09 ނޮވެމްބަރ 2025 - 10:29

ތަރައްގީގެ 206 މަޝްރޫއެއް ހިންގަން ދިވެހި އަމިއްލަ 53 ކުންފުންޏަކާ ސަރުކާރުން މިދިޔަ ހަފުތާގައި ހަވާލު ކޮށްފައިވާއިރު، އެ ކުންފުނިތަކަށް ވެސް އެ ބޭންކުން ލޯނު ދޫކުރާނީ އުސޫލުގެ ތެރެއިން ކަމަށާއި ކްރެޑިޓް ޕޮލިސީތަކުގައި ކަނޑައަޅާފައިވާ ހުރިހާ ކަމަކަށް ބަލާނެ ކަމަށް ބީއެމްއެލުން މިއަދު ބުނެފި އެވެ.
މަޝްރޫއުތައް ހިންގަން ސަރުކާރާ އެކު ސޮއިކުރި 53 ކުންފުންޏަށް ލޯނު ދޫކުރަނީ ބީއެމްއެލްގެ ބޯޑުން ފާސްނުކޮށް ކަމަށް ބުނެ ދައްކާ ވާހަކަތަކާ ގުޅިގެން އެ ބޭންކުން ނެރުނު ބަޔާނެއްގައި ބުނީ، އެއީ އެ ބޭންކުގެ ކަސްޓަމަރުން ކަމަށްވާ ނަމަ ބޭންކުން މިހާރު ވެސް އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން ލޯނަށް އެދެމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
"ވިޔަފާރީގެ އުސޫލުން މި ލޯނުތައް ދޫކުރުމުގައި ވެސް ކްރެޑިޓް ޕޮލިސީތަކުގައި ކަނޑައަޅާފައިވާ އެންމެހާ ކަންކަމަށް ބަލާނެ އެވެ،" ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ބަޔާނުގައި ވެ އެވެ.
ތަރައްގީގެ 206 މަޝްރޫއު އަމިއްލަ ކުންފުނިތަކާ ހަވާލު ކުރަން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބޮޑު ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، އެ މަޝްރޫއުތައް ހިންގާނީ "ކޮންޓްރެކްޓާ ފައިނޭންސިންގެ އުސޫލުތަކާ އެއްގޮތަށް ބޭންކިން ފައިނޭންސް މެދުވެރިކޮށް" ކަމަށެވެ.
އަދި މަޝްރޫއުތައް ހިންގުމާ ހަވާލުވި ދިވެހި ވިޔަފާރިތަކަށް ބަރާބަރަށް ފައިސާ ލިބޭނެ ކަމުގެ ކަށަވަރުކަން ޒަމީރު ދެއްވި އެވެެ.
އެ މަޝްރޫއުތަކަށް ފައިނޭންސް ކުރާ ކުންފުނިތަކަށް މިނިސްޓަރު ވިދާޅުވީ އެ ކުންފުނިތަކުން ސަރުކާރަށާއި ރާއްޖޭގެ އިގްތިސާދަށް ކުރާ އިތުރުބާރު ސަރުކާރަށް މުހިއްމު ކަމަށެވެ. ބުރާސްފަތި ދުވަހު ސޮއިކުރި އެއްބަސްވުންތައް ހިމެނޭނީ އާއްމު އިންވެސްޓްމެންޓް ފްރޭމްވޯކެއްގެ ތެރޭގައި ކަމަށާއި ރިސްކް ކުޑަކުރުމަށް، ފައިސާ ދޭކަން ޔަގީންކުރުމާ އެކު، މަސަައްކަތް މޮނިޓާ ކުރާނެ އިންތިޒާމްތައް އެ ފްރޭމްވޯކްގައި ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެ އެވެ.
"އެހެންކަމުން ބޭންކްތަކަށް ވެސް ރަނގަޅު ފައިދާއެއް ލިބި، އިތުރު މަޝްރޫއުތަަކަށް ވެސް ފައިސާ ފޯރުކޮށްދިނުމުގެ މަގުފަހިވެގެންދާނެ،" ޒަމީރު ވިދާޅުވި އެވެ.
ބީއެމްއެލުން މިއަދު ނެރުނު ބަޔާނުގައި ބުނީ، އެ ބޭންކުގެ ބޯޑާއި މެނޭޖްމަންޓުން މަސައްކަތް ކުރަނީ ފުރިހަމަ ޕްރޫޑެންސާއި މިނިވަންކަމާއެކުގައި ކަމަށެވެ. ބޭންކުން ހިފަހައްޓަމުންދާ ކޯޕަރޭޓް ގަވާނަންސާއި ބައިނަލްއަގްވާމީ މިންގަނޑުތަކުން އެކަން ހާމަވާނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
"... ރާއްޖޭގެ ބައެއް އަމިއްލަ ކުންފުނިތަކާ އެކު ސަރުކާރުން ސޮއިކުރި މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންނަށް ބޭންކް އޮފް މޯލްޑިވްސް އިން މި ބޭންކުގެ ބޯޑުގެ ހުއްދައާ ނުލައި އަދި ލޯނު ދިނުމުގެ އުސޫލާ ހިލާފަށް ފައިސާ ދޫކުރަމުންދާ ކަމަށް ތުހުމަތުކޮށް ދައްކަމުންދާ ވާހަކަތައް މި ބޭންކުން ދޮގުކުރަމެވެ،" ބަޔާނުގައި ބީއެމްއެލުން ބުންޏެވެ.
