09 ނޮވެމްބަރ 2025 - 09:32

ދަރިއަކު ލިބި ފިލްމީ މަސައްކަތްތަކާ ދުރަށް ދިއުމުގެ ކުރިން ބޮލީވުޑްގެ ތަރި އަނުޝްކާ ޝަރްމާ އެންމެފަހުން ކުޅުނު ފިލްމު "ޗަކްދާ އެކްސްޕްރެސް" ރިލީޒްކުރަން މަޝްވަރާކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
"ޗަކްދާ އެކްސްޕްރެސް"ގެ ޝޫޓިން ނިމި، 2022 ވަނަ އަހަރު ރިލީޒްކުރާ ގޮތަށް ހަމަޖެއްސި ނަމަވެސް، އެ ފިލްމުގެ މަސައްކަތްތައް ވަކި ހިސާބަކުން ހުއްޓުނީ އެވެ.
އެ ފިލްމުގެ މަސައްކަތް ހުއްޓުނީ ފިލްމު ޕްރޮޑިއުސްކުރި ނެޓްފްލިކްސް އިން އުއްމީދުކުރި ވަރާ ގާތަށް ވެސް މަސައްކަތްތައް ކޮށްފައި ނުވާތީ ކަމަށް އޭރު އަޑު ފެތުރުނެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، "ޗަކްދާ އެކްސްޕްރެސް"ގެ މަސައްކަތް އަލުން ފަށައި، އެ ފިލްމު ރިލީޒްކުރަން އޭގެ އުފެއްދުންތެރިން މިހާރު ވަނީ ނެޓްފްލިކްސްގައި އެދިފަ އެވެ. އަދި އެގޮތަށް އެދުނީ ތާރީޚުގައި ފުރަތަމަ ފަހަރަށް އިންޑިއާގެ އަންހެން ކްރިކެޓް ޓީމުން މި އަހަރުގެ ވޯލްޑް ކަޕް މުބާރާތް ކާމިޔާބުކުރުމާ ވެސް އެކީގަ އެވެ.
"ޗަކްދާ އެކްސްޕްރެސް"އަކީ އިންޑިއާގެ އަންހެން ކްރިކެޓް ޓީމްގެ ކުރީގެ ކެޕްޓަން ޖުލަން ގޯސްވާމީގެ ހަޔާތަށް ބިނާކޮށް ގެނެސްދޭ ބަޔޮޕިކް ފިލްމެކެވެ.
އެ ފިލްމުގައި ރަނގަޅުކުރަން ހުރި ކަންކަން އިސްލާހުކޮށް، ސްޓްރީމިން އަށް ދޫކޮށްލަން ނެޓްފްލިކްސް އިން މިހާރު މަޝްވަރާތައް ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުންޏެވެ.
އަނުޝްކާ އެންމެފަހުން ފެނުނު ފިލްމަކީ 2018 ވަނަ އަހަރު ގެނެސްދިން ޝާހްރުކް ޚާންގެ ފިލްމު "ޒީރޯ" އެވެ.
އަނުޝްކާ އާއި އޭނާގެ ފިރިމީހާ އަދި ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީގެ ދެ ކުދިން މިހާރު ތިބެ އެވެ. އަދި އެ ދެމަފިރިން މިހާރު ވަނީ ދިރިއުޅުން ލަންޑަނަށް ވެސް ބަދަލުކޮށްފަ އެވެ. ކުދިން ލިބުމާ އެކު އަނުޝްކާ ވަނީ ފިލްމީ މަސައްކަތްތަކާ ދުރަށް ޖެހިލައިފަ އެވެ.