15 އަހަރު ހިންގާފައިވާ ކޮލެޖްތައް ޔުނިވާސިޓީތަކަށް ބަދަލުކުރެވޭ ގޮތަށް ހަދައިފި
15 އަހަރު ހިންގާފައިވާ ކޮލެޖްތައް ޔުނިވާސިޓީތަކަށް ބަދަލުކުރެވޭ ގޮތަށް ހަދައިފި

ޔުނިވާސިޓީއަކަށް ބަދަލު ކުރުމުގެ ޝަރުތު ދަށްކޮށް، 15 އަހަރު ހިންގާފައިވާ ކޮލެޖްތައް ޔުނިވާސިޓީތަކަށް ބަދަލު ކުރެވޭ ގޮތަށް މަތީ ތައުލީމާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް ފުރަތަމަ އިސްލާހު ގެނައުމުގެ ބިލު، ރައީސް މުއިއްޒު މިއަދު ތަސްދީގު ކުރައްވާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން އެ ބިލު ފާސްކުރީ މިދިޔަ ބުދަ ދުވަހު އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، އެ އިސްލާހުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ މަތީ ތައުލީމުގެ ދޮރު މިހާރަށް ވުރެ ބޮޑަށް ހުޅުވާލައި ވަސީލަތްތަކާއި ގާބިލުކަން ހުރި ފަރާތްތަކަށް ރާއްޖޭގައި ޔުނިވާސިޓީ ތައުލީމު ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

އެ އިސްލާހާ އެކު ރާއްޖޭގައި ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓަރީވުމުގެ ޝަރުތެއްގެ ގޮތުގައި އެ މަރުކަޒަކީ ރާއްޖޭގައި ކޮލެޖެއްގެ ގޮތުގައި މެދުނުކެނޑި ހިންގާތާ 15 އަހަރު ވެފައިވާ ނުވަތަ ބޭރު ގައުމެއްގެ ޔުނިވާސިޓީއެއްގެ ގޮތުގައި ހިންގަމުން އަންނަތާ 10 އަހަރުވެފައިވާ މަރުކަޒަކަށް ވުން ހިމަނާފައިވެ އެވެ.

ރާއްޖޭގައި މަތީ ތައުލީމު ދިނުމަށް ރަޖިސްޓަރީ ކޮށްފައިވާ ކޮލެޖެއް، ޔުނިވާސިޓީއަކަށް ބަދަލުކުރުމަށް އެދޭއިރު، ދެން ފުރިހަމަވާން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ؛

• ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 އަދި 9 ގެ، މަދުވެގެން ތިން ދާއިރާއަކުން އެ ކޮލެޖެއްގެ އަމިއްލަ ޕްރޮގްރާމްތައް ނުވަތަ ބޭރުގެ ޔުނިވާސިޓީއެއްގެ ޕްރޮގްރާމްތައް ހިންގަމުން ގެންދިއުން

• އެ ކޮލެޖެއްގައި ހިންގާ ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 އިން ފެށިގެން މަތީގެ ކޯސްތަކުގައި މަދުވެގެން 1،000 ދަރިވަރުން ކިޔަވަމުން ގެންދިއުން

• ބައިނަލްއަގުވާމީ ޔުނިވާސިޓީ ރޭޓިންއެއް ނުވަތަ ރޭންކިންއެއްގައި ބައިވެރިވެ ރޭޓުކޮށް ނުވަތަ ރޭންކު ކޮށްފައިވާ ކޮލެޖަކަށްވުން

• ބައިނަލްއަގުވާމީ ޔުނިވާސިޓީތައް ބައިވެރިވާ ޖަމާއަތެއްގެ މެންބަރެއްގެ ގޮތުގަ އާއި ބައިނަލްއަގުވާމީ ކޮލިޓީ އެޝުއަރަންސް ޖަމާއަތެއްގެ މެންބަރެއްގެ ގޮތުގައި މަދުވެގެން ފަސް އަހަރު ދުވަސް ހޭދަކޮށްފައިވުން

• ބައިނަލްއަގުވާމީ ފެންވަރުގެ ރިސާޗް މަސައްކަތްތައް، ބޭރުގެ ޔުނިވާސިޓީތަކާއި ޖަމާއަތްތަކާ އެކު ހިންގުމުގެ ތަޖުރިބާ ލިބިފައިވުން

• އެ ކޮލެޖެއްގެ އެކަޑެމިކް ޕްރޮގްރާމްތަކުގައި ކިޔަވައިދޭ އެކަޑެމިކް މުވައްޒަފުންގެ މަދުވެގެން 10 ޕަސެންޓަކީ ޕީއެޗްޑީ ހާސިލުކޮށްފައިވާ މުވައްޒަފުންނަށްވުން

• އެ ކޮލެޖެއްގައި މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ، ޔުނިވާސިޓީއެއް ހިންގުމަށް އެކަށީގެންވާ ވަސީލަތްތައް ގާއިމުކޮށްފައިވުން

އެ ބިލް ތަސްދީގުކޮށް، ގާނޫނަކަށް ވާތާ ގިނަވެގެން ދެ މަސްދުވަހުގެ ތެރޭގައި އެކަމާ ގުޅޭ ގަވާއިދުތައް ހަދަން ޖެހޭނެ ކަމަށް ވެސް ބިލްގައިވެ އެވެ.

އެ އިސްލާހަށް މިއަދުން ފެށިގެން އަމަލުކުރާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.