ރާއްޖޭގައި އެންމެ ކަސްޓަމަރުން ގިނަ ބޭންކުން ބުނި ގޮތުގައި، އެ ބޭންކުން ހިފަހައްޓަމުން އަންނަނީ ބައިނަލްއަގުވާމީ ބޭންކިން ދާއިރާގެ އެންމެ ހަރުދަނާ މިންގަނޑުތަކެވެ. ބޭންކުގެ އޮނިގަނޑުތައް ގާއިމުކޮށްފައި ވަނީ ރާއްޖޭގެ ބޭންކިން ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް، އެމްއެމްއޭ އިން ކަނޑައަޅާފައިވާ ޕްރޫޑެންޝަލް ރެގިއުލޭޝަންތަކާއި ސްޓޭންޑާޑް ތަކުގެ އިތުރުން ބާސެލް 3 އަދި އައިއެފްއާރްއެސް 9 ފަދަ ބައިނަލްއަގުވާމީ ހަރުދަނާ ސްޓޭންޑާޑްތަކަށް ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.
"މީގެ އިތުރުން ބައިނަލްއަގުވާމީ އޮޑިޓް ފާމްތައް ދަނީ ގަވައިދުން ބޭންކު އޮޑިޓް ކުރަމުންނެވެ. އަދި މިނިވަން އޮޑިޓްތަކުން ބޭންކުގެ ހިންގުން ހަރުދަނާކަން ކަށަވަރުކުރެވެ އެވެ."
ބީއެމްއެލުން ފާހަގަކުރި ގޮތުގައި، އެ ބޭންކު ހިންގަނީ ބޯޑުން ފާސްކުރާ ސްޓެރެޓެޖީއާ އެއްގޮތަށް، ހިންގުމުގެ އެކިދާއިރާތަކަށް ބޯޑުން ކަނޑައަޅާ ޕޮލިސީ ތަކާ ވެސް އެއްގޮތަށެވެ. އަދި ބޭންކުގެ ބޯޑުން ނިންމާ ނިންމުމާއި ދޭ ލަފާތަކަށް އަމަލުކުރާ ކަމަށް ބުންޏެވެ.
"މިގޮތުން ބޭންކުން ދޫކުރާ ލޯނުތަކަކީ ބޭންކުގެ ކްރެޑިޓް ޕޮލިސީތަކާ އެއްގޮތަށް އަދި އެމްއެމްއޭ އިން ކަނޑައަޅާފައިވާ ގަވާއިދުތަކާ އުސޫލުތަކާ އެގޮތަށް ދޫކުރާ ލޯނުތަކެކެވެ. އެގޮތުން ލޯނު ދެއްކުމުގެ ގާބިލުކަން ހުރި ނެތް މިންވަރާއި ސިންގަލް ބޮރޯވާ އެކްސްޕޯޝާ އަދި ގްރޫޕް ބޮރޯވާ އެކްސްޕޯޝާ އަށް ވެސް ބަލާނެ އެވެ،" ބީއެމްއެލް އިން ބުންޏެވެ.
އެ ބޭންކުން ބުނީ ލޯނު ދިނުމުގެ ކުރިން، އެ ލޯނެއް އަނބުރާ ދެއްކުމުގެ ގާބިލުކަން ލޯނު ނަގާ ފަރާތަށް ލިބެނީ ކިހާވަރަކަށްތޯ އަބަދުވެސް ބަލާ ކަމަށެވެ. ލޯނު ދޭނީ "އަންޑާ ރައިޓިން" އުސޫލާ އެއްގޮތަށް ކަމަށާއި އެއީ ކޮންމެ ހާލަތެއްގައި ވެސް ބޭންކުން ލޯނު ދޫކުރާނެ އުސޫލު ކަމަށް ބުންޏެވެ.
ބީއެމްއެލްއިން ބުނި ގޮތުގައި އެކި ދާއިރާތަކަށް ލޯނުދޫކުރެވޭނެ މިންގަޑުތައް ވެސް ބޭންކުގެ ބޯޑުން ކަނޑައަޅާފައިވާ އިރު އޭގެ ތެރޭގައި ސީދާ ސަރުކާރުގެ ކަންކަމަށް ބޭންކުން އިންވެސްޓް ކުރެވޭނެ މިންވަރު ހިމެނެ އެވެ.
ސަރުކާރުން ގެރަންޓީ ދީގެން އެކި ފަރާތްތަކަށް ލޯނު ދޫކުރެވޭނެ މިންވަރާއި ސަރުކާރުން ލިބެންޖެހޭ ރިސީވަބަލްގެ މައްޗަށް ބިނާކޮށް އަމިއްލަ ފަރާތްތަކަށް ލޯނު ދޫކުރެވޭނެ މިންވަރުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ލޯނު ދޫކުރެވޭނެ މިންވަރު ވެސް ބޯޑުން ކަނޑައާފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ.