09 ނޮވެމްބަރ 2025 - 17:16

ސައުދީ އަރަބިއާގެ ރިޔާދްގައި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ އަންހެން ޓޭބަލް ޓެނިސް އިވެންޓްގައި ރާއްޖޭން މިއަދު ސައުދީ ބަލިކޮށް ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.
ޓޭބަލް ޓެނިސްގެ އަންހެން ޓީމު އިވެންޓްގައި ރާއްޖެއާ އެކު ގުރޫޕް ޑީގައި ހިމެނުނީ ސައުދީގެ އިތުރުން ތުރުކީ އެވެ.
ތުރުކީގައި 2022 ގައި ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ލޯ މެޑަލް ހޯދި ރާއްޖޭގެ އަންހެން ޓީމުން، މި ފަހަރު މުބަރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ތުރުކީ އަތުން ބަލިވީ ސީދާ 8 ގޭމުންނެވެ.
މިއަދު ސައުދީއާ ދެކޮޅަށް ދިވެހި ޓީމުން މޮޅުވީ 8-3 ސެޓުންނެވެ.
މެޗުގެ ފުރަތަމަ ގޭމް ރާއްޖޭން ކާމިޔާބު ކުރީ ޑަބަލް މެޗުން މޮޅުވެގެންނެވެ. މި އަހަރުގެ ގައުމީ ޗެމްޕިއަން އާއިޝަތު ރަފާ ނާޒިމް އާއި ފާތިމަތު ދީމާ އަލީގެ ޕެއާއާ ދެކޮޅަށް ޑަބަލްސް މެޗުގައި ސައުދީ ޓީމުން ނުކުތީ ޝަހާހް އަލްދަފީރީ އާއި އަމީރާ އަލްދާފިރީ އެވެ.
ދީމާ އާއި ރަފޭގެ ޕެއާއިން އެ ގޭމް ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. އެއީ 11-7، 11-7 އަދި 11-2 ންނެވެ.
ދެވަނަ ގޭމްގައި ރާއްޖޭގެ އާއިޝަތު އަލްސާ ނާފިޒްގެ މައްޗަށް ސައުދީގެ ނިހާލް އަލްގަހްތާނީ ކާމިޔާބު ހޯދީ ސީދާ ތިން ސެޓުންނެވެ. ނިހާލް ސެޓްތައް ހޯދީ 11-4 11-8، 11-8 ންނެވެ.
ތިންވަނަ ގޭމް ދީމާ ނުކުމެ ރާއްޖެ އަށް ކާމިޔާބުކޮށްދީ އަލުން ލީޑް ނެގި އެވެ. ޝަހާހްގެ މައްޗަށް ދީމާ ފަސޭހަކަމާ އެކު ކާމިޔާބު ހޯދީ 11-2، 11-3 އަދި 11-4 ންނެވެ.
ތިންވަނަ ގޭމްގައި ނިހާލްއާ ދެކޮޅަށް ކުޅޭ ރަފާ ރާއްޖޭގެ ލީޑް ފުޅާކޮށްދިނެވެ. އޭނާ ވެސް ގޭމް ކާމިޔާބު ކުރީ ސީދާ ސެޓުންނެވެ. ސެޓްތައް ހޯދީ 11-8 އަދި 11-7 ންނެވެ.
މިއަދު ކުއާޓާ ފައިނަލުގައި ރާއްޖޭން ނުކުންނާނީ ޒަރުބައިޖާނާަ ދެކޮޅަށެވެ.
ތުރުކީން ސައުދީގެ މައްޗަށް ކާމިޔާބު ހޯދީ ސީދާ 8 ސެޓުންނެވެ.
ފިރިހެން ބައިގައި އިއްޔެ ރާއްޖޭގެ ފިރިހެން ޓީމު އިރާން އަތުން ބަލިވީ ސީދާ 8 ސެޓުންނެވެ.
މިއަދު ގަތަރު އަތުން ފިރިހެން ޓީމު ބަލިވީ 8-4 ސެޓުންނެވެ.