ރާއްޖެ އަންނަ ފަލަސްތީނުގެ ޓީމަށް އެހީވާން އެފްއޭއެމުން ސްވެނިއާ ޓިކެޓް ވިއްކަނީ!
ރާއްޖެ އަންނަ ފަލަސްތީނުގެ ޓީމަށް އެހީވާން އެފްއޭއެމުން ސްވެނިއާ ޓިކެޓް ވިއްކަނީ!

ޓްރޭނިން ކޭމްޕް ބާއްވަން މާދަމާ ރާއްޖެ އަންނަ ފަލަސްތީނުގެ ޒުވާން ގައުމީ ޓީމަށް އެހީވުމަށް ސްވެނިއާ ޓިކެޓް ވިއްކަން އެފްއޭއެމުން ނިންމައިފި އެވެ.

އޭއެފްސީ 17 އަހަރުންދަށުގެ އޭޝިއަން ކަޕް ކޮލިފައިންއަށް ތައްޔާރުވާން ރާއްޖޭގައި ޓްރޭނިން ކޭމްޕް ބާއްވައި ދިނުމަށް ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އެފްއޭއެމްގެ ކިބައިން އެދިފައިވުމުން، ސަރުކާރުގެ ހަރަދުގައި އެ ޓިމުގެ ޓްރޭނިން ކޭމްޕް ރާއްޖޭގައި ބާއްވަން ވަނީ ނިންމައިފަ އެވެ.

މާދަމާ ރާއްޖެ އައިސް މި މަހުގެ 19 ވަނަ ދުވަހާ ހަމައަށް ފަލަސްތީނުގެ ޓީމު ރާއްޖޭގައި ހޭދަކުރާނެ އެވެ. އެ މުއްދަތުގައި ރާއްޖޭގެ 17 އަހަރުންދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗު ފަލަސްތީނުގެ ޓީމުން ކުޅޭނެ އެވެ.

އެ ދެ މެޗަށް އާންމުންނަށް ހިލޭ ދަނޑަށް ވަދެވޭނެ ކަމަށް އެފްއޭއެމުން ބުންޏެވެ.

އެކަމަކު ފަލަސްތީނުގެ ޓީމަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ދެ ކެޓަގަރީއަކުން ސްވެނިއާ ޓިކެޓް ވިއްކަން އެފްއޭއެމުން ވަނީ ނިންމައިފަ އެވެ.

އެއީ ޕްލެޓިނަމް އާއި ގޯލްޑް ކެޓަގަރީގެ ޓިކެޓެވެ. ސްވެނިއާ ޕްލެޓިނަމް ކެޓަގަރީގެ ޓިކެޓެއްގެ އަގަކީ 1،000ރ. އެވެ. އެ ކެޓަގަރީގައި ކުޅިބަލާމީހުންނަށް ހާއްސަކޮށްފައި ވަނީ ރޮސްޓޮމް އާއި ވީއައިޕީ އެވެ. އެ ކެޓަގަރީގައި ވިއްކާނީ ޖުމުލަ 50 ޓިކެޓެވެ.

ގޯލްޑް ކެޓަގަރީގައި ޓިކެޓް ވިއްކާނީ ރޮސްޓްރަމް އޭރިއާގެ ދެ ފަޅިން އޮންނަ ގޮނޑިބަރިންނެވެ. އެ ކެޓަގަރީގެ ޓިކެޓްގެ އަގަކީ 500ރ. އެވެ. އެ ކެޓަގަރީން ވިއްކާނީ 200 ޓިކެޓެވެ.

"މިގޮތުން ވިއްކާ ޓިކެޓް ފަލަސްތީނުގެ ފުޓްބޯޅަ ޓީމަށް ހަދިޔާކުރުމަށް ވަނީ ނިންމާފަ އެވެ.،" އެފްއޭއެމުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

އެ ދެ މެޗުގެތެރެއިން ފުރަތަމަ މެޗު އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭ ގަ އެވެ. ދެވަނަ މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެ ރޭގަ އެވެ.

އޭޝިއަން ކަޕް 17 އަހަރުން ދަށުގެ ކޮލިފައިންގައި ފަލަސްތީނު ހިމެނޭ ގުރޫޕް ޑީގެ މެޗުތައް ކުޅޭނީ އިންޑިއާގަ އެވެ. މިމަހު 22 އިން 30 އަށް ކުޅޭ ކޮލިފައިންގެ ގުރޫޕްގައި ހިމެނެނީ ފަލަސްތީނާއި އިންޑިއާގެ އިތުރުން އިރާނާއި ޗައިނީޒް ޓައިޕޭ އަދި ލުބުނާނެވެ.

ރާއްޖެ ކުޅޭ ކޮލިފައިން މެޗުތައް ކުރިއަށް ގެންދާނީ ތައިލެންޑްގަ އެވެ. ރާއްޖޭގެ ގުރުޕުގައި ތައިލެންޑްގެ އިތުރުން ދެން ހިމެނެނީ ތުރުކްމެނިސްތާނާއި ކުވޭތެވެ.