09 ނޮވެމްބަރ 2025 - 09:33

ޑިޕްރެޝަންގެ ބަލި ދުވަސްތަކެއް ވަންދެން ތަހައްމަލުކުރި ކަމަށް ބޮލީވުޑްގެ އެކްޓަރު ވިޖޭ ވަރްމާ ބުނެފި އެވެ.
ރިއާ ޗަކްރޮބަތީގެ ޕޮޑްކާސްޓަށް މިދިޔަ ހުކުރު ދުވަހު ދިން އިންޓަވިއުގައި ވިޖޭ ވަނީ އޭނާގެ ނަފުސާނީ ސިއްހަތާ ގުޅޭ ބައެއް ވާހަކަތައް ހިއްސާކޮށްފަ އެވެ. އޭނާ ޑިޕްރެޝަނާއި އެންޒައިޓީއަށް ޑައިގްނޯސްވެ، އެ ބައްޔަށް ފަރުވާ ކުރަން ޖެހުނެވެ.
ވިޖޭ ބުނީ އޭނާ ޑިޕްރެޝަނަށް ދިޔައީ މާ ބޮޑަށް އެކަނިވެރިކަމުގެ އިހުސާސްކުރެވިގެން ކަމަށެވެ. އޭރު ދިރިއުޅުނީ މުމްބާއީގައި ހުންނަ އެޕާޓްމަންޓެއްގައި އެކަނިމާ އެކަނި ކަމަށް އޭނާ ބުންޏެވެ.
"ނަސީބަކުން އެ އެޕާޓްމަންޓުގައި އޭރު ކުޑަ ޓެރަހެއް ހުރި، އެތަނަށް ނުކުމެލީމަ ކުޑަ ހިތްހަމަޖެހުމެއް ލިބޭ. އެހެން ނޫން ނަމަ ހަމަ މޮޔަވީސް،" އޭނާ ބުންޏެވެ.
އޭނާގެ ދިރިއުޅުން އޭރު ބިނާވެފައި އޮތީ ކޮންމެ ދުވަހަކު މަސައްކަތް ނިންމާފައި ގެއަށް ދިއުމާ މެދު އެކަނި ކަމަށާއި އޭގެ އިތުރަށް އެއްވެސް ކަމެއް ނުކޮށް އުޅުމާ އެކު މީހާ މާ ބޮޑަށް އެކަނިވެރިވެ، މާޔޫސްވާން ފެށީ ކަމަށް ވިޖޭ ބުންޏެވެ.
"ވަރަށް ބޮޑަށް އެކަނިވެރިވި، ވަރަށް ބިރުގަތް،" އޭނާ ބުންޏެވެ.
ގޭގައި ސޯފާއިން ނުތެދުވެވި ތިންހަތަރު ދުވަހު އޮތުމުން އެކަން މާ ބޮޑަށް ގޯސްވަނީކަން އަމިއްލައަށް ވެސް އިހުސާސްކުރެވެން ފެށި ކަމަށް އޭނާ ބުންޏެވެ.
އެއީ ވިޖޭގެ ވެބް ސީރީޒް "ދަހާދް"ގެ މަސައްކަތްތައް ކުރިއަށް ގެންދިޔަ ދުވަސްވަރެވެ. ސޮނާކްޝީ ސިންހާ އާއި ވިޖޭ ލީޑު ރޯލު ކުޅުނު އެ ސީރީޒް ގެނެސްދިނީ 2023 ގަ އެވެ.
ވިޖޭ ބުނީ އޭނާއަށް އެންމެ ދަތިވި އެ ވަގުތުގައި ކައިރީގައި ތިބީ އާމިރް ޚާންގެ ދަރިފުޅު އިރާ ޚާން އާއި "ދަހާދް"ގެ ކޯ-ސްޓާރު ގުލްޝަން ދޭވިއާ ކަމަށެވެ. "ދަހާދް"ގެ މަސައްކަތްތަކަށް އިރާގެ އެހީތެރިކަން ލިބުނު ކަމަށާއި އެ ދުވަސްވަރު ދިމާވެ އޭނާއާ ގާތް ރައްޓެހިކަމެއް އުފެދުނީ ކަމަށް ވިޖޭ ބުންޏެވެ.
"އަހަރެމެން ތިން މީހުން ޒޫމް އިން ގުޅައިގެން އޭރު ވަރަށް ވާހަކަދައްކާނެ. އެކަމަކު، އަހަރެންގެ ހާލަތު ވަކި ރަނގަޅެއް ނުވޭ. އެންމެ ފުރަތަމަ އެކަން އެނގުނީ އިރާއަށް. އިރާއަށް އެކަން އެނގިގެން ބައެއް ދުވަސް ދުވަހު އަހަރެން ލައްވާ ވޯކްއައުޓް ވެސް ހަދުވާނެ ޒޫމް ކޯލްގައި،" ވިޖޭ ބުންޏެވެ.
ޑޮކްޓަރަށް ދައްކައި ބައްޔަށް ފަރުވާ ހޯދި ކަމަށާއި އަދި ދުވަސްތަކެއް ވަންދެން ތެރަޕީއަށް ދިޔަ ކަމަށް ވެސް ވިޖޭ ބުންޏެވެ.
ވިޖޭ ދެން އެންމެ އަވަހަށް ފެންނާނީ މި މަހު 28 ގައި ރިލީޒްކުރާ "ގުސްތާކް އިޝްގް" އިންނެވެ. ފާތިމާ ސަނާ ޝެއިހްއާ އެކު ވިޖޭ ލީޑް ރޯލު ކުޅޭ އެ ފިލްމަކީ އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރު މަނީޝް މަލްހޯތުރާ ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމެވެ.