ކުޑަ އިންޓްރެސްޓް ރޭޓުގައި ރީފައިނޭންސް ހޯދަން ދަތިވާނެ: އޮޑިޓް އޮފީސް
ކުޑަ އިންޓްރެސްޓް ރޭޓުގައި ރީފައިނޭންސް ހޯދަން ދަތިވާނެ: އޮޑިޓް އޮފީސް

އަންނަ އަހަރު ބޮޑު ދަރަންޏެއް އަދާކުރަން ޖެހޭ އިރު ދަރަނީގެ ދެމެހެއްޓެނިވިކަން ކުޑަވެ، ކްރެޑިޓް ރޭޓިން ދަށްވެފައިވުމުން، ކޮންސެޝަލް ޓާމްސްގައި ނުވަތަ އެކަށީގެންވާ ދަށް އިންޓްރެސްޓް ރޭޓުތަކުގައި ބޭރުގެ ފަރާތްތަކުން އަދި ބޭރުގެ މާލީ ބާޒާރުން ފައިސާ ހޯދަން ދަތިވާނެ ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.

ކުޑަ އިންޓްރެސްޓް ރޭޓުގައި ރީފައިނޭންސް ހޯދަން ދަތިވާނެ: އޮޑިޓް އޮފީސް
ކުޑަ އިންޓްރެސްޓް ރޭޓުގައި ރީފައިނޭންސް ހޯދަން ދަތިވާނެ: އޮޑިޓް އޮފީސް

ރައްޔިތުންގެ މަޖިލިހަށް މިހާރު ހުށަހަޅާފައިވާ ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ލިޔުމުން ފޮނުވި ލަފާގައިވާ ގޮތުން، ބޭރުގެ ދަރަނި ދެއްކުމަށް ވަރަށް ބޮޑު ހޭދައެއް އެ އަހަރު ކުރަން ޖެހޭ އިރު، ދަރަނި ރިފައިނޭންސް ކުރުމަށް ބަޖެޓް ސަޕޯޓަށް ބޭރުގެ މާލީ ބާޒާރުން އަދި އެހެން ފަރާތްތަކުން ބޮޑެތި އަދަދުތަކެއް ދަރަނީގެ ގޮތުގައި ހޯދުމަށް ހުށަހަޅާފައިވާ ކަމަށެވެ.

މި ސަބަބުތަކާ ހެދި، ދަރަނި އަދާކުރުމަށް ކުރަންޖެހޭ ހަރަދުތައް ކުރިއަށް އޮތް އަހަރުތަކުގައި ވެސް ބޮޑުވާނެ ކަމަށް އެ ލަފާގައި ފާހަގަކޮށްފައިވެ އެވެ.

"ދަރަނީގެ އިންޓްރަސްޓް ހަރަދު ކުޑަކުރުމުގެ ގޮތުން، ބަޖެޓް ޑެފިސިޓްވާ މިންވަރު ކުޑަކޮށް، ދަރަނި ނަގަންޖެހޭ މިންވަރު ދަށްކުރަންޖެހޭ ކަމާއި މެދުރާސްތާގެ ދަރަނީގެ ސްޓްރެޓެޖީ އެކުލަވާލައި ތަންފީޒުކޮށްގެން، ދަރަނީގެ ހިރާސްތައް ކުޑަކުރުމުގެ މަސައްކަތް ހަރުދަނާ ކުރަން ޖެހޭކަން ފާހަގަކުރަމެވެ،" އޮޑިޓަ ޖެނެރަލްގެ އޮފީހުގެ ލަފާގައިވެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައިވާ ގޮތުން، ދަރަނި ދެއްކުމަށް 12.9 ބިލިއަން ރުފިޔާ ހޭދަކުރާ އިރު އިންޓްރެސްޓް ހަރަދުގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ހިމަނާފައި ވެ އެވެ. އެހެންވެ، ދަރަނި ދެއްކުމުގެ ޖުމްލަ ހަރަދަށް 18.4 ބިލިއަން ރުފިޔާ ހޭދަވާނެ އެވެ. އެއީ މުޅި ބަޖެޓުގެ 29 ޕަސެންޓެވެ.

ބަޖެޓް ފައިނޭންސް ކުރުމަށް ބޭރުގެ ފަރާތްތަކުން ޖުމުލަ 16,8 ބިލިއަން ރުފިޔާ ހުށަހަޅާފައިވާއިރު، ބަޖެޓް ސަޕޯޓް ލޯން އަދި ބޮންޑް/ސުކޫކް ވިއްކައިގެން ހޯދުމަށް ހުށަހަޅާ 14 ބިލިއަން ރުފިޔާގެ ބޮޑުބައެއް އޭޕްރީލް މަހުގައި ދައްކަން ޖެހެ އެވެ.

އަންނަ އަހަރު ދައުލަތުގެ ޖުމްލަ ދަރަނި ހުންނާނެ ކަމަށް ލަފާކުރަނީ 159 ބިލިއަން ރުފިޔާގަ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 128 ޕަސެންޓެވެ. މިއަހަރު ނިމޭ އިރު އެ އަދަދު ހުންނާނެ ކަމަށް ލަފާކުރަނީ 158 ބިލިއަން ރުފިޔާގަ އެވެ.