތަކުން ހިފަހައްޓައިފި އެވެ.

އޭޝިއާގެ އެންމެ މުއްސަނދި މީހާ ކަމަށްވާ މުކޭޝް އަމްބާނީގެ އެއްބަނޑު އެއްބަފާ މީހުންގެ ތެރެއިން އެންމެ ހަގު، އަނިލް އަކީ ހަކަތައިގެ ވިޔަފާރިން ފެށިގެން ޑިފެންސް ދާއިރާގެ ވިޔަފާރި ވެސް ހިންގާ މީހެކެވެ. ބޭންކް ލޯނުތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި މަނީ ލޯންޑަރިން ފަދަ ކަންކަމުގެ ތުހުމަތުގައި އިންޑިއާގެ ތަހުގީގީ އިދާރާތަކުގެ ސަމާލުކަމަށް އަނިލް ވަނީ އައިސްފަ އެވެ.

މިހާރު ކުރިއަށްދާ ތަހުގީގައި އިންޑިއާގެ އެންފޯސްމަންޓް ޑައިރެކްޓަރޭޓް (އީޑީ) އިން 75 ބިލިއަން ރުޕީސްގެ މިލްކިއްޔާތު ހިފަހައްޓާފައި ވާއިރު އޮފީސް އިމާރާތްތަކާއި މީހުން ދިރިއުޅޭ 132 އޭކަރު (53 ހެކްޓަރު) ގެ ފްލެޓް އިމާރާތްތަކާއި ބިން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

އެ އެޖެންސީން ބުނީ "ރިލަޔަންސް އަނިލް އަމްބާނީ ގްރޫޕް" ގެ ބައެއް ކުންފުނިތަކުން، އާންމު މަންފާއަށް ބޭނުންކުރަންޖެހޭ ފައިސާ މަކަރާއި ހީލަތުން އެހެން ކަންކަމަށް ބޭނުންކޮށްފައިވާކަން ފާހަގަވެފައިވާ ކަމަށާއި ކުށުގެ މި އަމަލުން ހޯދާފައިވާ ފައިސާ އޭގެ ހައްގުވެރިންނަށް ހޯދައިދިނުމަކީ ތަހުގީގެ އަމާޒު ކަމަށެވެ.

އީޑީ އިން ބުނީ އެ މައްސަލަ ތަހުގީގުކުރަން ފަށާފައި ވަނީ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން މިދިޔަ އޮގަސްޓް މަހު ހުށަހެޅި ޖިނާއީ މައްސަލައަކާ ގުޅިގެން ކަމަށެވެ.

އަނިލް އަމްބާނީގެ ކޮންޓްރޯލް އޮންނަ ރިލަޔަންސް އިންފްރާސްޓްރަކްޗާ އިން ބުނީ އީޑީގެ އެސެޓްތައް ހިފެހެއްޓިޔަސް އެ ކުންފުނީގެ ވިޔަފާރި ހިންގުމަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ.

އެސްބީއައި އިން ތުހުމަތުކޮށްފައިވާ ގޮތުގައި އަނިލް އަމްބާނީ އާއި އޭނާގެ ކުރީގެ ޓެލްކޮމް ކުންފުނި ރިލަޔަންސް ކޮމިއުނިކޭޝަންސް އިން ވަނީ ލޯނުގެ ޝަރުތުތަކާ ހިލާފުވެ ބޭންކުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފަ އެވެ. އެ ބޭންކުން ބުނާ ގޮތުގައި މި އަމަލުތަކުގެ ސަބަބުން އެ ބޭންކަށް ވަނީ 29.29 ބިލިއަން ރުޕީސް (335.4 މިލިއަން ޑޮލަރު) ގެއްލުން ވެފަ އެވެ.

އަނިލްގެ ތަރުޖަމާނަކު ވިދާޅުވީ މި ހުރިހާ ތުހުމަތަކަށް އަނިލް އިންކާރުކުރައްވާ ކަމަށާއި ޔަގީންކަމާ އެކު ދިފާއު ވެވޭނެ ކަމަށެވެ. -- އޭއެފްޕީ