08 ނޮވެމްބަރ 2025 - 23:55

ރާއްޖެ އަށް ވަގަށް ސިނގިރޭޓް އެތެރެކުރި މައްސަލައިގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކޮށް، ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުން މިދިޔަ މަހުގެ 29 ގައި ވަކިކުރި މަހުމޫދު ރިޔާޒުގެ މަގާމު އިޔާދަ ކުރަން ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާއެރުވުމާ ގުޅިގެން އޭނާގެ ވަޒީފާ މިރޭ އިޔާދަކޮށްފި އެވެ.

އެކަން އިއުލާން ކުރެއްވީ ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ދެންމެ ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގަ އެވެ.
ހީނާ ވިދާޅުވީ، މަހުމޫދު ރިޔާޒާ ގުޅޭ މައްސަލަތައް 241 ކޮމިޓީން އިތުރަށް ތަހުގީގު ކުރިއިރު، އެ މައްސަލަތަކުގައި އޭނާގެ ބައިވެރިވުމެއް ނެތް ކަމަށް އެ ކޮމިޓީން ނިންމައި، ވަޒީފާ އިޔާދަ ކޮށްދިނުމަށް ކޮމިޓީން ރައީސަށް އަރުވާފައިވާ ލަފައާ އެއްގޮތަށް ވަޒީފާ މިރޭ އިޔާދަ ކުރައްވާފައިވާ ކަމަށެވެ.
ކަސްޓަމްސް ގާނޫނުގައިވާ ގޮތުން އެ އިދާރާ އަށް ޑެޕިއުޓީ ކޮމިޝަނަރުން އައްުަންކޮށް، ވަކިކުރާނީ ރައީސުލްޖުމްހޫރިއްުޔާ އެވެ.
ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި، ޗީފް ސުޕްރިންޓެންޑެންޓް އޮފް ކަސްޓަމްސް އަށް ވުރެ މަތީ ރޭންކެއްގައި ހުރި ކަސްޓަމްސްގެ މުވައްޒަފަކަށްވުން ހިމެނެ އެވެ. ކަސްޓަމްސްގެ މުވައްޒަފުންގެ ގަވާއިދަށް އެ އިސްލާހު ގެނައީ މި ސަރުކާރުގައި މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ.
ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުން މަހުމޫދު ރިޔާޒު ވަކިކުރަން ރައީސް މުއިއްޒަށް 241 ކޮމިޓީން ލަފާއެރުވީ، ހޯކްސް ކުންފުނީގެ ބޯޓެއްގައި ރާއްޖެ އަށް ގާނޫނާއި ގަވާއިދާ ހިލާފަށް ސިނގިރޭޓުތަކެއް އެތެރެކުރި މައްސަލަ އާއި ބޮންޑެޑްވެއާ ހައުސްއެއްގައި ހުރި ސިނގިރޭޓު ކާޓަންތަކެއް ކަސްޓަމްސް އަށް ނޭނގި ގާނޫނާއި ގަވާއިދާ ހިލާފަށް އެ ތަނުން ނެރުނު މައްސަލައެއްގަ އެވެ.
ނަމަވެސް މަހުމޫދު ރިޔާޒު ވެސް އަމިއްލަ ދިފާއުއަށް ނުކުމެވަޑައިގެންނެވިއިރު، ކަސްޓަމްސްގެ ގިނަ އޮފިސަރުންތަކެއް ވެސް ފާޅުގައި ބުނަމުން އައީ އެއީ އެފަދަ ކަމެއް ކުރައްވާނެ ބޭފުޅެއް ނޫން ކަމަށެވެ.
"މާތްﷲ ގަންދީ ހުވާކުރަން އެއްވެސް ގޯސް އަމަލެއްގައި ބައިވެރިއެއް ނުވަން އަދި ނުވެސް ވާނަން،" މަހުމޫދު ރިޔާޒު މަގާމުން ވަކިކުރުމާ އެކު، ކަސްޓަމްސްގެ ކޮމިއުނިޓީ ގްރޫޕުގައި މިދިޔަ މަހުގެ 29 ގައި ލިޔުއްވި މެސެޖުގައި އޭނާ ވިދާޅުވެފައި ވެ އެވެ.
