އެހެން ގައުމުތަކުން ބޭނުން ނުކުރާ ހައްޖު ކޯޓާއިން ބައެއް ރާއްޖެއަށް ހޯދަން މަޝްވަރާކޮށްފި
އެހެން ގައުމުތަކުން ބޭނުން ނުކުރާ ހައްޖު ކޯޓާއިން ބައެއް ރާއްޖެއަށް ހޯދަން މަޝްވަރާކޮށްފި

ހައްޖަށް ދިއުމަށް އެހެން ގައުމުތަކަށް ދީފައިވާ ކޯޓާގެ ތެރެއިން އެ ގައުމުތަކުން ބޭނުން ނުކޮށް ހުންނަ ކޯޓާގެ ތެރެއިން ބައެއް ރާއްޖެއަށް ހޯދަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސައުދީ ސަރުކާރާއެކު މިއަދު މަޝްވަރާ ކުރައްވައިފި އެވެ.

އެ މަޝްވަރާތައް ބޭއްވީ މިނިސްޓަރު ޝަހީމް ސައުދީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އެ މަޝްވަރާތަކާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ ގައުމުތަކަށް ދީފައި އޮންނަ ހައްޖު ކޯޓާގެ އިތުރަށް، އިތުރު ކޯޓާ މިހާރު ނުދޭ ކަމަށެވެ. އެހެން ނަމަވެެސް، އެހެން ގައުމުތަކަށް ދީފައި ހުންނަ ކޯޓާގެ ތެރެއިން އެގައުމުތަކުން ބޭނުން ނުކޮށް ހުންނަ ކޯޓާތައް، އިތުރަށް ކޯޓާ ބޭނުންވާ ގައުމުތަކުން ބޭނުން ކުރެވޭ އުސޫލެއް އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެން ގައުމުތަކަށް ދީފައި ހުންނަ ކޯޓާގެ ތެރެއިން އެ ގައުމުތަކުން ބޭނުން ނުކޮށް ހުންނަ ކޯޓާ، ކޯޓާ އިތުރަށް ބޭނުންވާ ގައުމުތަކުން ބޭނުން ކުރެވޭ ގޮތަށް ސައުދީން ކުރިއަށް ގެންދާ ހައްޖު މުބާޝިރު އިނިޝިއޭޓިވް އިން ރާއްޖެއަށް ފުރުސަތު ހޯދަން މިއަދު ވަނީ މަޝްވަރާ ކުރެވިފަ،" ޝަހީމް ވިދާޅުވި އެވެ.

ހައްޖު ކޯޓާގެ ގޮތުގައި ރާއްޖެއަށް މިހާރު ދެނީ 1،000 މީހުންގެ ކޯޓާ އެވެ. ނަމަވެސް އެ އަދަދު އިތުރުކުރަން ސަރުކާރުން ކުރިން ވެސް އޮތީ އެދިފަ އެވެ.