09 ނޮވެމްބަރ 2025 - 10:42

މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އެންމެ ގިނައިން ހުށަހެޅީ ޕްރޮކިއުމެންޓާ ބެހޭ މައްސަލަތައް ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އޭސީސީގެ މި އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގެ ތަފާސްހިސާބުތައް މިއަދު ވަނީ އާންމުކޮށްފަ އެވެ. އެކަމަކު، އެ މުއްދަތުގައި ބެލި އެއްވެސް މައްސަލައެއްގެ ތަފާސްހިސާބެއް ހާމަނުކުރެ އެވެ.
ތަފާސްހިސާބުތަކުގައިވާ ގޮތުގައި، މި އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި ވެސް އެންމެ ގިނައިން އެ ކޮމިޝަނުގައި ރަޖިސްޓަރީ ކޮށްފައި ވަނީ ޕްރޮކިއުމެންޓާ ބެހޭ މައްސަލަތަކެވެ. އެއީ ފުރަތަމަ ކުއާޓަރުގައި 43 މައްސަލަ އާއި ދެވަނަ ކުއާޓަރުގައި 30 މައްސަލަ އެވެ.
ދެން އެންމެ ގިނައީ ދައުލަތުގެ ފައިސާ އާއި ތަކެތި ބޭނުންކުރުމާ ގުޅޭ މައްސަލަތަކެވެ. ފުރަތަމަ ކުއާޓަރުގައި އެ ބާވަތުގެ 16 މައްސަލައެއް ރަޖިސްޓަރީ ކޮށްފައިވާއިރު، ދެވަނަ ކުއާޓަރުގައި 14 މައްސަލައެއް ރަޖިސްޓަރީ ކޮށްފައިވެ އެވެ.
ކުއްޔަށް ދޫކުރާ ބިންތަކާއި ތަކެއްޗާ ގުޅުން ހުރި ނުވަ މައްސަލައެއް ފުރަތަމަ ކުއާޓަރުގައި ރަޖިސްޓްރީކުރި އިރު، ދެވަނަ ކުއާޓަރުގައި 13 މައްސަލަ ރަޖިސްޓަރީ ކޮށްފައިވެ އެވެ. ފުރަތަމަ ކުއާޓަރުގައި ވަޒީފާއާ ގުޅުން ހުރި ނުވަ މައްސަލައަކާއި ދެވަނަ ކުއާޓަރުގައި 8 މައްސަލައެއް ރަޖިސްޓަރީ ކޮށްފައިވެ އެވެ.
ދެ ކުއާޓަރުގައި ވެސް އެންމެ ގިނަ މައްސަލަތައް ރިޕޯޓް ކޮށްފައި ވަނީ އަތޮޅުތަކުންނެވެ. އެއީ ފުރަތަމަ ކުއާޓަރުގައި ރިޕޯޓްކުރި މައްސަލަތަކުގެ 53.8 ޕަސެންޓާއި ދެވަނަ ކުއާޓަރުގައި ރިޕޯޓްކުރި މައްސަލަތަކުގެ 63.1 ޕަސެންޓެވެ.