09 ނޮވެމްބަރ 2025 - 07:02

ތޫފާން ފަންގް- ވޮންގް މިއަދުގެ ވަގުތެއްގައި ފިލިލީންސަށް އަރާނެ ކަމަށް ލަފާކުރެވޭ އިރު އެ ތޫފާނު "ސުޕަ ޓައިފޫން" އެއްގެ ދަރަޖައަށް ބާރުގަދަވެެއްޖެ އެވެ.
ތޫފާނުގެ ބާރު އެހާ ގަދަވުމުން، ގަދަ ވަޔާއި ބޯކޮށް ވާރޭ ވެހުން އަދި ސްޓޯމް ސާޖް (ތޫފާނީ އުދަ) އަރައި ބޮޑެތި ގެއްލުންތައް ލިބޭނެ ކަމަށް ބެލެވޭތީ ފިލިޕީންސް ސަރުކާރުން މިހާރު ވަނީ 100،000 މީހުން، އެހެން ހިސާބުތަކަށް ބަދަލުކޮށްފަ އެވެ.
މޫސުން ގޯސްވުމުން ނެރޭ އެލާޓްތައް ފިލިޕީންސްގެ ބޮޑު ބަޔަކަށް ނެރެފައި ވާއިރު އެގައުމުގެ ދެކުނުގައިވާ ކެޓަންޑުއާންސް އާއި އައްސޭރިފަށުގެ ސަރަހައްދެއް ކަމަށްވާ ކެމަރިންސް ނޯޓޭ އަދި ކެމަރިންސް ސޫރް އަށް ވަނީ އެންމެ މަތީ އެލާޓް ކަމަށްވާ "އެލާޓް 5 " ނެރެފަ އެެވެ. ވެރިރަށް މެނީލާއާއި އެ ސަހަރުގެ ވަށައިގެންވާ ސަރަހައްދުތަކަށް ނެރުނީ "އެލާޓް 3" އެވެ.
އާއްމުކޮށް ވައިޖެހޭ ބާރުމިން ގަޑިއަކު 185 ކިލޯމީޓަރު ހުރެފައި ވައިގަދަވާ ވަގުތުތަކުގައި ވައިގަދަވާ ވަގުތު ތަކުގައި 235 ކިލޯމީޓަރަށް ގަދަވާ ވަޔާ އެކު ތޫފާން ފަންގް-ވޮންގް ފުރަތަމަ އަރާނެ ކަމަށް ބެލެވެނީ މިރޭގެ ވަގުތެއްގައި، ކެޓަންޑުއާންސްގެ ލޫޒޯން ނަމަކަށްކިޔާ ރަށަށެވެ.
އެ ތޫފާނުގެ އަސަރުކޮށް، ވިސަޔަސް ނަމަކަށް ކިޔާ ސަރަހައްދުން މިހާރު ވެސް ވަނީ ކޮންމެވެސް ވަރަކަށް ކަރަންޓު ކެނޑިފަ އެވެ.
ތޫފާން ފަންގް-ވޮންގް ފިލިޕީންސް އަށް މި އަރަނީ ބާރުގަދަ އެހެން ތޫފާނެއް ކަމަށްވާ ކަލްމައެގީ އެގައުމަށް އަރައި ބޮޑެތި ގެއްލުންތަކެއް ލިބުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގަ އެވެ. އެ ތޫފާން އެރުމުގެ ސަބުން ފިލިޕީންސް އިން 204 މީހުން މަރުވި އެވެ.