09 ނޮވެމްބަރ 2025 - 15:48

އޭއެފްސީ 17 އަހަރުންދަށުގެ އޭޝިއަން ކަޕް ކޮލިފައިން މެޗުތަކަށް ތައްޔާރުވާ ފަލަސްތީނުގެ ޒުވާން ގައުމީ ޓީމު ޓްރޭނިން ކޭމްޕް ރާއްޖޭގައި ބޭއްވުމަށް އެ ޓީމު މާދަމާ ރާއްޖެ އަންނާނެ ކަމަށް އެފްއޭއެމުން ބުނެފި އެވެ.
ހަނގުރާމައިގެ ސަބަބުން ފަލަސްތީނުގެ ޓީމުތަކަށް އެ ގައުމުގެ ފަސްގަނޑުގައި މުބާރާތް ކުޅެ ތަމްރީނު ހެދުމުގެ ފުރުސަތު ނުލިބެ އެވެ. އެހެންވެ، ފަލަސްތީނުން ތަމްރީނު ހަދަނީ ވެސް އެހެން ގައުމެއްގަ އެވެ. ރާއްޖޭގައި ކޭމްޕް ބާއްވައި ދިނުމަށް އެފްއޭއެމްގެ ކިބައިން އެދުނީ ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުންނެވެ.
މި ޓްރޭނިން ކޭމްޕްގެ ހުރިހާ ހަރަދެއް ކުރާނީ ސަރުކާރުން ކަމަށް އެފްއޭއެމުން ބުންޏެވެ. ފަލަސްތީނުގެ ޓީމު މި މަހު 19 ވަނަ ދުވަހާ ހަމައަށް ރާއްޖޭގައި ކޭމްޕް ކުރާނެ އެވެ.
އެ މުއްދަތުގައި ރާއްޖޭގެ 17 އަހަރުންދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗު ވެސް ކުޅޭނެ އެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ އެ ދެ މެޗުގެތެރެއިން ފުރަތަމަ މެޗު އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭ ގަ އެވެ. ދެވަނަ މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެ ރޭގަ އެވެ.
އާންމުންނަށް ހިލޭ ދަނޑަށް ވަދެވޭނެ ކަމަށް އެފްއޭއެމުން ބުންޏެވެ. އެކަމަކު ފަލަސްތީނުގެ ޓީމަށް ފައިސާ ހަދިޔާ ކުރަން ދެ ކެޓަގަރީއެއްގެ ރަމްޒީ ޓިކެޓްތަކެއް ވިއްކަން އެފްއޭއެމުން ވަނީ ނިންމައިފަ އެވެ.
އެއީ ޕްލެޓިނަމް އާއި ގޯލްޑް ކެޓަގަރީ ޓިކެޓެވެ. ސްވެނިއާ ޕްލެޓިނަމްގެ ޓިކެޓެއްގެ އަގަކީ 1،000ރ. އެވެ. އެ ކެޓަގަރީގައި ކުޅިބަލާމީހުންނަށް ހާއްސަކޮށްފައި ވަނީ ރޮސްޓޮމް އާއި ވީއައިޕީ އެވެ. އެ ކެޓަގަރީގައި ވިއްކާނީ ޖުމުލަ 50 ޓިކެޓެވެ.
ގޯލްޑް ކެޓަގަރީގައި ވިއްކާނީ ރޮސްޓްރަމް އޭރިއާގެ ދެ ފަޅިން އޮންނަ ގޮނޑިބަރިންނެވެ. އެ ކެޓަގަރީގެ ޓިކެޓްގެ އަގަކީ 500ރ. އެވެ. އެ ކެޓަގަރީން ވިއްކާނީ 200 ޓިކެޓެވެ.
އޭޝިއަން ކަޕް 17 އަހަރުން ދަށުގެ ކޮލިފައިންގައި ފަލަސްތީނު ހިމެނޭ ގުރޫޕް ޑީގެ މެޗުތައް ކުޅޭނީ އިންޑިއާގަ އެވެ. މިމަހު 22 އިން 30 އަށް ކުޅޭ ކޮލިފައިންގެ ގުރޫޕްގައި ހިމެނެނީ ފަލަސްތީނާއި އިންޑިއާގެ އިތުރުން އިރާނާއި ޗައިނީޒް ޓައިޕޭ އަދި ލުބުނާނެވެ.
ރާއްޖެ ކުޅޭ ކޮލިފައިން މެޗުތައް ކުރިއަށްގެންދާނީ ތައިލެންޑްގަ އެވެ. ރާއްޖޭގެ ގުރުޕުގައި ތައިލެންޑްގެ އިތުރުން ދެން ހިމެނެނީ ތުރުކްމެނިސްތާނާއި ކުވޭތެވެ.