އެ ސަބަބުތަކާ ހެދި، ކަސްޓަމްސް އަށް 33 އަހަރު ހިދުމަތް ކުރައްވާފައިވާ މަހުމޫދު ރިޔާޒު މަގާމުން ވަކިކުރި މައްސަލަ އަލުން ބަލައިދޭން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) 241 ކޮމިޓީ އަށް ހުށަހެޅުއްވި އެވެ.
އެހެންވެ، އެ ކޮމިޓީގެ މެމްބަރުން މިދިޔަ ބުރާސްފަތި ދުވަހު އެއްވެ، އިތުރަށް އެ މައްސަލަ ބެލުމަށް ފަހު ނިންމީ ހޯކްސް ކުންފުނީގެ ބޯޓެއްގައި ރާއްޖެ އަށް ގާނޫނާއި ގަވާއިދާ ހިލާފަށް ސިނގިރޭޓުތަކެއް އެތެރެކުރި މައްސަލަ އާއި ބޮންޑެޑްވެއާ ހައުސްއެއްގައި ހުރި ސިނގިރޭޓު ކާޓަންތަކެއް ކަސްޓަމްސް އަށް ނޭނގި ގާނޫނާއި ގަވާއިދާ ހިލާފަށް އެ ތަނުން ނެރުނު މައްސަލާގައި މަހުމޫދު ރިޔާޒުގެ ސީދާ ބައިވެރިވުމެއް ނެތް ކަމަށެވެ. އަދި އެ ނިންމުމާ އެކު، އޭނާގެ މަގާމު އަލުން އިޔާދަ ކޮށްދެއްވަން ރައީސް މުއިއްޒަށް ލަފާއަރުވަން އެ ދުވަހު ކޮމިޓީން ފާސްކުރި އެވެ.
ހޯކްސް ކުންފުނީގެ ބޯޓެއްގައި ރާއްޖެ އަށް ގާނޫނާއި ގަވާއިދާ ހިލާފަށް ސިނގިރޭޓުތަކެއް އެތެރެކުރި މައްސަލަ އާއި ބޮންޑެޑްވެއާ ހައުސްއެއްގައި ހުރި ސިނގިރޭޓު ކާޓަންތަކެއް ކަސްޓަމްސް އަށް ނޭނގި ގާނޫނާއި ގަވާއިދާ ހިލާފަށް އެ ތަނުން ނެރުނު މައްސަލަ 241 ކޮމިޓީން ބެލުމަށް ފަހު ރައީސް މުއިއްޒަށް ފޮނުއްވި ސިއްރު ސިޓީއަކަށް ރިއާޔަތް ކުރައްވައި މަހުމޫދު ރިޔާޒުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުން ދެން ވަކިކުރެއްވީ އަބްދުﷲ ވަހީދެވެ.
ނަމަވެސް އަބްދުﷲ ވަހީދުގެ ބައިވެރިވުން އޮތް ކަމަށް "ޔަގީން ކުރެވޭތީ" އެ މައްސަލަ ކޮމިޓީން އިތުރަށް ނުބަލާ ކަމަށް 241 ކޮމިޓީގެ އިސް މެމްބަރަކު މިއަދު ވިދާޅުވި އެވެ.
މަހުމޫދު ރިޔާޒު ކަސްޓަމްސްގެ ޑެޕިއުޓީއަކަށް އައްޔަން ކުރެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޖޫން 25، 2020 ގަ އެވެ. އަބްދުﷲ ވަހީދު އައްޔަން ކުރެއްވީ މި ސަރުކާރުން، ޖެނުއަރީ 3، 2024 ގަ އެވެ.
ރައްޔިތުންގެ މަޖިލިހުގެ 241 ކޮމިޓީން ރައީސަށް ފޮނުވި ސިއްރު ސިޓީއާ ހަވާލާދީ، އެ މަނިކުފާނު ވަނީ އެ ކޮމިޓީން ބެލި ސިނގިރޭޓުގެ މައްސަލަތަކާ ގުޅިގެން ކަސްޓަމްސްގެ ތިން އޮފިސަރަކަށް ވެސް އެ އިދާރާގެ ގާނޫނުގެ ތެރެއިން މައްސަލަ ބަލައި، ފިޔަވަޅު އަޅައި ދިނުމަށް އެދިވަޑައިގެންފަ އެވެ. އެހެންވެ، އެ ތިން އޮފިސަރުންގެ މައްސަލަ ބަލަމުން އަންނަ ކަމަށް ކަސްޓަމްސް އިން މިދިޔަ ހަފުތާގައި ބުނެފައި ވެ އެވެ.