09 ނޮވެމްބަރ 2025 - 19:28

ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅެނިކޮށް، ދިވެހި އަސްކަރިއްޔާގެ ޑްރޯންގެ އެހީގައި މިދިޔަ ހުކުރު ދުވަހު އަތުލައިގަތް ބޯޓުގައި ތިބި ފަސް މީހަކު ފުލުހުންނާ މިއަދު ހަވާލުކޮށްފި އެވެ.
އެމްއެންޑީއެފުން މިރޭ ބުނީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅެނިކޮށް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންދިޔަ ލަންކާގެ މަސްބޯޓާއި އެ ބޯޓުން ފެނުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަދި ބޯޓުގައި ތިބި ފަސް މީހަކު ފުލުހުންނާ މިހާރު ހަވާލު ކޮށްފައިވާ ކަމަށެވެ.
ނަމަވެސް، އެ މީހުންގެ ވަނަވަރާއި ފެނުނު މަސްތުވާތަކެތީގެ އަދަދު ރަސްމީ އެއްވެސް އިދާރާއަކުން އަދި ހާމައެއް ނުކުރެ އެވެ.
އެކަމަކު، ލަންކާގެ ނޫހެއްގައި އިއްޔެ ރިޕޯޓު ކޮށްފައިވާ ގޮތުގައި، ދިވެހި ސިފައިން އަތުލައިގަތީ 300 ކިލޯގެ ހެރޮއިން އާއި އައިސް (ކްރިސްޓަލް މެތު) ހިފައިގެން ދަތުރުކުރަމުން ދިޔަ ބޯޓެކެވެ. އެ ބޯޓުގައި ތިބި ލަންކާގެ ހަ މަސްވެރިއަކު ވެސް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ލަންކާގެ ނޫހުން ބުނެފައިވެ އެވެ.
އެމްއެންޑީއެފުން އެ ބޯޓު ހޯދާފައި ވަނީ ލަންކާގެ ކަނޑުގެ ސިފައިން ފޯރުކޮށްދިން މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ކަމަށް ވެސް އެ ނޫހުގައި ބުންޏެވެ.
އެމްއެންޑީއެފުން ކުރިން ބުނި ގޮތުގައި، ބޯޓު ފެނުނީ ބޭރުގެ ބޯޓެއް ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތެރިވާކަން ފާހަގަކުރެވިގެން ސިފައިންގެ ވައިގެ ހިދުމަތް، އެއާ ކޯއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސް އޮޕަރޭޝަނެއްގަ އެވެ.
ކޯސްޓްގާޑް ސްޕެޝަލް ބޯޓް ސްކޮޑްރަނުން އެ ބޯޓު އިންޓަސެޕްޓްކޮށް ދިވެހި ސިފައިންގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން އޭރު ބުންޏެވެ.
މި މައްސަލައިގެ ތަހުގީގަށް ލަންކާގެ ޓީމެއް ވެސް ރާއްޖެ އަންނަން ހަމަޖެހިފައިވާކަން ވަނީ އެނގިފަ އެވެ.